ބާސެލޯނާގެ ދެ ކުޅުންތެރިން ކަމަށްވާ ލުއިސް ސުއަރޭޒްއާއި ލިއޮނެލް މެސީއަށް ގިނަ ބައެއްގެ ފާޑު ކިއުންތަކެއް ކުރިމަތިވެފައި ވަނިކޮށް ރޭ ކުޅުނު މެޗުތަކުން އުރުގުއޭ އާއި އާޖެންޓީނާ މޮޅުވި އިރު އެ ދެ ކުޅުންތެރިން ވެސް ގޯލު ޖަހައިފި އެވެ.
ކުރިއަށް އޮތް ކޮޕާ އެމެރިކާއަށް ތައްޔާރުވުމުގެ ގޮތުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ނިކަރަގުއާގެ މައްޗަށް އެންމެ ފަހުގެ ރަނަރަން އާޖެންޓީނާ އިން ކުރި ހޯދީ 1-5 ގެ ބޮޑު ނަތީޖާއަކުންނެވެ. އެ މެޗުގެ ތަރިއަކަށް ވެގެން ދިޔައީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އެވެ.
ބާސެލޯނާއާ އެކު މާޔޫސްކަމުގައި ކުލަބް ފުޓުބޯޅަ ސީޒަން މެސީ ނިންމާލަން ޖެހުނު ނަމަވެސް އޭނާ ވަނީ ނިމިގެން މިދިޔަ ސީޒަނުގައި ޔޫރޮޕުގެ ރަން ބޫޓު ހޯދައިފަ އެވެ. އަދި އޭނާ އަންނަނީ މި އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ވާދަ ކުރަމުންނެވެ.
ރޭގެ މެޗު ފެށުނީއްސުރެން ނިމެންދެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފައްދާ މޮޅަށް ކުޅެމުން ދިޔައީ އާޖެންޓީނާ އެވެ. އެގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިއޮނެލް މެސީ ވަނީ އެ ޓީމަށް ހިތްގައިމު ދެ ގޯލު ޖަހައިދީފަ އެވެ. ތިން ކުޅުންތެރިން ކައިރިން ނެއްޓުމަށް ފަހު ކީޕަރު އަތް ދަށުން ފުރަތަމަ ގޯލު އޭނާ ޖެހި އިރު ދެވަނަ ގޯލު ޖެހީ ސާޖިއޯ އަގުއޭރޯ ގޯލަށް ފޮނުވާލި ހަމަލާ ކީޕަރު ދިފާއު ކުރުމުން ރިބައުންސައް ނުކުތް ބޯޅަ އަކުންނެވެ.
ރޭ ކުޅުނު އެ މެޗުގެ ދެވަނަ ހާފުގައި މެސީގެ ބަދަލުގައި ކުޅުނީ ޔުވެންޓަސްގެ ފޯވާޑް ޕައޮލޯ ޑީބަލާ އެވެ.
މީގެ އިތުރުން އަނިޔާގައި ހުރުމަށް ފަހު އެނބުރި އައިސް ލުއިސް ސުއަރޭޒް ވަނީ ރޭ ޕެނަމާ އަތުން އުރުގުއޭ މޮޅުވި މެޗުގައި ހިތްގައިމު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
އުރުގުއޭގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބު ކުރީ 0-3 ގެ ނަތީޖާ އަކުންނެވެ. ސުއަރޭޒްގެ އިތުރުން އެ މެޗުގައި އެ ޓީމަށް ގޯލުތައް ޖަހައިދިނީ މެކްސީ ގޮމޭޒްއާއި ފެޑެރީކޯ ވަލްވާޑޭ އެވެ.