ރާއްޖެ، އިންޑިއާގެ އުނގަށް ވެސް ވެއްޓިގެން ނުވާނެ

17 ނޮވެމްބަރު 2018: މޯދީ އާއި ރައީސް ސޯލިހު ރައީސް އޮފީހުގައި. -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފޮރިން ޕޮލިސީ ބައްޓަން ކުރި ގޮތުން އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ، ރާއްޖެ ޗައިނާގެ އުނގަށް ވެއްޓި ރާއްޖޭގެ ހުރިހާ ކަމެއްގައި އެ ގައުމުން ބަސްކިޔަމުން ދިޔުމެވެ. ނަތީޖާއަކަށްވީ ރާއްޖޭގެ އެންމެ އަވަށްޓެރި ރަހުމަތްތެރިޔާ، އިންޑިއާޔާ މޫނުކެނޑި ދެ ގައުމުގެ ދެމެދު ޒުވާބުތައް ފެށުމެވެ.

އޭރުގެ އިދިކޮޅު ފަރާތްތައް އަދި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ނަޒަރުގައި ރާއްޖެ ގެންގުޅެން ޖެހޭނީ ވަކި ކޮޅަކަށް ނުޖެހޭ ބެލެންސް، ހާރިޖީ ސިޔާސަތެކެވެ. ރާއްޖެއަކީ ޗައިނާ-އިންޑިއާގެ ކޯޅުމުގެ ތެރޭގައި ތާށިވެ، ފިތޭ ގައުމަކަށް ވެގެން ނުވާނެ ކަމަށް އެބޭފުޅުން ގެންދިޔައީ ވަކާލާތު ކުރައްވަމުން އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށުމާ އެކު އިންޑިއާ- ރާއްޖޭގެ ގުޅުން ބަދަހިވެ އަލުން މިތުރުންނަށް ވެއްޖެ އެވެ. އޭގެ އެންމެ ފުރިހަމަ ދަލީލަކީ، ރައީސް ސޯލިހު ރައީސްކަމުގެ ހުވާ ކުރެއްވި ފަހުން އިންޑިއާގެ ބޮޑުވަޒީރުގެ ދެވަނަ ދަތުރުފުޅު މިއަދު ރާއްޖެއަށް ފެއްޓެވުމެވެ. ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، ރައީސް ސޯލިހު ވެސް އަވަސްވެވަޑައިގަތީ އިންޑިއާއަށް ވަޑައިގަތުމަށެވެ. އެ ގައުމުގެ ދީލަތި އެހީތައް ވެސް ރާއްޖެއަށް އޮހެން ވެސް ވަނީ ފަށައިފަ އެވެ. އެ ހުރިހާ ކަމަކުން ވެސް ދަލީލު ކުރަނީ ދެ ގައުމު ގާތްވެފައިވާ މިންވަރެވެ.

ހާރިޖީ ސިޔާސަތު އެއްއަތަކަށް ބުރަވަނީ؟!

ރާއްޖޭގެ ހާރިޖީ ސިޔާސަތު ބެލެންސް ކުރައްވައި އެންމެންނަކީ ވެސް ރަހުމަތްތެރިންގެ ގޮތުގައި ބައްލަވާނެ ކަމަށް ރައީސް ސޯލިހު ވައުދުވެ ވަޑައިގަތް ނަމަވެސް، އެ މަގުން ހާރިޖީ ސިޔާސަތު ނުދާކަމުގެ އަޑުތައް ގަދަވެ، ކަންބޮޑުވުންތައް މި އޮތީ ބޮޑުވެފަ އެވެ.

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން "ސަން"އަށް ވިދާޅުވި ގޮތުގައި، ވަރަށް ކުދި ކުދި ކަންކަން ކުރުމުގައި ވެސް އިންޑިއާގެ އެހީތައް ރާއްޖެ ހޯދަން ފަށައިފި ކަމަށާއި އެއީ ވަރަށް ނުބައި ފާލެއް ކަމަށެވެ. އެކަމުގެ ސަބަބުން ފޮރިން ޕޮލިސީ އެެއް އަތަކަށް ބުރަވެ މިނިވަން ގައުމެއްގެ ގޮތުގައި އަމިއްލަ ނިންމުންތައް ނިންމުމަށް ރާއްޖެއަށް އުނދަގޫ ވެދާ ފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. ދުންޔާގެ ވިސްނުމުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮންނަވީ ވަކިކޮޅަކަށް ނުޖެހި އެވެ.

"އިންޑިއާއަކީ ރާއްޖެއިން ކޮންމެހެން ގުޅުން އޮންނަން ޖެހޭނެ ގައުމެއް. އެއީ ފައިދާ ކުރަނިވި ގޮތަކަށް ބޭއްވި ދާނެ ގުޅުމެއް. އެކަމަކު ހުރިހާ ކަމެއް ކުރަން، ކިތަންމެ ކުޑަ ކަމެއް ކޮށްލަންވެސް އިންޑިއާގެ އެހީ ހޯދަންޏާ އޭގެން ރާއްޖެ ދައްކަން ޖެހޭ އަގަކީ ކޮބައިބާއޭ؟ އަމިއްލަ މިނިވަން އިސްތިގުލާއެއް އޮތް ގައުމެއްގެ ގޮތުގައި ރާއްޖެ އިން އަމިއްލައަށް ބަސް ބުނެވޭ ނިންމުންތައް ނިންމޭ ގައުމެއްގެ ގޮތުގައި އޮންނަން އެގޮތަށް އިހުތިރާމް ކޮށްގެން ކުރިއަށް ދަންޔާ މިއީކީ މައްސަލައެއް ނޫން،" ދުންޔާ ވިދާޅުވި އެވެ. "ބެލެންސް ފޮރިން ޕޮލިސީއެއް ނެތި ވަކި ބަޔެއްގެ ޕްރޯ ޕޮލިސީއެއް އޮވެއްޖެ ނަމަ އޭގެއިން ފިއްތުންތައް ހުންނާނެ. އެކަމަށް ސަމާލުކަން ދީގެން ފޮރިން ޕޮލިސީ އޮންނަންވާނީ،"

ރައީސް ސޯލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުން ދިން، 100 މިލިއަން ރުފިޔާ (6.9 މިލިއަން ޑޮލަރު)ގެ ތެރެއިން ޖުމްލަ 13 މަޝްރޫއަކަށް ހަރަދުކުރަން ނިންމި އިރު އޭގެ ތެރޭގައި ހުރީ ނިސްބަތުން ވަރަށް ވެސް ކުދި މަޝްރޫއުތަކެވެ. ރަށްރަށުގެ ގޮޑުދޮށް ހިމާޔަތް ކުރުމާއި ރަށްރަށުގެ ކްލާސް ރޫމްތައް އެޅުން ކަހަލަ ދައުލަތުގެ ބަޖެޓް ތެރެއިން މެނޭޖްކޮށްލެވޭނެ ވަރުގެ ކުޑަކުޑަ ކަންކަމެވެ.

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުކަމުގެ މަގާމު ފުރުއްވި އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި ރާއްޖެއަކީ އެއްވެސް ގައުމެއްގެ ތައްޕާހުގައި ކައިގެން ބޮއިގެން އުޅެން ޖެހޭ ގައުމެއްގެ ގޮތަށް ސިޔާސަތުތައް ބައްޓަން ވެގެނެއް ނުވާނެ އެވެ. ދޭދޭ ގައުމުތަކާ އެކު ގުޅުން ބާއްވަން ޖެހޭނީ ވަކި ހުދޫދެއްގެ ތެރޭގައި ކަމަށް ވެސް އޭނާ ގަބޫލު ކުރައްވަ އެވެ. އެހެން ނޫނީ، ކައިރި މުސްތަގުބަލެއްގައި ރާއްޖެއިން ކުރަން ޖެހުނު ހިތި ތަޖުރިބާ އަލުން ކުރަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޑިއާޔާ އެކު ގުޅުން އެބަ އޮންނަން ޖެހޭ. އެކަމަކު ރަތް ރޮނގު ހުރަސްކޮށްގެން ނުވާނެ. ރާއްޖެއަކީ ވެސް ވަކި މިނިވަން ގައުމެއް. އެކަން ހަނދާން ބަހައްޓަން ވާނެ. މީގެ ކައިރި މާޒީގައި ވީގޮތަށް ވަކި ގައުމަކަށް މާބޮޑަށް ބަރޯސާވެގެން ދިޔުމަކީ ބައިނަލްއަގުވާމީ ނިންމުންތަކުގައި އަމިއްލަ ސޭ ނޯންނަ ހިސާބަށް ދިޔުން. އެކަމުން އަޅުގަނޑުމެން ފިލާވަޅު ލިބިގަންނަން ޖެހޭނެ،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

އިންޑިއާޔާ ރުޅިއެއް ނުވެވޭނެ

އެންމެން ވެސް އިއްތިފާގުވާ ކަމަކީ އިންޑިއާޔާ ރުޅި ހަދާލައިގެން ރާއްޖެއަށް އުޅެވެން ނެތް ކަމަށެވެ. އެކަމަކު އިންޑިއާ ވިޔަސް އެހެން ގައުމަކާ އެކުގައި ކަމަށް ވިޔަސް ހާރިޖީ ގުޅުންތައް ވެސް އޮންނަން ޖެހޭނީ ވަކި އިމެއްގަ އެވެ. އަދި އެ ގުޅުމަކީ އެހެން ގައުމުތަކާ އޮންނަ ހާރިޖީ ގުޅުންތައް ބުރު އަރާ ކަމަކަށް ވެގެން ނުވާނެ ކަމަށް ހާރިޖީ ދާއިރާގެ ބޭފުޅުން ގަބޫލު ކުރައްވަ އެވެ.

"ކީއްވެގެން ތޯ އިންޑިއާޔާ ގުޅުން އޮތީމާ ޗައިނާއާ އޮންނަ ގުޅުން ގޯސްވާންވީ. ވިސްނަވާ! މިސާލަކަކަށް، ބޫޓާން ނޭޕާލް އަދި ހުދު އިންޑިއާގައި ވެސް އެބައޮތް ޗައިނާގެ އިންވެސްޓްމަންޓްތައް. އިންޑިއާއަކުން ނޫޅޭ އެކަން ބޮޑުވެގެނެއް. މީގައި ރާއްޖެއަށް ވީ ގޮތަކީ ބަޔަކު ގަސްތުގައި އިންޑިއާ-ރާއްޖެ ޖައްސަން އުޅުނީ. އޭގެ ތެރެއަށް އިންޑިއާގެ ޕޮލިޓީޝަނުން ވެސް ވަދެ ރާއްޖެއަށް ހުތުރުކޮށް އެއްޗިހި ކިޔާ މިކަހަލަ ކަންތައްތަކެއް ދިޔައީ. އެއީ ސިޔާސީ ގޮތުން ހިނގި ކަމެއް. އެހެން ވީމާ، ހާރިޖީ ގޮތުން އޭގެ ޒާތުގައި ރާއްޖެ އިންޑިއާޔާ ގުޅުން ބަދަހިވުމަކީ އެހެން ގައުމުތަކާ ރުޅިވާން ޖެހޭ ސަބަބެއް ނޫން. ހަމަ އިންޑިއާޔާ ގުޅުން ބާއްވަމުން ޗައިނާއާ ގުޅުން ބޭއްވޭނެ،" ރާއްޖޭގެ ހާރިޖީ ދާއިރާގައި 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި އަބްދުލްއަޒީޒް ޔޫސުފް، (އަޒީ) ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ވާން ޖެހޭނީ، އިންޑިއާ ކަނޑުގެ ސުލްހަޔަކީ އެންމެ މުހިންމު ކަންތައް ކަމުގައި ބަލައިގެން އެވެ. ރާއްޖެ އޮތީ އިންޑިއާ ކަނޑުގެ ސްޓްރެޓެޖިކް ލޮކޭޝަނެއްގައި ކަމަށްވާ އިރު އެތައް ޓްރިލިއަން ޑޮލަރުގެ މުދަލެއް ރާއްޖެ ހިމެނޭ ޗެނަލުން ދައުރުވާއިރު އިންޑިއާ ކަނޑުގެ ތެރެއަށް ވަކި ބަޔަކަށް ނުފޫޒު ފޯރުވަން ރާއްޖެއިން ފުރުސަތު ނުދޭ ނަމަ ބެލެންސް ހާރިޖީ ސިޔާސަތެއް ވެސް ބޭއްވި ދާނެ އެވެ.

"މީގެ އެތައް އަހަރެއް ކުރިން ބޮޑުވަޒީރު [އަހުމަދު] ޒަކީ އޮންނާނެ ވިދާޅުވެފައި ދުނިޔޭގެ މީޑިއާގައި، އިންޑިއާ ކަނޑަކީ ސުލްހައިގެ ކަނޑެއްގެ ގޮތުގައި ރާއްޖެއިން ބާއްވައިދޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވެފައި. އެއީ ވަރަށް ވިސްނާފައި ވިދާޅުވި ވާހަކަފުޅެއް. އެކަން ރާއްޖެ އިން ކަށަވަރު ކުރަންޏާ ބެލެންސް ހާރިޖީ ސިޔާސަތެއް ރާއްޖެއަށް ނުބޭއްވެންވީ އެއްވެސް ސަބަބެއް ނެތް. އެގޮތުގައި ކުރިއަށް ދާން ޖެހޭނީ،" އެމްބެސެޑާ އެޓް ލާޖް ކަމާއި އިންޑިއާގައި ހުންނަ ރާއްޖޭގެ ސަފީރުކަން ވެސް ކުރެއްވި އަޒީ ވިދާޅުވި އެވެެ.

ފިތުނައިގެ ހުޅު ރޯކުރާ ބަޔަކަށް ނުވާނެ

މޯދީގެ ދަތުރާ އެކު ރާއްޖެ-އިންޑިއާގެ މެދުގައި މީގެ އަހަރެއް ދުވަސް ކުރިން އުފެދުނު ރުޅިވެރިކަން ނިމި އުފާވެރި ދުވަސްތައް އަލުން ފެށިފައިވާކަމުގެ ޔަގީންކަން ލިބޭއިރު، ބޮޑުވެ އޮލަވަމުން އަންނަ ކަންބޮޑުވުމަކީ އެހެން ގައުމުތަކާ އެކު ރާއްޖެއިން ގުޅުން ބަދަހި ކުރަން ކުރާ މަސައްކަތް ތިލަވެގެން ނައުމެވެ. ހާއްސަކޮށް ޗައިނާގެ ބޮޑެތި އިންވެސްޓްމަންޓްތަކެއް ރާއްޖޭގައި ހުރި އިރު، އެ ގައުމާ އެކު އޮންނަ ގުޅުން ބަދަހި ކަމުގެ ކުލަވަރު މި ސަރުކާރުން ނުފެނުމެވެ.

އެހެން ނަމަވެސް އެ ހުރިހާ ކަންބޮޑުވުމަކަށް، ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވާ ވަރުގަދަ ރައްދެއް ވެސް އެބަ އޮތެވެ. މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަކީ އިންޑިއާ- ޗައިނާގެ ދެ ގައުމުގެ ދެމެދުގެ ވާދަވެރިކަމުގައި ފިތުނަ އުފައްދައި ހުޅު ރޯކުރާނެ ބައެއް ނޫނެވެ. އެ ވާދަވެރި ކަމަށް ރާއްޖެ ނުވަންނާ އެވެ. އޭގެ ބަދަލުގައި ރާއްޖެއިން ބަލާނީ ކޮންމެ ގައުމަކާ އެކު ވެސް އޮންނަ ގުޅުމުން ރާއްޖެ އިން ފައިދާތަކެއް ހޯދާށެވެ. އަދި އިންޑިއާއަކީ އެންމެ އަވަށްޓެރި ގައުމަށް ވާއިރު އެ ގައުމާ އެކު ހާއްސަ ގުޅުންތަކެއް އޭގެ ޒާތުގައި ވެސް އޮންނާނެ އެވެ. އެކަމަކު އޭގެ މާނައަކީ އެހެން ގައުމުތައް ބާކީ ކުރުން ނޫން ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ.

"މި ވެރިކަމުގައި ޗައިނާ އާ ގުޅުން ގޯސްވެ އިންޑިއާ އާ އަލުން ގާތްވާނެކަމަށް ދެކެވޭ ވާހަކަތަކަކީ ބައިނަލްއަގުވާމީ ކަންތައްތަކުގައި "ޅަ ކަމުން" ދައްކާ ވާހަކަތަކެއް. އެއީ އަޅުގަނޑުމެންނަކީ އިންޑިއާ ކަނޑުގައި އޮތް ކުޑަ ޖަޒީރާ ގައުމެއް، އަޅުގަނޑުމެން ނުވާނެ ބޮޑެތި ގައުމުތައް ތޮޅުވާ ބަޔަކަށް ވެގެނެއް، އެއް ގައުމު އަނެއް ގައުމެއް ގުޑި އެއްލައިގެން ތޯޅުވާ ގޮތަށް އުޅޭ ބަޔަކަށް އަޅުގަނޑުމެން ވެގެން ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ. "އޭރުން ރާއްޖެއަށް ބޮޑި ލިބޭނީ. އެބޮޑި ލިބުނަަކަ މި ސަރުކާރުން ނުދޭނެ."

ހާރިޖީ ދާއިރާގެ ތަޖުރިބާކާރުންގެ ނަޒަރުގައި ވެސް އިންޑިއާ އިން ހާއްސަ ގޮތްތަކެއް ގިނަ ފަހަރަށް ރާއްޖެއާ މެދަކު ނުގެންގުޅެ އެވެ. ކުރިން ވާހަކަ ދެއްކެވި އަޒީގެ ނަޒަރުގައި މޯދީގެ މިއަދުގެ ދަތުރުފުޅަކީ ވެސް ކޮންމެހެން މާ ހާއްސަ ދަތުރުފުޅެއް ނޫނެވެ. މިއީ ސާކް ގައުމުތަކަށް ކުރައްވާ އާދައިގެ ދަތުރުފުޅެކެވެ. ގިނަ ފަހަރަށް މި ދަތުރުތަކުން މާ ބޮޑެތި ފައިދާތަކެއް ޒިޔާރަތް ކުރާ ގައުމަކަށް ނުވެ އެވެ. އެއީ ހަމައެކަނި ރަމްޒީ ކަމެކެވެ. އެކަމަކު އަޒީ ވެސް ދެކެވަޑައިގަންނަވާ ގޮތުގައި، އިންޑިއާއަކީ ސަރަހައްދުގެ އެންމެ ގިނަ ވަސީލަތް އޮތް ގައުމެވެ. އެ ގައުމުގެ ރިސޯސްތަކުގެ ފައިދާ ނެގޭނެ ގޮތަކަށް ރާއްޖެއިން ވިސްނުމަކީ އެންމެ މޮޅު ގޮތެވެ.

"އިންސާނީ ވަސީލަތް، ގުދުރަތީ ވަސީލަތް މިހެން ގޮސް އިންޑިއާއަކީ ހަމަ މި ސަރަހައްދުގައި އޮތް ބޮޑު ގިނަ ރިސޯސް އޮތް ގައުމު. އެހެންވެ، އަހަރުމެން ބަލަންވީ މި ރިސޯސްތަކުގެ ބޭނުންކޮށްގެން އޭގެ ފައިދާ ރާއްޖެއިން ހޯދުން. އެހެން ވީމާ، އެގޮތަށް ގުޅުން ބާވަންޏާ މިއީ މައްސަލައެއް ނޫން." އަޒީ ވިދާޅުވި އެވެ.

comment ކޮމެންޓް