ގިނަ ބަޔަކަށް ސްޓޫޑަންޓް ލޯން ނުލިބުނީ ރަނގަޅަށް ފޯމު ހުށަނާޅާތީ: މިނިސްޓަރު

ހަޔާ އެޑިއުކޭޝަން އިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްްގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

ގިނަ ބަޔަކަށް މި ފަހަރު ސްޓޫޑަންޓް ލޯންގެ ފުރުސަތު ނުލިބުނީ އެ ލޯންއަށް އެދި ފޯމް ހުށަހެޅިއިރު އުސޫލާ ހިލާފަށް ފޯމް ހުށަހަޅާފައިވާތީ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާޙިމް ހަސަން ވިދާޅުވެއްޖެ އެވެ.

މިދިޔަ މާޗް މަހު އިއުލާންކުރި ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ހުޅުވާލި 586 ފުރުސަތުތަކުގެ ތެރެއިން ސްޓޫޑަންޓް ލޯން ހަމަޖައްސައިދީފައިވަނީ އެންމެ 79 ފަރާތަކަށެވެ.

މަތީ ތައުލީމަށް ހުޅުވާލި ފުރުސަތުތަކުގެ އަލަށް ޑިގްރީއަށް ކިޔެވުމަށް ހުޅުވާލި 232 ފުރުސަތުތަކުގެ ތެރެއިން ލޯން ހަމަޖައްސައިދީފައިވަނީ އެންމެ 30 ދަރިވަރުންނަށެވެ. އަދި ޕީއެޗްޑީއަށް ކިޔެވުމަށް ހުޅުވާލި 35 ފުރުސަތުތަކުގެ ތެރެއިންވެސް ލޯން ހަމަޖައްސައިދީފައިވަނީ އެންމެ ދެ ފަރާތަށެވެ. އޭގެ އިތުރުން ޕައިލެޓް ކޯސް ހެދުމަށް 184 ދަރިވަރުން ކުރިމަތިލިއިރު ލޯން ހަމަޖައްސައިދީފައިވަނީ އެންމެ ފަސް ދަރިވަރަށެވެ.

މެޑިސިންއިން ސްޕެޝަލައިޒްވުމަށް ކުރިމަތިލި އެއްވެސް ފަރާތަކަށް ލޯން ހަމަޖައްސައިދީފައެއް ނުވެ އެވެ.

މިނިސްޓަރު ހަސަން ވިދާޅުވީ ލޯން ހަމަނުޖެހުނު ސަބަބު މިނިސްޓްރީން ވަރަށް އަވަހަށް ހާމަކުރާނެ ކަަމަށާއި ލޯންގެ ބާކީ ހުރި ޖާގަތަކަށް އަނެއްކާވެސް މިމަހު 20 ގައި އިއުލާންކުރާނެ ކަމަށެވެ.

comment ކޮމެންޓް