އިންޑިއާގެ ކޮޗިންއާ ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތް ފަށަނީ

އިންޑިއާގެ ފޮރިން ސެކްރެޓެރީ ވިޖޭ ކެޝާވް، މޯދީގެ ދަތުރާ ބެހޭގޮތުން މައުލޫމާތު ދެއްވަނީ--

އިންޑިއާގެ ކޮޗިންއާ ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތް ފަށުމާމެދު ވިސްނަމުންދާ ކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހޮނިހިރު ދުވަހު ރާއްޖެއަށް ކުރައްވާ ޒިޔާރަތާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގައުމުގެ ފޮރިން ސެކްރެޓެރީ ވިޖޭ ކެޝާވް ވިދާޅުވީ ރާއްޖެއާ އިންޑިއާގެ ދަތުރުފަތުރުތައް ގުޅާލުމަށް ގިނަ ކަންތައްތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން ރާއްޖެއާ ކޮޗިންއާ ދެމެދު ފެރީގެ ހިދުމަތް ފެށުމަށް ކުރަންޖެހޭ ދިރާސާތައް ކުރަމުްނދާ ކަމަށާއި އަދި އެ ފެރީގެ ހިދުމަތް ފެށުމުން ދެގަމުގެ ދަތުތުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވިޖޭ ވިދާޅުވިއެވެ.

ދެ ގައުމުގެ ދެމެދުގައި ފެރީގެ ހިދުމަތް ފަށުމުގެ އިތުރުން ރާއްޖޭގެ ރަށްތަކުގެ ދެމެދުގައި ފެރީގެ ހިދުމަތް ދިނުމުގައި އެހީތެރިވެދިނުމަށްވެސް މަަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބ. ފެހެންދޫ ސްކޫލުގެ ދަރިވަރުން ކިޔަވަން އެހެން ރަށަކަށް ދިއުމަށް ފެރީގެ ހިދުމަތް ދިނުމަށް އުޅަނދެއް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ވިޖޭ ވިދާޅުވިއެވެ.

ރާއްޖެއާ އިންޑިއާ ދެމެދު ފެރީގެ ހިދުމަތް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައިވެސް މަސައްކަތް ކުރިއެެވެ. އޭރު އެ ފެރީގެ ހިދުމަތް ދޭން އުޅުނީ އިންޑިއާގެ ޓުޓިކޮރިން ނުވަތަ ކޮޗިން ސަރަހައްދުން ރާއްޖޭގެ ސަރަހައްދަށެެވެ.

ނަމަވެސް އެ ފެރީގެ ހިދުމަތް ނުފެށި އުޅެނިކޮށް ރައީސް ނަޝީދު ވަނީ އިސްތިއުފާ ދެއްވައިފައެވެ.

comment ކޮމެންޓް