ޑްރަގް ވިޔަފާރީގެ ދެމައިން ދޫވުން: އެތައް ސުވާލަކާއި ތުހުމަތު!

ފުލުހުންތަކެއް --

ފުލުހުންނަށް ލިބުނު ސިއްރު މައުލޫމާތެއްގެ މައްޗަށް ބުރަވެ މިދިޔަ ހޯމަ ދުވަހުގެ ރޭ ހުޅުމާލޭގެ އެޕާޓްމަންޓެއް ރެއިޑްކޮށް 25 އަހަރުގެ ދިވެހި ޒުވާނަކާއި 52 އަހަރުގެ އޭނާގެ މަންމަ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ތިން ކިލޯގެ ޑްރަގާ އެކު އެވެ. އެ ޕާޓްމަންޓަށް ފުލުހުން ރެއިޑް ޖެހީ ވެސް އަދި ތިން ކިލޯގެ ޑްރަގްއާ އެކު މި ދެމައިން ހައްޔަރު ކުރީ ވެސް އެ ދުވަހު ހުޅުމާލޭ ކޯޓުން އަމުރެއް ހޯދައިގެން އެވެ.

ޖެހިގެން އައި އަންގާރަ ދުވަހު މި ދެމައިން ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން ދެމައިން މިނިވަން ކުރަން އެ ކޯޓުން ފާހަގަ ކުރި ނުގުތާތަކުން ފުލުހުންނަށް ވެސް ހައިރާންކަން ލިބުނެވެ. އެ އެޕާޓްމަންޓް ބަލައި ފާސްކޮށް ހެކި ހޯދައި އަދި ތުހުމަތުވާ ފަރާތްތައް ހައްޔަރު ކުރަން ހުޅުމާލެ ކޯޓުން ނެރުނު އަމުރުގެ އެއްގަނޑުގައި ގާޒީގެ ނަން ނެތީ އެވެ. އެއީ އެފަދަ އަމުރެއް ނެރުމުގެ އިޖުރާއަތާ މުޅިން ހިލާފު ކަމެއް ކަމަށް ކްރިމިނަލް ކޯޓުން ފާހަގަކޮށް ދެ މައިން މިނިވަން ކުރީ އެވެ. ފުލުހުން އޮޕަރޭޝަނެއް ހިންގުމުގެ ކުރިން، ކޯޓް އަމުރުގެ ސައްހަކަން ކަށަވަރު ނުކުރީ ކީއްވެ ހެއްޔެވެ؟ އަދި ހުޅުމާލޭ ކޯޓްގެ ގާޒީއެއްގެ އަތުން މިވަރުގެ ކަމެއް ދޫވެގެން ދިޔައީ ކީއްވެ ހެއްޔެވެ؟

ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި، ފުލުހުން ތަނެއް ބަލައި ފާސްކޮށް ބަޔަކު ހައްޔަރު ކުރުމަށް ކޯޓް އަމުރަކާ އެކު މަސައްކަތް ކުރާ ނަމަ، އެ އަމުރުގެ އިޖުރާއަތްތައް ސައްހަތޯ ބަލަން ޖެހޭނެ އެވެ. އެއީ އިންވެސްޓިގޭޝަން އޮފިސަރު ކަށަވަރު ކުރަން ޖެހޭ ކަމެކެވެ. އެކަމަކު ފުލުހުން އެކަން ކުރީ ކިހާވަރަކަށްތޯ ސުވާލު އުފެދެ އެވެ.

"ފުރަތަމަ ކޯޓް އަމުރުގެ އިޖުރާއަތް ރަނގަޅުތޯ ބަލާފައި އެޔަށް އެކްޓް [އަމަލު] ކުރަން ޖެހޭނީ. އެއީ މިކަހަލަ ތަހުގީގު ކުރާ މައްސަލަތަކުގައި ނުބައި އިޖުރާއަތެއް ފޮލޯ ކޮށްފި ނަމަ ކިތަންމެ ގިނަ ހެކި ހުއްޓަސް އެއީ ސައްހަ ނޫން ގޮތުގައި ހުންނަ ހެކި ކަމުގައި ވާނީ. އެ ކޯޝަން އެހެންވެ ނަގަން ޖެހެނީވެސް،" ލޯޔަރަކު ވިދާޅުވި އެވެ. "އަނެއްކޮޅުން މިއީ ގާޒީއެއްގެ އަތުން ވެސް ހިނގައިގެންވާވަރުގެ ކަމެއް ނޫން. އިދާރީ ކަމެއް ފުރިހަމަކޮށް ނުލެވިގެން މިކަހަލަ ކަމެއްވުން ބަލައެއް ނުގަނެވޭ،"

ފުލުހުންނާއި ކޯޓަށް ވެސް ހެދުނު މި ބޮޑު ގޯހާއެކު، މާ ގިނައިރުތަކެއް ނުވެ އެރޭ ދަންވަރު ފުލުހުން އެދެމައިން ހައްޔަރު ކުރީ ކްރިމިނަލް ކޯޓުން ފާހަގަ ކުރި އިޖުރާއަތްތައް ފުރިހަމަވާ އާ އަމުރެއް ހުޅުމާލޭ ކޯޓުންހޯދައިގެން އެވެ. އެކަމަކު އެ ދެމައިންގެ ބަންދު ޖަހަން ހަމަ އެ ކޯޓަށް ހާޒިރުކުރުމުން، އެ މީހުން އަނެއްކާ ވެސް ދޫކޮށްލީ އެވެ. އެ މީހުން މިނިވަން ކުރުމުގެ ހުއްޖަތަކަށް ހުޅުމާލޭ ކޯޓުން ދެއްކީ، ހައްޔަރުގެ އަމުރަށް އެދުނީ މައްސަލަބައްލަވާ ފުލުސް އޮފިސަރަށް ނުވުމާއި އެ މީހުން ހައްޔަރު ކުރުމާ މެދު ކްރިމިނަލް ކޯޓްގެ ނިންމުމެއް އޮތްވައި އެއަށް ވުރެ މަތީ ކޯޓެއްގައި އެ ނިންމުން އިސްތިއުނާފު ނުކޮށް މައްސަލަ ކުރިއަށް ގެންދިޔުން އަދި އަންހެން މީހާގެ ބަލިހާލަތެވެ.

އެހެން ނަމަވެސް، ފުލުހުން ބުނަނީ ކޯޓްއަމުރު ހޯދުމާއި ބަންދުގެ މުއްދަތު ޖަހަން އެ މީހުން ކޯޓަށް ހާޒިރުކުރި ފުލުސް އޮފިސަރުންނަކީ މުޅިން ވެސް ތަހުގީގު ކުރުމުގެ މަސްއޫލިއްޔަތު މަތިއްކޮށްފައިވާ ފުލުސް އޮފިސަރުން ކަމަށެވެ. އަދި މީގެ ކުރިން ވެސް އަމަލު ކުރަމުން އަންނަނީ އެ އުސޫލުން ކަމަށެވެ. މި ހުރިހާ ދުވަހު އެ އުސޫލު މައްސަލައަކަށް ނުވެ، މިފަހަރު އުސޫލުގެ ކަންތައްތައް މާ ބޮޑުވީ އެވެ. އެ މީހުން ހައްޔަރު ކުރަން ދެވަނަ އަމުރެއް ހޯދަން ހުޅުމާލޭ ކޯޓަށް ދިޔުމުން ވެސް އެކޯޓުން އިއްތިރާޒުނުކޮށް އާ އަމުރެއް ނެރެދިނުމަށް ފަހު، ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން އެއާ ދެކޮޅަށް އެ ކޯޓްގެ ނިންމުން އައި ސަބަބާ މެދު ވެސް އޮތީ ސުވާލު އުފެދިފަ އެވެ.

"މިހާލަތުގައި ތުހުމަތު ކުރެވުމުގެ ޖާގައެބަ އެބަ އޮތް މީގައި ގަސްތުގައި ގޯސް ހެދިއްޔޭ ވެސް ކޮންމެވެސް ބަޔަކު. ކޯޓް ނޫނީ ފުލުހުން ވެސް. އެކަމަކު މިއީ ވަރަށް ބޮޑަށް އިންޓާނަލް ތަހުގީގެއް ހިންގަން ޖެހޭ މައްސަލައެއް. މިހާ ގިނަ ޑްރަގާ އެކު ހައްޔަރުކުރި ބަޔަކު މިގޮތަށް ދޫކޮށްލަން ޖެހުން މިއީ ކުޑަކަމެއް ނޫން،" ކުރިން ވެސް ވާހަކަ ދެއްކެވި ލޯޔަރު ވިދާޅުވި އެވެ.

ހުޅުމާލޭ ކޯޓުން އެ މީހުން މިނިވަން ކުރުމަށް ދައްކާ ހުއްޖަތްތަކަށް ކްރިމިނަލް ކޯޓުން ވެސް ރޭވަނީ ބާރުދީފަ އެވެ. އެ ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ، އެ ކޯޓުން ކަމެއް ނިންމުން އެއަށް ވުރެ ދަށު ކޯޓަކަށް އެ ކޯޓްގެ ހުކުމާ މައްޗަށް ގޮތް ނުކިޔޭނެ ކަމަށެވެ. އޭގެ ބަދަލުގައި ފުލުހުން މައްސަލަ އިސްތިއުނާފު ކުރަން ޖެހޭކަން ކްރިމިނަލް ކޯޓުން ފާހަގަ ކުރެއްވި އެވެ. އޭގެ ބަދަލުގައި ފުލުހުން ދަށު ކޯޓަކަށް ގޮސް، ކްރިމިނަލް ކޯޓްގެ ނިންމުން ނަފީވާނެ އަމުރެއް ހޯދުމަކީ، "އަދުލުގެ ނިޒާމުގެ ތަރުތީބު މުގުރިގެންދާނެ ކަމެއް" ކަމަށް ކްރިމިނަލް ކޯޓުން ގަބޫލު ކުރެ އެވެ.

ފުލުހުން ބުނަނީ މި ކޭސްގައި ވަކި އާ އުސޫލަކަށް ފުލުހުން އަމަލު ނުކުރާ ކަމަށެވެ. މިއީ އަބަދުވެސް އަމަލުކުރާ އާންމު އުސޫލެވެ.

މީގެ އިތުރުން އެހެން ވާހަކައެއް ވެސް ކްރިމިނަލް ކޯޓުން ފާހަގަ ކުރި އެވެ. މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރި 52 އަހަރުގެ އަންހެން މީހާއަށް ފުލުހުން ޑްރަގްގެ ވިޔަފާރީގެ ތުހުމަތު ނުކުރާކަމެވެ. އޭގެ ބަދަލުގައި ފުލުހުން އެ އަންހެން މީހާގެ ހައްޔަރުކޮށްގެން އުޅެނީ، އެޕާޓްމަންޓުން މަސްތުވާތަކެތި ފެނިފައި ވާތީ އެކަމުގައި ޒިންމާ ނަގަން ޖެހޭ ކަމަށް ކުރާ ތުހުމަތުގަ އެވެ.

މި މައްސަލައިގައި އެހެން ޝައްކު އުފެދޭ މައްސަލައެއް ވެސް މިވަނީ ފެންމަތިވެފަ އެވެ. ޑްރަގްގެ މައްސަލާގައި ފުލުހުން ހައްޔަރު ކުރަން މަސައްކަތް ކުރާ އަންހެން މީހާގެ ދަރިއަކު ޕީޖީ އޮފީހުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމެވެ. އަދި އެ ވަކީލުގެ ފިރިމީހާ ހުރީ ޑްރަގްގެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފަ އެވެ. އަދި ފިރިމީހާގެ ކޭސްއެއްގައި މި ވަކީލް ޕީޖީ އޮފީހުގެ ފަރާތުން ކޯޓްގައި ވަކާލާތުކޮށް ފިރިމީހާ މިނިވަންވި މައްސަލައެއް ވެސް މީގެ ކުރިން ފެންމަތިވެ ބަލާފައިވެ އެވެ. މި ދިމާވެގެން އުޅޭ މައްސަލައިގައި އެ ވަކީލުގެ ނުފޫޒުތަކެއް އޮތް ކަމަށް އަންނަނީ ތުހުމަތުތަކެއް ވަމުން އެވެ. އެކަމަކު އޭގެ ހަގީގަތެއް ނޭނގެ އެވެ.

މި މައްސަލައިގައި ފުލުހުންގެ ތަހުގީގަށް އެޅޭނެ އެންމެ ބޮޑު ހުރަހަކަށް ވަނީ، މިހާ ބައިވަރު މަސްތުވާތަކެތި ފެނުނު ނަމަވެސް އެތަކެތި ޝަރުއީ މަރުހަލާގައި ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމާ މެދު އެވެ. ސަބަބަކަށް ވަނީ، އެގެ ބަލައި ފާސްކޮށް ހެކި ހޯދަން ހުޅުމާލެ ކޯޓުން ދިން އަމުރުގައި ވެސް ގާޒީގެ ސޮޔާއި ނަން ހިމެނިފައި ނެތުމެވެ. އެހެން ކަމުން އެއީ ޣައިރު ގާނޫނީ ގޮތެއްގައި ފުލުހުން ހޯދި ހެކިތަކަކަށް ބަދަލުވުމެވެ. ގާނޫނާއި ގަވާއިދާ ހިލާފަށް ހޯދާ ހެކި ޝަރީއަތުގެ މަޖިލީހަށް ބަލައެއް ނުގަންނާނެ އެވެ. އެއާ އެކު، މި ކޭހަކީ ސާބިތު ކުރެވޭނެ މައްސަލައަކަށް ނުވާނެ އެވެ. ނަތީޖާއަކީ، ޑްރަގްގެ ވިޔަފާރީގައި ހިމެނޭ ޒުވާނާ ސަލާމަތްވުމެވެ.

މި މައްސަލައާ އެކު ސުވާލުތަކާއި ތުހުމަތުތައް ފެންމަތިވަނީ ބަޔަކު ހައްޔަރުކޮށް ބަލައި ފާސްކުރުމުގެ އަމުރެއް ނެރެން އޮންނަ އުސޫލު ހުޅުމާލޭ ކޯޓްގެ ގާޒީއަކަށް ނޭނގޭނެ ކަމަށް ގަބޫލު ނުކުރެވޭތީ އެވެ. އަދި އެ އަމުރުގައި ހުރި މައްސަލަތައް ނުބަލާ އޮޕަރޭޝަން ހިންގަން ކޮމާންޑް ކުރި ފުލުހުންނާ މެދުވެސް ސުވާލުތައް އުފެދެނީ އެވެ. އަދި އެއަށް ފަހު އެ މައްސަލަ ޕްރޮސކިއުޓް ކުރަން އޮތް، ޕީޖީގެ ވަކީލެއްގެ މަސްލަހަތު މިކަމުގައި ބޮޑުވުމާ އެކު އެއީ އެކަމަށް ބާރުދޭ ކަމަކަށް ވަނީ އެވެ. މި މައްސަލާގައި މި ހެދުނު ގޯސްތަކުން ގިނަ ކަންކަމާ މެދު ވިސްނަން ވެއްޖެ އެވެ. ބޮޑެތި ކުށްތައް ހިންގުމަށް ފަހު މިފަދަ ބާގަނޑުތަކުން މީހުން ދެމިގަނެގެން މިނިވަނުން ގޮތުގައި ދޫކޮށްލެވެން ނެތީ އެވެ.

comment ކޮމެންޓް