"ކަސޯޓީ" އަށް ބަޖާޖް އަންނަނީ

"ކަސޯޓީ"ގެ އާ ޕްރޮމޯގެ މަންޒަރެއް---

ސްޓާ ޕްލަސްއިން މިހާރު ދައްކަމުން އަންނަ އެންމެ މަގްބޫލް ހިންދީ ޑްރާމާ "ކަސޯޓީ ޒިންދަގީ ކޭ"ގެ އާ ޕްރޮމޯ އެއް މިހާރު ވަނީ ދައްކާލާފައެވެ.

ކޮމޯލިކާގެ ބައި އެއްފަރާތްކޮށްލުމަށްފަހު މިފަހަރު ޕްރޮމޯގައި ދައްކާލީ ބަޖާޖް އަންނަ މަންޒަރެވެ. ޑްރާމާ ފެށުނީއްސުރެ ބަޖާޖް އަކީ ކޮބައިތޯ ބެލުމަށް ގިނަ ބަޔަކު ޝައުގުވެރިވިއެވެ. ނަމަވެސް ފަހުން ދެއްކި ޕްރޮމޯގައި ބަޖާޖް ދެއްކި އިރު އޭނާގެ މޫނެއް ނުފެނެއެވެ.

ޕްރޮމޯގައި ދައްކަނީ ޕްރޭނާ އާއި އަނޫރާގްގެ ކައިވެނި ހަފްލާއަށް ބަޖާޖް އަންނަ މަންޒަރެވެ.

ބަޖާޖްގެ ރޯލުން ފެންނާނީ ކޮން ތަރިއެއް ކަމެއް ނޭނގެއެވެ. ޕްރޮޑިއުސަރު އެކްތާ ކަޕޫރު ވަނީ އަދި އަދަށްވެސް އެ ރޯލުން ފެންނާނެ ބަތަލު ސިއްރެގެ ގޮތުގައި ހިފަހައްޓާފައެވެ.

ނަމަވެސް ބައެއް މީޑިއާތަކުން ބުނާގޮތުގައި ބަޖާޖްގެ ރޯލުން ފެނިގެންދާނީ ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ ކަރަން ސިންހް ގްރޯވަރު ކަމަށެވެ.

ބަޖާޖް އައުމާއެކު "ކަސޯޓީ" އަށް ބޮޑެތި "ޓްވިސްޓް"ތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. އަނޫރާގް އާއި ޕްރޭނާގެ ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.

ދިވެހިންނަށް ވެސް "ކަސޯޓީ"ގެ ފުރަތަމަ ބައި ކަމުދިޔައީ ސަބަބެއް ނެތި އެއް ނޫނެވެ. "ކަސޯޓީ"ގެ އޭރުގެ ކާސްޓުން ހަމަ ބެލުންތެރިންގެ ހިތްތައް ކަތިލީއެވެ. ލޯބީގެ ކުޅިގަނޑެއްގައި ބެލުންތެރިން ޑްރާމާގެ ޖާދޫގައި ރަނގަޅަށްވެސް ޖެއްސުވީއެވެ. އެ ތަރިންގެ އެކްޓިން ހައިރާންވާހާ މޮޅެވެ.

އެއަށްފަހު ދެވަނަ ސީޒަނަކާ އެކު "ކަސޯޓީ" އެނބުރި އައުންވީ އެކްތާގެ ފޭނުންނަށް ލިބުނު ބޮޑު އުފަލަކަށެވެ. އެއީ މިހާރު ސްޓާ ޕްލަސް އިން ދައްކަމުން އަންނަ އެންމެ މަގްބޫލު އެއް ޑްރާމާއެވެ.

comment ކޮމެންޓް