ކާށިދޫ ނެރަށް އުރުނު ތެޔޮ ބާޖުން ލިބުނު ގެއްލުންތައް ބަލަނީ

ކާށިދޫ ފަރަށް އުރުނު ބޯޓު: ފައިލް ފޮޓޯ: އެފްއެސްއެމް

މާލެއިން ފުރައިގެން ކ. ކާށިދޫ އަށް ދަތުރުކުރަނިކޮށް މިދިޔަ މަހު 29 ވަނަ ދުވަހު ކާށިދޫ ނެރަށް އުރުނު ފިޔުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮބޯޓުން އެ ސަރަހައްދަށް ލިބުނު ގެއްލުންތައް ބަލަމުންދާކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސ (އީޕީއޭ)އިން ބުނެފިއެވެ.

ތެޔޮ ބޯޓު ނެރަށް އުރުނު އިރު އެ ބޯޓުގައި 27000 ލީޓަރުގެ ޕެޓްރޯލު އަދި 180،000 ލލީޓަރުގެ ޑީސަލް ބަރުކޮށްފައި ހުއްޓެވެ. އެ ބޯޓުގައި އޭރު ހަ ދިވެހިންވެސް ތިއްބެވެ.

އީޕީއޭގެ އޮފިޝަލަކު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ހާދިސާގައި ލިބުނު ގެއްލުންތައް ބަލަމުންދާ ކަަމަށާއި އަދި އެ ހާދިސާ ހިނގިގޮތުގެ ރިޕޯޓެެއްވެސް ހުށަހެޅުމަށް މިހާރު އަންގައިފައިވާކަމަށެވެ.

އެ މައްސަލައިގައި ފިއުލް ސަޕްލައި މޯލްޑިވްސް ޖޫރިމަނާކުރާނެތޯ ނިންމާނީ އެސެސްމަންޓް ރިޕޯޓްއަށްފަހު ކަމަށްވެސް އޮފިޥަލް ވިދާޅުވިއެވެ.

އެ ހާދިސާއާ ބެހޭގޮތުން އެމްއެންޑީއެފްއިން ކުރިން ބުނީ ނެރަށް އުރުނު ބޯޓުން ތެޔޮ ލީކުވުމުގެ ނިޝާނެއް ފެނިފައިނުވާ ކަމަށެވެ. އެ ބޯޓު ފަހުން ވަނީ އެފްއެސްއެމްގެ ޓަގަކާއި އެމްޕީއެލްގެ ޓަގެއް ބޭނުން ކޮށްގެން ފުންވެސްކޮށްފައެވެ.

comment ކޮމެންޓް