ޓޫރިޒަމް ކުރިއަރައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް

ކ. މާފުށީ މަގެއްގެ މަތީން ފަތުރުވެރީންތަކެއް ދަނީ-- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

ޔޫރަޕުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންނުން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބެޑް ނައިޓްސް ވެސް ވަނީ 10 ޕަސެންޓް އިތުރުވެފަ އެވެ.

އެމްއެމްއޭގެ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައި ބުނީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވަނީ ވައިގެ މަގުން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރުވުމުގެ ސަބަބުން ކަމަށެވެ. ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ހިދުމަތްވެސް ރަނގަޅުވުމަކީ ސަބަބެއް ކަމަށް ވެސް ބުންޏެވެ. އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމް ދާއިރާއަށް 1.1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާނެ ކަމަށް އެމްއެމްއޭ އިން ލަފާކުރެ އެވެ.

އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެ އައި ބޭރުގެ އެއާލައިންތަކުގެ އަދަދު އިތުރުވެފައިވާއިރު ދުނިޔޭގެ މަޝްހޫރު އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކޮށްފައިވެ އެވެ. މިދިޔަ އަހަރާ އަޅާބަލާއިރު އިންޓަނޭޝަނަލް ފްލައިޓު މޫމަންޓްސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ 15 ޕަސެންޓު އިތުރުވެފަ އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިޓަލީ އިންނެވެ. ދެވަނައަށް ފްރާންސް އަދި ތިންވަނަ އަށް ޖަރުމަނުންނެވެ.

އަހަރުގެ ފުރަތަމަ ތިން މަހު އޭޝިއާ ސަރަހައްދުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނަކީ މި މުއްދަތަތުގައި ރާއްޖެ އައި ފަތުރުވެރިންގެ 35 ޕަސެންޓެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 16 ޕަސެންޓުގެ އިިތުރުވުމެކެވެ. ހާއްސަކޮށް އިންޑިއާ އިން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރުވުމާއެކު އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 86 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. އޮސްޓްރޭލިއާ އަދި ޓައިވާނުންވެސް ރާއްޖެއަށް ފަތުރުވެރިން އައުން އިތުރުވެފައިވާއިރު ޗައިނާ މާކެޓް ދަށަށް ދިޔުމަށްފަހު މިހާރު ރަނގަޅުވަމުން ދާކަންވެސް އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ރާއްޖޭގައި 139 ރިސޯޓު ހިންގަމުން ގޮސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ ބަލާއިރު 10 ރިސޯޓު އިތުރުއަދަދެކެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު 44،707 އެނދު އެބަހުއްޓެވެ. އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ އޮކިޔުޕެންސީ އަކީ 88 ޕަސެންޓެވެ.

comment ކޮމެންޓް