''އިންޝާ ﷲ'' ރިލީޒް ކުރާނީ އަންނަ އީދުގައި

ސަލްމާން ޚާން އަދި ޒުވާން ބަތަލާ އާލިއާ ބަޓް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު 'އިންޝާﷲ' އަންނަ އަހަރުގެ ފިތުރު ޢީދަށް ތާވަލުކޮށްފި އެވެ.

ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓު ކުރާ 'އިންޝާﷲ' އަކީ ލޯބީގެ ފިލްމެކެވެ. ބަންސާލީ ޕްރޮޑަކްޝަންސް އިން ވަނީ 2020 ގެ ފިތުރު އީދާ ދިމާކޮށް ފިލްމު ރިލީޒްކުރަން ނިންމާފައިވާކަން ޔަގީންކޮށްދީފަ އެވެ.

ސަލްމާންގެ ފިލްމުތައް މުޅިން ވެސް ރިލީޒްކުރަނީ އީދު ބަންދާ ދިމާކޮށެވެ. ސަލްމާން ގަބޫލުކުރާ ގޮތުގައި އީދަކީ އޭނާގެ ފިލްމުތަކަށް "ލަކީ" ދުވަހެކެވެ. އީދުގައި ރިލީޒްކުރާ ސަލްމާންގެ ގިނަ ފިލްމުތަކަށް ބޮކްސްއޮފީހުގައި ބޮޑު ކާމިޔާބެއް ލިބެ އެވެ.

ސަލްމާން އެންމެ ފަހުން ކުޅުނު 'ބާރަތު' ވެސް ރިލީޒްކޮށްފައި ވަނީ މި ފިތުރު އީދު ބަންދާ ދިމާކޮށެވެ. ފާޑުކިޔާ ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި ނަމަވެސް، ބޮކްސް އޮފީހުގައި އެ ފިލްމަށް ރަނގަޅު އާމްދަނީއެއް އަންނަނީ ލިބެމުންނެވެ.

'އިންޝާﷲ' ވެގެންދާނީ 19 އަހަރަށްފަހު ބަންސާލީގެ ފިލްމަކުން ސަލްމާން ފެނިގެންދާ ފުރަތަމަ ފަހަރަށެވެ. ސަލްމާން އާއި ބަންސާލީ އެންމެ ފަހުން އެކުގައި މަސައްކަތް ކޮށްފައި ވަނީ 1999 ގައި ރިލީޒްކުރި ކާމިޔާބު ފިލްމު 'ހަމް ދިލް ދޭ ޗުކޭ ސަނަމް' ގައެވެ. އަދި 'އިންޝާﷲ' އަކީ އާލިއާ ބަންސާލީ އާއެކު އަދި ސަލްމާން އާއެކު ވެސް މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. އާލިއާ ވަނީ، ބަންސާލީ އާއި ސަލްމާން އާއެކު މަސައްކަތް ކޮށްލަން ލިބުމުން ވަރަށް ބޮޑަށް އުފަލުން ހުރިކަން ހާމަކޮށްފަ އެވެ.

comment ކޮމެންޓް