އެންމެ ރަށެއް: ދަނޑުވެރިކަމުގައި 20 ބިދޭސީން، ތިން ދިވެހިން

ގޮއިދޫ ދަނޑެއްގައި ބިދޭސީއަކު ފެން ދެނީ: އެ ރަށު ދަނޑު ބިންތަކުގައި ގިނަ އަދަދަކަށް ބިދޭސީން މަސައްކަތް ކުރޭ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ބ. ގޮއިދޫއިން -- މިއީ، 600 އެއްހާ މީހުން ދިރިއުޅެމުން އަންނަ ދަނޑުވެރި ރަށެކެވެ. ބިން މޮޅު ފެހި މި ރަށުން ދަނޑުވެރިކަން ކުރަން ވަނީ ޖުމްލަ 15،000 އަކަފޫޓްގެ 80 ދަނޑު ދޫކޮށްފަ އެވެ. އެކަމަކު ހައިރާންވާ ކަމަކީ އެ ދަނޑުތަކުގައި ދަނޑުވެރިކަންކޮށް އެ މަސައްކަތުން ނަފާއެއް ހޯދަނީ ހަމަ އެންމެ ތިން ދިވެހިން އެވެ. ދެން އެހެން ހުރިހާ ދަނޑެއް ހައްދައި އޭގެން ހުރިހާ ފައިދާއެއް ނަގާ ބަޔަކީ ބިދޭސީން އެވެ. އެކަމަކު މި ރަށުގެ މީހުންނަށް މިއީ ބޮޑުކަމެއް ނޫނެވެ. ވަރަށް ވެސް އާދައިގެ ކަމެކެވެ. މި ރަށުގެ މީހުން ބުނާ ގޮތުން ދަނޑުވެރިކަން ބިދޭސީން ނެގިތާ ކިތަންމެ ދުވަހެކެވެ.

"ދަރިފުޅާ މުހައްމަދުބެއަކަށް ނުފެނޭ މިހާރު ދިވެހިން މި މަސައްކަތް ކުރާތަނެއް. މުޅިން ވެސް މިހާރު މިފެންނަނީ ހުސް ބިދޭސީން. މިރަށުގައި ވެސް މިކަމުގައި މި އުޅެނީ ތިން ދިވެހިން ފިޔަވައި ދެން ހުސް ބިދޭސީން،" މި ރަށުގެ އެންމެ ގިނަ ދުވަސްވީ ދަނޑުވެރިޔާ، 70 އަހަރުގެ މުހައްމަދު އަބޫބަކުރު ބުންޏެވެ.

އެކަމަކު ވަކި ކުރާނީ ކޮންކަމެއް ހެއްޔެވެ؟ ދަނޑުވެރިޔާ މުހައްމަދު ބުނާ ގޮތުގައި ދިވެހިން މި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެއްގޮތަކަށް ވެސް ނެތީ އެވެ. މުހައްމަދަށް ވެސް މިއީ އިންތިހާއަށް ލަދުވެތި ހިތާމަހުރި ކަމެކެވެ. އޭނާ ސިފަކުރާ ގޮތުގައި، ދިވެހިންނަށް ފައިދާ ނެގެން އޮތް ކަމަކުން ހުރިހާވެސް ފައިދާ ނަގަނީ ބިދޭސީން އެވެ.

އެއާ އެކު މި ކުޑަކުޑަ ރަށުގައި ދަނޑުހައްދަން ތިބި ދެތިން ދިވެހިންނަށް ކުރިމަތިވާ މައްސަލަތައް ގިނަ އެވެ. ގޮންޖެހުންތައް ބޮޑެވެ. އެކަމަކު އެކަމާ މެދު ޝަކުވާކޮށްލަ ކޮށްލާ ތިބުން ނޫން ގޮތެއް ނެތީ އެވެ.

"ކައުންސިލުން ދިވެހިންނަށް ދޫކޮށްފައިވާ ދަނޑުބިންތަކުގައި ގިނަ އަދަދަކަށް ބިދޭސީން މައްސަކަތް ކުރާތީ ވަރަށް ގިނަ މައްސަލަތައް އެބަ ހުރި ނިކުންނަ،" މުހައްމަދު ބުންޏެވެ.

ގޮއިދޫގައި އެންމެ ގިނަ ދުވަސްވީ އެއް ދަނޑުވެރިޔާ މުހައްމަދު: އެނާ ބުނިގޮތުގައި ދަނޑުވެރިކަމުގައި މިހާރު ގިނައިން ފެންނަނީ ބިދޭސީން ކަމަށް --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

"ދިވެހި މީހާ އަށް ލިބެނީ ވަރަށް ކުޑަ އެއްޗެއް. އެމީހުން ބޭނުން އެއްޗެއް[ފައިދާއިން ލިބޭ ފައިސާ] ދަނޑުގެ ވެރިޔާއަށް ދެނީ. ފައިދާ އިން ވަކި ޕަސަންޓެއް ލިބޭގޮތަށް. އެމީހުން އަގުވެސް ކޮންޓްރޯލް ކުރަނީ. މާލޭ މަރުކެޓް ތަކަށްވެސް ވިއްކަނީ ހަމަ ބިދޭސީ މީހާއަށް. ރަށުން ހައްދާތަކެތި މޭލޭ މާރުކޭޓުގައި ގަންނަ ތިބެނީ ވެސް ބިދޭސީން،"

ކައުންސިލް ގޮތް ހުސްވެފައި!

ގޮއިދޫގައި ދަނޑުވެރިކަން ކުރުމަށް ހާއްސަކުރެވިފައިވާ ސަރަހައްދެއް: ދަނޑުވެރިކަން ކުރުމަށް 70 ދަނޑު ދޫކޮށްފައިވާއިރު، ދަނޑުތަކުގައި މަސައްކަތް ކުރަނީ އެންމެ ތިން ދިވެހިން --- ސަން ފޮޓޯ/ ހުސައިން ޝަޔާހު

މި ރަށުން އެއްކުރި ތަފާސްހިސާބުތަކަށް ބަލާއިރު އެކި މަސައްކަތުގައި 70 އަށް ވުރެ ގިނަ ބިދޭސީން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި 20 އަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރަނީ ދަނޑުވެރިކަމުގަ އެވެ.

ރަނގަޅެވެ! ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން ދަނޑުވެރިކަން ކުރުމަށް ބިދޭސީންނަށް ކޯޓާ ދިނުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު މި ރަށުގައި ދަނޑުވެރިކަން ކުރުމަށް ކޯޓާ ދީފައިވަނީ އެންމެ ނުވަ ބިދޭސީންނަށެވެ. ދެން ބާކީ ތިބި ހުރިހާ ބިދޭސީން ދަނޑުވެރިކަން ކޮށް މި މަސައްކަތް އެ މީހުން އަތްދަށުލައިގެން އުޅެނީ، މުޅިން ގަވާއިދާ ހިލާފަށެވެ.

މި ރަށުގެ ކައުންސިލް ރައީސް، މުހައްމަދު އާމިރު ވިދާޅުވި ގޮތުގައި، އެ ރަށުގެ ދަނޑުތައް ވެސް ބިދޭސީން ކޮންޓްރޯލް ކުރަނީ އެއީ މުޅި ރާއްޖޭގައި ހުރިހާ ދާއިރާއަކަށް ވެސް އެ މައްސަލަ ދިމާވެފައި އޮތީމަ އެވެ. އެއީ ގޮއިދޫ ގައި އެކަނި ކަން ހިނގާ ގޮތް ނޫން ކަމަށް އާމިރުދެކެ އެވެ. މިއީ މި މައްސަލަ އޮއްބާލަން އެންމެ ރަނގަޅު ބަހަނާ އެވެ.

"ހަމައެކަނި ދަނޑުވެރިކަމެއް ނޫން. ރާއްޖޭގެ ހުރިހާ ދާއިރާތަކުގައިވެސް ބިދޭސީން މިއުޅެނީ. ހޮޓަލަކަށް ވަނަސް ބިދޭސީން. ދިވެހިންނަށް ވަނީ އެ މަސައްކަތްތައް ހަޑި ކަމަކަށް. ދަނޑުވެރިކަމުގައި ވެެސް ހުރިހާ ރަށެށްގައި ވެސް އުޅެނީ ބިދޭސީން. މިހެން ބުނަން ދެރަ ވެސް ވޭ،" ރަށު ކައުންސިލްގެ ރައީސް އާމިރު ވިދާޅުވި އެވެ.

ގޮއިދޫ ދަނޑެއްގައި ބިދޭސީއަކު މަސައްކަތް ކުރަނީ: އެރަށުގައި 70 ބިދޭސީން އުޅޭއިރު 20 ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރަނީ ދަނޑުތަކުގައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އޭނާ ޔަގީންކަން ދެއްވި ގޮތުގައި ކައުންސިލުން ބިންތައް ދޫކުރަނީ ދިވެހިންނަށެވެ. ނަމަވެސް މައްސަލަ ފެށޭ ހިސާބަކީ ދަނޑުތައް ނަގައި ދިވެހިން، އެ ތަންތަން މަހު ކުއްޔަށް ނުވަތަ، ވިޔަފާރީގެ ނަފާއިން ބައެއް ލިބޭ ގޮތަށް ބިދޭސީންއަށް ބިންތައް ދޫކޮށްލުމެވެ. ދެން އެ ހިސާބުން ކައުންސިލަށް އެޅޭނެ ފިޔަވަޅެއް ނޯވެ އެވެ. މައްސަލަ މި އުފައްދަނީ ހަގީގަތުގައި ދިވެހިން އެވެ.

"އެއީ ތެދު ވާހަކަ އެއް. މިރަށުގެ ދަނޑުތަކުގައި ވަރަށް މަދުވާނެ ހަގީގަތުގައި [ދިވެހި] ދަޑުވެރިޔާ ހައްދާ ދަނޑުތަށް. ކޮންމެވެސް މީހަކަށް [ދަނޑުތައް] ދީފައި ހުންނާނީ. ކޮންމެވެސް ވަރަކަށް މިކަން ދިވެހިން ކުރޭ. ނަމަވެސް ބޮޑުބައި މިކުރަނީ ބިދޭސީން ލައްވާ،" ކައުންސިލްގައި ތިން ވަނަ ދައުރެއް ފުރުއްވަމުން ގެންދަވާ އާމިރު ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރާ ގޮތުގައި، މި ރަށުގެ ދަނޑުވެރިކަން ފުޅާކުރެވެން އޮތީ، ބިދޭސީން މެދުވެރިކޮށްގެން ކަމުގައިވާ ނަމަ އެކަމުގެ ހުރަހަކަށް ކައުންސިލް ވާކަށް ބޭނުމެއް ނުވެ އެވެ.

ގޮއިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު "ސަން" އަށް އިންޓަވިއު ދެއްވަނީ: އެނާ ވިދާޅުވަނީ ހުރިހާ ސިނާއަތްތަކުގައި ވެސް މިހާރު ގިނައިން އުޅެނީ ބިދޭސީން ކަމަށާއި އެއީ ގޮއިދޫގައި އެކަނި ކަން ހިނގާ ގޮތް ނޫން ކަމަށް -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

"އަޅުގަނޑުމެން ކިހިނެއްތޯ ބާރު އަޅާނީ [ދިވެހިން ދަނޑުވެރިކަން ކުރުމަށް]. އަޅުގަނޑުމެން ބާރު އަޅަނީ މި ރަށުގައި ދަނޑުވެރިކަން ފުޅާ ކުރުމަށް. ދަނޑުވެރިކަން ކުރާ ތަކެތި އިތުރު ކުރަން. އިތުރު ކުރެވޭނީ، އެމީހުން [ބިދޭސީން] މެދުވެރިވެގެން ކަމުގައިވާނަމަ، އެކަން އެގޮތަށް އެ ކުރަނީ، މުޅި ރާއްޖޭ ބައްޓަން ވެފައި މިއޮތީ އެގޮތަށް،" ދިވެހިން ބިދޭސީންނަށް ބިންތައް ދޫނުކުުރުމަށް ބާރު އަޅަންތޯ ސުވާލު ކުރުމުން ކައުންސިލް ރައީސް ވިދާޅުވި އެވެ.

އަގު ކޮންޓްރޯލް ކުރަނީވެސް ބިދޭސީން!

މިރަށުގެ ދަނޑުތަކަށް ބިދޭސީން އަތްގަދަކޮށްގެން އުޅޭތާ ދުވަސްގަޑެއް ވެފައިވާ އިރު، މި ރަށު އާންމުންގެ ވިސްނުމުގައި ހިލޭ ސާބަހަށް ދިވެހި މީހާ އަށް ދޫކުރާ ދަނޑު ބިންތަކުން ރަށުގެ އެހެން ރައްޔިތުންނަށް ކުރާ މާބޮޑު ފާއިދާ އެއް ނެތެވެ.

"މިރަށުގައި ހަދާ ތަކެތި މިރަށުން މީހުންނަކަށް އަގުހެޔޮކޮށް ނުލިބޭ. އަގުތަށް ކޮންޓްރޯލް ކުރަނީ ވެސް ބިދޭސީން. އެމީހުން ހިތު ހުރި އަގަކަށް ދެނީ. ގިނަ އެއްޗިސް މިރަށުން ލިބެނީ ހަމަ މާލެއެކޭ އެއް އަގެއްގައި،" އެރަށުން ވާހަކަ ދެއްކި މީހަކު ބުންނެޏެވެ.

"މާލެ އިން 15 އަށް ލިބޭ ކަރާ މިރަށުން ލިބެނީ ވެސް 15 ރުފިޔާއަށް. މިއީ މައްސަލައެއް. ހަގީގަތުގައި މިރަށުގައި ހަދާ ތަކެތި މިރަށު މީހުންނަށް އަގު ހެޔޮކޮށް ލިބެން ޖެހޭ،"

ބިދޭސީ ދަނޑުވެރިޔަކު ފެންދެނީ: ދަނޑުވެރިކަމުގައި އަގުތައްވެސް ކޮންޓްރޯލް ކުރަނީ ބިދޭސީން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރައްޔިތުންގެ އެ ޝަކުވާތަކާ ގުޅިގެން ކައުންސިލުން އެވާހަކަ މުޅިއަކުން ދޮގެއް ނުކުރެ އެވެ. ކައުންސިލުން ވެސް އެއްބަސްވާ ގޮތުގައި އެ ރަށުގައި ހައްދާ ތަކެތިވެސް ގިނަ ފަހަރަށް ލިބެނީ މާލެއާ އެއް އަގެއްގަ އެވެ. އެ އަގުތައް ނިންމާ ބަޔަކީ ބިދޭސީން އެވެ. އެހެންވީ އިރު، ދަނޑުބިންތަކެއް ހިލޭ ބަޔަކަށް ދޭން ޖެހޭ ސަބަބެއް ވެސް ނެތެވެ.

"ބައެއް ފަހަރު އަގު ބޮޑުކޮށް ވެސް ލިބޭ. ބައެއް ފަހަރު މާލެ އަށް ވުރެ އަގު ހެޔޮކޮށްވެސް ލިބޭ. ބައެއް ފަހަރު ދަނޑުވެރިން ހިލޭ ވެސްދޭ. ޖުމްލަ ގޮތެއްގައި މާލޭގައި ހުންނަ ރޭޓުގައި ހަމަ ވިއްކަނީ،" ކައުންސިލް ރައީސް އާމިރު ވިދާޅުވި އެވެ. އަގު ކޮންޓްރޯލް ކުރުމަށް ކައުންސިލުން ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށް އާމިރު ވިދާޅުވި އެވެ.

ދަނޑުވެރިކަމަކީ ދިވެހި އިގްތިސާދުގައި މުހިންމު ސިނާޔަތަކަށްވާއިރު، ދަނޑުވެރިކަމަށް ހުރި ގާނޫނީ އޮނިގަނޑުތައް ވަރަށް ވެސް ބަލިކަށްޓެވެ. ބިދޭސީންނަށް ކޯޓާ ދޫނުކުރާ މަސައްކަތްތަކުގައި ދަނޑުވެރިކަން ހިމަނާފައެއް ވެސް ނެތެވެ.

މިއީ ހަމަ އެކަނި މި ރަށުގެ ވާހަކައެއް ނޫނެވެ. މިކަން މި އުސޫލުން ހިނގާ ކިތަންމެ ރަށެއް ބައިވަރެވެ. އެހެން ބައެއް ރަށްތަކުގައި ވެސް ދަނޑުވެރިކަން ވަނީ ރަނގަޅަށް ވެސް ބިދޭސީންގެ މުށުތެެރޭގަ އެވެ. މީގެއިން ދޭހަކޮށްދެނީ މިއީ، ބިރުވެރިކަމުގެ ރަގަބީލެއް ކަމެވެ. އެކަމަކު މި ނުރައްކާ އުފައްދާ ބަޔަކީ ދިވެހިން އެ މީހުން އަމިއްލައަށެވެ.

comment ކޮމެންޓް