ރޭ ވެސް މާލޭގައި ދެ އެކްސިޑެންޓެއް ހިނގައިފި

ރޭ ހިނގި އެކްސިޑެންޓެއް-- ފޮޓޯ: ޕޮލިސް

ރޭ ވެސް މާލޭގައި ދެ އެކްސިޑެންޓު ހިނގައިފި އެވެ.

އެއް އެކްސިޑެންޓަކީ ރޭ ދަންވަރު 2:30 އެހާކަންހާއިރު މާލެ އިން ހުޅުމާލެއަށް ދިޔަ ކާރެއް ބްރިޖު ހައިވޭ މަތިން ޓަޔަރު ފަޅައިގެން ދިޔުމުގެ ސަބަބުން ހިނގި އެކްސިޑެންޓެކެވެ.

އެ އެކްސިޑެންޓު ހިނގާފައި ވަނީ ޓަޔަރު ފަޅައިގެން ދިޔުމުގެ ސަބަބުން ކާރު ކަހާލައިގެންގޮސް ހައިވޭ ފެންސުގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ. އެކްސިޑެންޓުވި ކާރު ދުއްވަން އިން މީހާގެ އަތުގައި ލައިސެންސް އޮތް ކަމަށާއި އެ ކާރަކީ ރަނގަޅު ޒޯނުގައި ރެޖިސްޓްރީ ކޮށްފައި އޮތް ކާރެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކާރު އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ. ނަމަވެސް ކާރުގެ ކުރީކޮޅު ވަރަށްބޮޑަށް ހަލާކުވެފައިވެ އެވެ.

ރޭ ހިނގި އެކްސިޑެންޓެއް-- ފޮޓޯ: ޕޮލިސް

ރޭ ހިނގި އަނެއް އެކްސިޑެންޓަކީ ބޮޑުތަކުރުފާނު މަގުން ހުޅަނގުން އިރަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކާއި ހިލާލީ މަގުން ނިކުތް ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. މި އެކްސިޑެންޓު ހިނގި އިރު ސައިކަލު ދުއްވަން ތިބި ދެމީހުންގެ އަތުގައި ވެސް ލައިސަންސް އޮންނަ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުގައި ހިލާލީ މަގުން ނިކުތް ސައިކަލުގައި އިން މީހާގެ ނިތްކުރި ފަަޅައިގެން ގޮސްފައިވާ ކަމަށާއި އޭނާ އަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

މި ދެ އެކްސިޑެންޓު ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރޭ މާލޭގައި ދެ އެކްސިޑެންޓެއް ހިނގި އިރު، އޭގެ ކުރީރޭ ވެސް ބްރިޖުން ފޭބި ކާރެއް ކޮންޓްރޯލު ނުވެގެން ގޮސް މެރިން ރިސާޗު ސެންޓަރުގެ ފާރުގައިޖެހި ވަނީ އެކްސިޑެންޓެއް ހިނގައިފަ އެވެ.

comment ކޮމެންޓް