މޯދީގެ ދަތުރާ ގުޅިގެން އެއާޕޯޓުގެ އާންމު ޝެޑިއުލްއަށް ބޮޑު ބަދަލެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު -- ފޮޓޯ: އެމްއޭސީއެލް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅުވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދާ ފަސިންޖަރުންނާއި އެއާޕޯޓުން ރާއްޖެ އަންނަ ފަސިންޖަރުންގެ ދަތުރުތަކަށް ބަދަލު ގެނެސްފިއެވެ.

އެމްއޭސީއެލް އިން ބުނީ މޯދީގެ ދަތުރުފުޅާ ގުޅިގެން މާދަމާ މެންދުރު ބާރައިން ފެށިގެން ހަވީރު ހަތަރަކަށް އެއާޕޯޓުން މާލެ ފުރާ ފެރީތައް ފުރާނީ ފުޑްކޯޓާ ދިމާ ޑިޕާޗާ ޖެޓީ އިން ކަމަށެވެ. މިހާރު މާލެފުރާ ފެރީތައް ފުރަނީ އިންޓަނޭޝަނަލް ޓާމިނަލްއާ ދިމާލުން އޮންނަ ޖެޓީ އިންނެވެ.

ޓެކްސީ ތަަކުގައި އެއާޕޯޓަށް ދާ ފަސިންޖަރުންގެ ޑްރޮޕް އޮފް ޕޮއިންޓަކީ މިހަރުވެސް ޓެކްސީތައް މަޑުކުރާ ސަރަހައްދު ކަމަށާޢި އެއާޕޯޓުން މާލެ ނުވަތަ ހުޅުމާލެދާ ފަސިންޖަރުން ޓެކްސީގައި ދާނަމަ ޓެކްސީ އަށް އަރަންޖެހޭނީ ވެސް އެ ސަރަހައްދު ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. މިހާރު އެއާޕޯޓުން ޓެކްސީ އަށް އަރަނީ އިންޓަނޭޝަނަލް އެރައިވަލް ޓާމިނަލް ކައިރިންނެވެ.

މީގެ އިތުރުން އެއާޕޯޓަށް ދާ އެމްޕީއެލް އަދި އެމްޓީސީސީގެ ބަސް ހުއްޓާނީ ސްޓާފް ޕާކިން އޭރިއާ ސަރަހައްދުގައި ކަމަށާއި ފަސިންޖަރުން ބަހަށް އަރާނީވެސް މި ސަރަހައްދުންކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ހުޅުލޭ އައިލެންޑް ހޮޓެލުގެ ބަސް މަޑުކުރާނީ ޑޮމެސްޓިކް ޓާމިނަލް ސަރަހައްދުގައެވެ.

މި ދަތުރުފުޅާ ގުޅިގެން އާދިއްތަ ދުވަހުގެ ހެނދުނު ހަޔަކުން ނުވަޔަކަށްވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައިސް ގޮސްވުމުގައި މި ބަދަލު ގެންނާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގަންނަވާނީ މާދަމާއެވެ. ދެ ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރާނެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި މޯދީ ތަގުރީރު ކުރެއްވުމަށް ހާއްސަ ޖަލްސާއެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރަތްކުރަން ނިންމާފައިވާ އިންޑިއާ އެމްބަސީގެ ބިންގާ އަޅުއްވައިދެއްވާނެއެވެ.

މިއީ ދެވަނަ ދައުރަކަށް މޯދީ އިންޑިއާގެ ބޮޑުވަޒީރުކަމަށް އިންތިހާބުވެ ވަޑައިގަތްފަހުނ ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މޯދީ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމުގެ ދަރުބާރުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެވެ.

comment ކޮމެންޓް