ހޯމަ ދުވަހު ގެއްލުނު އިންޑިއާ އަސްކަރީ މަތިންދާބޯޓު އަދިވެސް ނުފެނޭ

އިންޑީއާ ސިފައިންގެ އޭއެން 32 މަރުކާގެ ބޯޓެއް: އެ މަރުކާގެ ބޯޓެއް ދަތުރުކުރަމުން ދަނިކޮށް ވަނީ ގެއްލިފައި -- ފައިލް ފޮޓޯ/ އޭޕީ

13 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ އިންޑިއާ ސިފައިންގެ އެއާކްރާފްޓެއް ގެއްލިގެން ހޯދަމުންދާތާ ތިން ދުވަސް ވެފައިވާ އިރު، އަދިވެސް ބޯޓު ނުފެންނަ ކަމަށް އެގަައުމުގެ އެއާ ފޯސް އިން ބުނެފި އެވެ.

އިންޑިއާގެ އެއާފޯސްއިން ބުނި ގޮތުގައި އެންޓޮނޮވް އޭއެން-32 މަރުކާގެ އެ ބޯޓު ގެއްލިގެން ހޯދަން ފެށީ މި ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ކަމަށެވެ.

ބޯޓުގައި ހިމެނެނީ، އަށް ކުރޫއިންނާއި ފަސް ފަސިންޖަރުންނެވެ.

އިންޑިއާގެ އިރުމަތީ އައްސާމް ސްޓޭޓްގެ ޖޯހަޓް ސިޓީން ބޯޓު ނައްޓާލީ ހޯމަ ދުވަހުގެ 12:27 ގައެވެ. ބޯޓުގެ ހަބަރެއް އެންމެ ފަހުންވެފައި ހޯމަ ދުވަހުގެ މެންދުރު 1:00 ގައެވެ. އެފަހުން ބޯޓުގެ ހަބަރެއް ވެފައި ނުވާ ކަމަށް އެ ގައުމުގެ އެއާފޯސްއިން ބުނެއެވެ.

އިންޑިއާގެ އެއާފޯސްއާ ހަވާލާދީ، ސީއެންއެންއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހު ގެއްލުނު ބޯޓު ހޯދުމުގެ މަސައްކަތް ގަދަ ވިއްސާރައާ ގުޅިގެން ހުއްޓާލުމަށްފަހު، މިއަދު އަނެއްކާވެސް ބޯޓު ހޯދުމުގެ އޮޕަރޭޝަންތައް ފެށުމަށް ހަމަ ޖެހިފައިވާ ކަމަށެވެ.

އިންޑިއާއިން އޭއެން - 32 މަރުކާގެ ބޯޓެއް ގެއްލިގެން ހޯދަމުންދާއިރު، 2016 ވަނަ އަހަރުތެރޭ 29 މީހުންނާއެކު އެގައުމުގެ ޗެންނާއިން ނަޓާލި ހަމަ އެ މަރުކާގެ ބޯޓެއް ވަނީ ގެއްލިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް