"ބަވަތި" އަންނަ ސެޕްޓެމްބަރު މަހުގެ ދޭއްގައި!

"ބަވަތި"ގެ ޕޯސްޓަރެއް---

ދިވެހި ފިލްމު އިންޑަސްޓްރީއަށް މުޅިން އާ ފިލްމު ކުންފުންޏެއް ކަމަށްވާ 'އައި ފިލްމްސް'ގެ ފުރަތަމަ ފިލްމު "ބަވަތި" އަޅުވާ ތާރީހު ޔަގީންވެއްޖެ އެވެ.

ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ކަމަށް ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ބުންޏެވެ.

ފިލްމުގެ ދެ ޓީޒާއެއް މިހާރު ދޫކޮށްލާފައިވާ އިރު ފިލްމުގެ ޕޯސްޓަރުތަކެއް ވެސް އާންމުކޮށްފަ އެވެ.

ފިލްމުގެ ފުރަތަމަ ޓިޒާ އިން ފެނިގެންދަނީ ރަށްފުށުގައި ދިރިއުޅެމުން ގެންދާ ނުޒުހަތު ޝުއައިބު އޭނާގެ ލޯބިވެރިޔާ އަށް ކުރާ އިތުބާރެވެ. އަދި އެ މީހާއަށް ބަރޯސާވެ ކައިވެނިކޮށްގެން މާލޭގެ މާހައުލަށް ބަދަލުވެގެން ދިމާވާ ކަންތައްތަކެއް ޓީޒާއިން ފެނެ އެވެ.

އަދި ދެވަނަ ޓިޒާއިން ފެނިގެން ގޮސްފައި ވަނީ މާލޭ މީހަކު ރާއްޖެތެރޭ ރަށަކަށް ކުރި ދަތުރެއްގައި އޭނާ ހިތްއެދޭ ކުއްޖަކާ ދިމާވެ އޭނާ ކާމިޔާބުކުރުމަށް ކުރާ މަސައްކަތެވެ.

އަދި އޭނާ އާ ކައިވެނިކުރާ މަންޒަރު ވެސް ޓީޒާއިން ފެނިގެންދިޔަ އެވެ. ރަށުތެރޭ އެ އަންހެން ކުއްޖާއޭ ކިޔައިގެން ދެކެވޭ ވާހަކަތަކަށް ބީރުކަންފަތެއް ދީ އޭނާ އާ ކައިވެނިކޮށް މާލެއަށް އެނބުރި ދަނީ އުފާވެރި ދިރިއުޅުމެއް އުޅޭށެވެ.

ފިލްމުގެ އަންހެން ލީޑަކީ ކުރިއަރަމުން އަންނަ ބަތަލާ ނުޒުހަތު ޝުއައިބެވެ. އަދި ފިރިހެން ލީޑުން ފެނިގެންދަނީ ފީޗާ ފިލްމަކުން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ ބަތަލު އަހުމަދު އިފްނާޒް ފިރާގެވެ. ފިލްމުގެ ކެމެރާމަން އަކީ ކަނޑި އެވެ.

މާލެ އަދި ކާށިދޫގެ ހިތްގައިމު މާހައުލުގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ އިރު އެ ފިލްމަކީ ޒުވާން ދެމަފިރިއަކަށް ދިމާވާ ކަންތައްތަކެއް ފެނިގެންދާ ތްރިލާ ފިލްމެކެވެ.

"ބަވަތި" އެ ނަން ފިލްމަށް ދެވުނީ ފިލްމުގެ ސްޓޯރީ ލައިން އާ ގުޅޭތީ ކަމަށް ޑައިރެކްޓަރު އިލްޔާސް ބުންޏެވެ. މާނައަކީ ދެރަ ކަމެއް ވުމަށް ފަހު ދެންވާ ކަންތައްތަކެވެ.

comment ކޮމެންޓް