ރާއްޖެ-އިންޑިއާ: 53 އަހަރުގެ ވަރުގަދަ ގުޅުމެއް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިިހު ---

ނަވާރަސަތޭކަ ފަސްދޮޅަސް ފަސްވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބުމާއެކު ރާއްޖެއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތް ފުރަތަމަ އެއް ގައުމަކީ އިންޑިއާ އެވެ. ރާއްޖެ އާއި އެންމެ އަވައްޓެރި ގައުމުގެ ގޮތުގައި އޮތް އިންޑިއާ އަކީ ފާއިތުވި ފަންސާސް ތިން އަހަރުގެ ދިގު މާޒީގައި ރާއްޖެ އަށާއި ދިވެހިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ އަދި ފޯރުކޮށްދެމުންދާ ގައުމެކެވެ. ރާއްޖޭގައި އިންޑިއާގެ ޑިޕްލޮމެޓިކް މިޝަނެއް ފުރަތަމަ ގާއިމް ކުރީ 1972 ގަ އެވެ.

ފަހުގެ ތާރީހުގައި ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ނުތަނަވަސްކަން އުފެދި، ދެގައުމުގެ ގުޅުމަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް ވަނީ އައިސްފަ އެވެ. މި ނުތަނަވަސްކަން އެއްފަރާތްކޮށް އަނެއްކާ ވެސް ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވަމުންދާތަން މިދަނީ ފެންނަމުންނެވެ.

ތާރީހަށް ބަލާއިރު އެންމެ ފުރަތަމަ އިންޑިއާގެ އިސް ވެރިޔަކު ރާއްޖެ ވަޑައިގެންފައި ވަނީ 1975 ވަނަ އަހަރު އެވެ. އޭރުގެ ބޮޑުވަޒީރު އިންދިރާ ގާންދީ ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އިރު އެކަމަނާ އަށް މަރުހަބާ ދެންނެވީ އޭރުގެ ބޮޑުވަޒީރު އަހުމަދު ޒަކީ އެވެ. އޭގެ ފަހުން އެކި ފަހަރުމަތިން އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅުން ރާއްޖެ ވަޑައިގެންފައިވެ އެވެ. ރާއްޖޭގެ އިސްވެރިން ވެސް އިންޑިއާ އަށް ދަތުރު ކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރެއްވި އެވެ.

ރައީސް ސޯލިހާއި ބޮޑުވަޒީރު މޯދީ ދެއްވި ސްޓޭޓުމެންޓަށްފަހު ދެ ބޭފުޅުން ސަލާމް ކުރައްވަނީ -- ފޮޓޯ: ބިއުރޯކްރެސީޓުޑޭ

ބައިލެޓްރަލް އެހީ

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮތް ގާތް ގުޅުމުގެ އެއް ރަމްޒަކީ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ހަނދާނުގައި އިންޑިއާ އިން ރާއްޖޭގައި އިމާރާތްކޮށްފައިވާ ހޮސްޕިޓަލެވެ. ދިވެހި ސަރުކާރުގެ މައި ހޮސްޕިޓަލުގެ ގޮތުގައި ހިންގާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލެވެ.

އެ ހޮސްޕިޓަލަކީ 1986 ވަނަ އަހަރު އިންޑިއާގެ އޭރުގެ ބޮޑުވަޒީރު ރާޖީވް ގާންދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އިންޑިއާގެ އެހީގައި ރާއްޖޭގައި ހޮސްޕިޓަލެއް ބިނާކޮށްދިނުމަށް ދިވެހި ސަރުކާރުން އެދުމުން އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ހޮސްޕިޓަލެކެވެ. ނަވާސަތޭކަ ނުވަދިހަ ހަ ވަނަ އަހަރުން ފެށިގެން އެ ހޮސްޕިޓަލުން ދިވެހިންގެ ބަލިތަކަށް ފަރުވާދެމުންދާ އިރު މިހާރު އެއީ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލުގެ މަރަމާތުގެ ކަންތައް ބަލަހައްޓަނީ އިންޑިއާ އިންނެވެ.

އިންޑިއާ އިން ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ބައިލެޓްރަލް އިތުރު ޕްރޮޖެކްޓުތަކުގެ ތެރޭގައިގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޮލަޖީގެ އިމާރާތާއި ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޓް ޓޫރިޒަމް ސްޓަޑީސްގެ އިމާރާތުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން ވެސް ރާއްޖޭގެ އެކި ރަށްރަށުގެ ތަރައްގީ އަށް ބޭނުންވާނެ މަސައްކަތްތައް ކުރުމަށް އިންޑިއާ އިން ދަނީ އެހީތައް ފޯރުކޮށްދެމުންނެވެ.

ދާދިފަހުން އިންޑިއާ އިން ވަނީ ރާއްޖެ އަށް ކްރެޑިޓް ސަޕޯޓުގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ދޭން ނިންމައިފަ އެވެ. އަދި ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރު ދިނުމަށާއި ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ރުފިޔާ ދިނުމަށް ވެސް އިންޑިއާ އިން ވަނީ ދާދިފަހުން ނިންމައިފަ އެވެ.

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރ ިހެލިކޮޕްޓަރެއް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަސްކަރީ ގުޅުން

ރާއްޖެ-އިންޑިއާ ގުޅުމުގެ ތެރެއިން އެންމެ ފާހަގަކުރެވެނީ އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮންނަ އަސްކަރީ ގުޅުމެވެ. ދެގައުމު ގުޅިގެން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކާއި އޮޕަރޭޝަން ތަކެވެ.

ރާއްޖޭގެ އަސްކަރިއްޔާގައި ބޭނުންކުރުމަށް އިންޑިއާ އިން ވަނީ ދެ ހެލިކޮޕްޓަރު ވެސް ހަދިޔާކޮށްފަ އެވެ. ދެ ގައުމުގެ ގުޅުމުގައި ރެނދުލުމުގެ އެއް ސަބަބަކަށް މި ދެ ހެލިކޮޕްޓަރުވި އެވެ. ހެލިކޮޕްޓަރުގެ އޮޕަރޭޝަންތަކަށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ، އެއީ ދިވެހި ރާއްޖޭގެ އިސްތިގުލާލަށް ނުރައްކާވާނެ ކަމެއްކަމަށް ބުނެ ނިމިގެން ދިޔަ ސަރުކާރުގައި ވަރަށް ބޮޑަށް ވާހަކަ ދެކެވުނެވެ. ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން އެ ދެ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލުމުގެ މަސައްކަތް ވެސް ކުރި އެވެ.

އިންޑިއާގެ އެހީގައި ދިވެހި ސިފައިންގެ ތަމްރީނުތަކަށް ޅ. މާފިލާފުށީގައި ތަރައްގީކުރި އަސްކަރީ ތަމްރީނު މަރުކަޒާއި ރާއްޖޭގައި ގާއިމް ކުރި ކޯސްޓަލް ރާޑަރު ސިސްޓަމް ވެސް މޯދީގެ ދަތުރުފުޅުގައި އިފްތިތާހުކޮށްދެއްވާނެ އެވެ.

ރައީސް ނަޝީދު ޖީއެމްއާރުގެ ވެރިންނާއެކު-- ފައިލް ފޮޓޯ

ޖީއެމްއާރު މައްސަލަ

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ސަރުކާރާއި މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރާއްޖެ އިން އިންޑިއާ އާއެކު ގުޅުން ބަދަހިކޮށްފައި ވަނީ އިންޑިއާ ފަސްޓް ޕޮލިސީ ކުރިއަށް ނެރެގެންނެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި އިންޑިއާގެ ޖީއެމްއާރަށް ރާއްޖޭގެ މައި ބައިނަލްއަގުވާމި އެއާޕޯޓު ދިނުމަކީ އޭރުގެ ސިޔާސީ ވާދަވެރިން އެކަމާ ދެކޮޅަށް ތެދުވި މައްސަލައެކެވެ. ޖީއެމްއާރު ރާއްޖެއިން ފޮނުވާލާ ދިވެހިންގެ އެއާޕޯޓު ދިވެހިންނަށް ހޯދައިދިނުމަށް ކަމަށްބުނެ ކުރި މަސައްކަތުން ޖީއެމްއާރު އަތުން އެއާޕޯޓު އަތުލި އެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ އެއްބަސްވުމެއް އުވާލުމުގެ ސަބަބުން އިންޑިއާ-ރާއްޖެ ގުޅުމުގައި ކުނިޖެހެން ފެށުނެވެ. އޭރު އިންޑިއާ އިން ރާއްޖެ އަށް ދޭން ނިންމާފައި އޮތް 25 މިލިއަން ޑޮލަރުގެ އެހީ މަޑުޖައްސައިލި އެވެ.

މޯދީގެ ދަތުރުފުޅާ ގުޅިގެން މާލޭ މަގުތަކުގައި ދިދަ ދަމާފައި، ފަހަތުން ސިނަމާލެ ބުރިޖު: މޯދީގެ ދަތުރުފުޅާ ގުޅިގެން ސިނަމާލެ ބުރިޖާއި އިސްލާމީ މަރުކަޒު ބަންދު ނުކުރާނެ -- ސަން ފޮޓޯ/ ފާޔާޒު މޫސާ

އިންޑިއާގެ ބަދަލުގައި ޗައިނާ

ދެހާސް ބާރަވަނަ އަހަރާ ހަމައަށް ރާއްޖެ އަކީ އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮތް ގައުމެކެވެ. ނަމަވެސް ޖީއެމްއާރު މައްސަލާގައި އިންޑިއާ އާއި ރާއްޖެ އާ ދެމެދު ކުނި ޖެހެން ފެށުމާ އެކު ރާއްޖެ އިން އެހެން ގައުމުތަކާ އެކު ބާއްވާ ގުޅުން އިތުރަށް ބަދަހިކުރަން ފެށި އެވެ. ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ އިން ޗައިނާ އާ އެކު ބާއްވަމުން ގެންދިޔަ ގުޅުމުގެ ސަބަބުން އިންޑިއާގެ ނުރުހުން ރާއްޖެ އަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. އިންޑިއާ އިން ތުހުމަތު ކުރީ ޗައިނާ އިން އިންޑިއާ ކަނޑުގައި ބާރުގަދަކުރަން އުޅެނީ ކަމަށެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ. އެެންމެ ފުރަތަމަ ރާއްޖެއަށް މޯދީ ކުރައްވަން އުޅުއްވި ދަތުރުފުޅު ކެންސަލް ކުރެއްވީ ކުރީގެ ރައީސް ނަޝީދު 2015 ވަނަ އަހަރުގެ ތެރޭ ހައްޔަރު ކުރުމުންނެވެ. އޭގެ ފަހުން ވެސް މޯދީ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް، ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.

އާ ސަރުކާރާ އެކު ގުޅުން ބަދަހިވުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރާއްޖެ އާއި އިންޑިއާ އާއި ދެމެދި އޮންނަ ގުޅުން އަނެއްކާ ވެސް މިވަނީ ބަދަހިވާން ފަށައިފަ އެވެ. ރައީސް ސޯލިހު ވެރިކަމުގެ ހުވާކުރެއްވި ދަރުބާރުގައި ބައިވެރިވެ ވަޑައިގަތުމަށް މޯދީ ރާއްޖެ ވަޑައިގެންނެވި އެވެ. ރައީސް ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅު ކުރެއްވީ އިންޑިއާ އަށެވެ. މި ސަރުކާރުގެފާއިތުވި އަށް މަހުގެ ތެރޭގައި އިންޑިއާ އިން ވަނީ ރާއްޖެއަށް މާލީ އެހީތައް ދީފަ އެވެ. މޯދީ މިއަދު ރާއްޖެ ވަޑައިގަންނަވާ އިރު މިދަތުރުފުޅުގައި ރާއްޖެއަށް އިތުރު އެހީތައް ދެއްވާނެ ކަމަށް ބެލެވެ އެވެ.

މިހާރު ވެސް އިންޑިއާ އިން ރާއްޖެއަށް ދޭ ސްކޯލާޝިޕުތައް އިތުރު ކުރުމަށް އިންޑިއާ އިން ވަނީ ނިންމައިފަ އެވެ. އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އިންޑިއާ އިން މިހާރު ވެސް ބޮޑެތި އެހީތައް ދެ އެވެ. މި ފަހަރު މޯދީގެ ދަތުރުފުޅުގައި ސިވިލް ސާވަންޓުން ތަމްރީނު ކުރުމަށް އިތުރު އެހީ ދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވާނެ އެވެ.

އެކްސަސައިޒް ދޯސްތީ ގެ ކަޑުމަތީ ތަމްރީނުތައް ޑިފެންސް މިނިސްޓަރ ބައްލަވާލެއްވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ރައްޔިތުންގެ ގުޅުމާއި ވިޔަފާރީގެ ގުޅުން

އިންޑިއާ އަކީ ރާއްޖެއިން ބޭރުގައި އުޅޭ ގިނަ ދިވެހިން ވަޒަންވެރިވެގެން އުުޅޭ ގައުމެކެވެ. ބޭސްފަރުވާ އަށާއި ތައުލީމަށެވެ. ރާއްޖޭގައި އުޅޭ ބިދޭސިންގެ ބޮޑު އިންސައްތައަކީ އިންޑިއާ ރައްޔިތުންނެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން، ޓީޗަރުން ހިމެނެ އެވެ.

ދެގައުމުގެ ދޭތެރޭ އޮންނަ ވިޔަފާރީގެ ގުޅުމަކީ ވެސް ދެގައުމުގެ ދެމެދު އޮންނަ ބައިލެޓްރަލް ގުޅުން އިތުރަށް ބަދަހިކޮށްދޭ ކަމެކެވެ.

ރާއްޖެއަށް އެތެރެކުރާ ކާނާގެ ބާވަތްތަކުގެ ބޮޑު ބައެއް ހިއްސާ ކުރަނީ އިންޑިއާ އިން ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗެ އެވެ. އޭގެ ތެރޭގައި މޭވާ އާއި ތަރުކާރީގެ އިތުރުން ހަނޑޫ ހަކުރު ފުށް ހިމެނެއެވެ. އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ހިލަ އާއި ހިލަވެލި ވެސް ގިނަ އަދަދަކަށް އިންޑިއާ އިން އެތެރެކުރެ އެވެ.

ގުޅުން އިތުރު ހަރުފަތަކަށް

މި ސަރުކާރުން ގެންގުޅޭނީ "އިންޑިއާ ފަސްޓް ޕޮލިސީ" ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރެއްވުމާ އެކު ރާއްޖެ-އިންޑިއާ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. އިންޑިއާ އަށް ދާ ދިވެހިންނަށް ވިސާގެ ކަންތައް ލުއިވެ، ކްރެޑިޓް ފެސިލިޓީ ރާއްޖެއަށް ލިބިގެންދިޔަ އެވެ. މޯދީގެ މި ދަތުރުފުޅާ އެކު ދެގައުމުގެ ދެމެދު ވިޔަފާރި އާއި އިގުތިސޯދު އަދި އިޖުތިމާއީ ގޮތުން އޮންނަ ގުޅުން މިހާރަށް ވުރެ ބަދަހިވެ، އިތުރު މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ބެލެވެ އެވެ.

ރާއްޖޭގައި އިންވެސްޓުކުރުމުގެ ފުރުސަތު އިންޑިއާގެ ކުންފުނިތަކަށްދީ ދިވެހި ވިޔަފާރިވެރިންނަށް އިންޑިއާ އިން ލުއިގޮތްތައް ހޯދައިދިނުމަކީ ދެގައުމުގެ އިގްތިސޯދަށް ވެސް ފައިދާ ކުރާނެ ކަމެކެވެ.

comment ކޮމެންޓް