ބޮޑެތި މަޝްރޫއުތައް ހުއްޓި، އިމާރާތް ކުރުމުގެ ދާއިރާ މަޑުޖެހެނީ

އިމާރާތް ކުރުމުގެ މަސައްކަތުގައި ބިދޭސީއަކު --- ސަންފައިލް ފޮޓޯ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިމާރަތްކުރުމުގެ ދާއިރާގައި ބޭނުން ކުރުމަށް ރާއްޖެ އެތެރެކުރި މުދަލުގެ އަދަދު މަދުވެއްޖެ އެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ކުއާޓާލީ އިކޮނޮމިކް ބުލެޓިންގައި ބުނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިމާރާތްކުރުމުގެ ދާއިރާއިން ފެންނަނީ މިކްސްޑް ޑިވެލޮޕްމެންޓެއް ކަމަށެވެ. އެގޮތުން އިމާރާތްކުރުމުގެ ދާއިރާ ގައި ބޭނުން ކުރުމަށް ރާއްޖެ އެތެރެކުރި މުދަލުގެ އަދަދު މަދުވި ނަމަވެސް އިމާރަތްކުރުމުގެ ދާއިރާއަށް ބޭންކު ތަކުން ދޫކުރި ލޯނުގެ އަދަދު އިތުރުވެފައިވާކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ކޮންސްޓްރަކްޝަން ދާއިރާގައި ބޭނުން ކުރުމަށް ރާއްޖެ އެތެރެކުރި އެގްރިގޭޓު ސިމެންތި، ލަކުޑި އާއި ފިލާ، އަދި ދަގަނޑުފަދަ ބާވަތްތައް އެތެރެކުރި މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު 21 ޕަސެންޓު މަދުވެފައިވާއިރު އޭގެ މައިގަނޑު ސަބަބަކީ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މިހާރު ނިމިފައިވުން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ކޮންސްޓްރަކްޝަން ދާއިރާ އަށްދޫކުރި ލޯނުގެ އަދަދު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ 17 ޕަސެންޓު އިތުރުވެފަ އެވެ. އެމްއެމްއޭގެ ރިޕޯޓުގައި ބުނީ އޭގެ ތެރޭގައި ހިމެނެނީ ރިސޯޓު ތަރައްގީކުރުމަށް ދޫކޮށްފައިވާ ލޯނާއި އާންމު ގެދޮރު އެޅުމަށް ދޫކުރި ލޯނުކަމަށެވެ. ގެސްޓުހައުސް އެޅުމަށް ދޫކޮށްފައިވާ ލޯނުގެ އަދަދު މަދުވެފައިވާކަމަށްވެސް އެމްއެމްއޭ ގެ ރިޕޯޓުގައި ބުންޏެވެ.

comment ކޮމެންޓް