އަހަރުގެ ފުރަތަމަ ތިން މަހު މާލޭގެ ކުލިތައް ބޮޑުވެއްޖެ

މާލޭގެ އިމާރާތެއްގެ މަތިން ނަގާފައިވާ ފޮޓޯއެއް ---- ސަން ފައިލް ފޮޓޯ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް މާލޭގެ ތަންތަނުގެ ކުލިތައް ބޮޑުވެފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ކުއާޓަލީ އިކޮނޮމިކް ބުލެޓިން ގައި ބުނެފި އެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ރިޕޯޓުގައި ބުނީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުލިތައް ބޮޑުވި ނަމަވެސް، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ކުލިތައް ބޮޑުވަމުން އަންނަ ރޭޓަށް ދަށްވުމެއް ކަމަށެވެ.

އެހެން ނަމަވެސް، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުލިތައް ބޮޑުވި ނިސްބަތް ހުރީ، 4.2 ޕަސެންޓްގަ އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ދާދި ފަހުން އާންމުކުރި އިންފްލޭޝަންގެ ތަފާސްހިސާބުތައް ވެސް ދައްކާ ގޮތުން، އެއް އަހަރު ދުވަހުގެ ތެރޭގައި މާލޭގެ ގެތަކުގެ ކުލި ވަނީ 4.93 ޕަސެންޓް އިތުރުވެފަ އެވެ. އަތޮޅުތަކުގައި މި ރޭޓަށް އެއްވެސް ބަދަލެއް ނާދެ އެވެ.

މިދިޔަ މާޗު މަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަަލަށް މާލޭގެ ކުލިތައް ވަނީ، 0.04 ޕަސެންޓްގައި އިތުރުވެފަ އެވެ. އަދި މިދިޔަ ޖުލައި މަހުގެ ތެރޭގައި އެކަނި ވެސް މާލޭގެ ކުލިތައް ވަނީ، 0.05 ޕަސެންޓްގައި އިތުރުވެފަ އެވެ. އަތޮޅު ތެރޭގެ ކުލިތަކަށް އެއްވެސް ބަދަލެއް ނައިސް ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.

ކުލިތައް ބޮޑުވި ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންފްލޭޝަން އަށް މާބޮޑު އަސަރެއް ކޮށްފައިނުވާކަމަށް އެ އެމްއެމްއޭގެ ރިޕޯޓްގައި ބުނެ އެވެ.

ސަބަބަކީ، ކާބޯތަކެތީގެ އަގުތައް އެ މުއްދަތުގައި ދަށަށް ދިޔުމެވެ. އެގޮތުން ހަނޑޫ ހަކުރު ފުށުގެ އަގު ދަށް ވުމުން އިންލްފޭޝަން އަށް ރަނގަޅު އަސަރެއް ކޮށްފައިވެ އެވެ. އެހެންވެ، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންލްލޭޝަން ރޭޓު ހުރީ މައިނަސް 1.3 ޕަސެންޓުގަ އެވެ. މީގެ އިތުރުން މާލެ އާއި ރަށްރަށުގެ ކަރަންޓުގެ އަގު އެެއް އަގަކަށް ހެދުމަކީ ވެސް އިންފްލޭޝަން ދަށްވުމަށް އެޅުނު ބާރެއް ކަމަށް އެމްއެމްއޭގެ ރިޕޯޓްގައިވެ އެވެ.

އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން، ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ބާޒާރުގައި މަހުގެ އަގުވެސް ވަނީ ދަށަށް ގޮސްފައެވެ.

comment ކޮމެންޓް