މޯދީގެ ތަގުރީރާ ގުޅޭގޮތުން މަޖިލީހުގެ ރައީސް ޕީޖީ ލީޑަރުންނާ މަޝްވަރާކުރައްވައިފި

މޯދީގެ ތަގުރީރާ ގުޅޭގޮތުން ރައީސް ނަޝީދު ޕީޖީ ލީޑަރުންނާ މަޝްވަރާކުރައްވަނީ--- ފޮޓޯ: މަޖިލިސް

އިންޑިއާގެ ބޯޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ މަޖިލީހުގައި ކުރައްވާ ތަގުރީރާ ގުޅޭގޮތުން ރައީސް މުހައްމަދު ނަޝީދު ޕީޖީ ލީޑަރުންނާ މަޝްވަރާކުރައްވައިފިއެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ޕީޕީއެމްގެ ޕީޖީގެ ލީޑާ އަހުމަދު ސިޔާމާއި ކޮންގްރެސް ޕާޓޫގެ ޕީޖީ ލީޑާ އާދަމް ޝަރީފް އުމަރާއި، ޖުމްހޫރީ ޕާޓީގެ ޕީޖީގެ ނައިބު މުހައްމަދު ނާޒިމްގެ އިތުރުން އެމްޑީއޭގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދެވެ.

މޯދީ މަޖިލީހުގައި ތަގުރީރުކުރުމަށް ހުއްދަ ދިނީ މަޖިލިސް މެމްބަރުންގެ ފުރިހަމަ ތާއީދާއެކުއެވެ. މަަޖިލީހުގެ މެމްބަރުން ވިދާޅުވީ، ބޭރު ގައުމެއްގެ ސަރުކާރެއްގެ އެންމެ އިސްވެރިއަކު މަޖިލީހުގައި ތަގުރީރުކުރެއްވުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

މަޖިލީހުން ބުނީ މޯދީ ތަގުރީރު ކުރައްވާ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ މަޣުރިބު ނަމާދަށްފަހު ކަމަށެވެ.

ކުރިން މޯދީ މަޖިލީހުގައި ތަގުރީރުކުރައްވަން ހަމަޖެހިފައި އޮތް ގަޑިއާމެދު ޕާލަމަންޓް ބައެއް މެމްބަރުން ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ. އެކަމާ ގުޅިގެން ފަހުން މަޖިލީހުން ބުނީ އެމަނިކުފާނު މަޖިލީހުގެ ޖަލްސާއަށް ވަޑައިގަންނަވަން ބޭނުންފުޅުވެ ވަޑައިގަންނަވަނީ، މަޣުރިބު ނަމާދުކުރުމަށް ވަގުތު ދެއްވުމަށްފަހު ކަމަށެވެ.

comment ކޮމެންޓް