ބްރައިޓް ޗެލެންޖް ކަޕް 2019: އެފްސީ ބަންގަލާ ކެޓި އިރު ބާގީ އަދި އޮޅުވާލި ކުއާޓާއަށް

ބްރައިޓް ޗެލެންޖު ކަޕުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ބްރައިޓް ކުލަބް

އއ. ތޮއްޑޫގައި މިހާރު ކުރިއަށްދާ ބްރައިޓް ޗެލެންޖު ކަޕުގައި މިއަދު ކުޅުނު މެޗުން ވެސް ބަލިވެ އެފްސީ ބަންގްލާ މުބާރާތުން ކެޓިއިރު ޓީމް ބާގީ އަދި އޮޅުވާލި ކުއާޓާއަށް ދަތުރު ކޮށްފި އެވެ.

މިއަދު ހަވީރު ތޮއްޑޫގެ އުތުރު އަވަށު ދަގަބާ އެރީނާ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ބަންގްލާ ބަލިވީ އެފްސީ ޔުނިކާއި ވާދަކޮށް 0-5 ގެ ބޮޑު ނަތީޖާއަކުންނެވެ. ކުޅުނު ދެ މެޗުން ވެސް ބަލިވެ ބަންގްލާ މުބާރާތުން އަލްވަދާއު ކިޔާފައިވާ އިރު އެ ޓީމު ނިސްބަތްވާ ގުރޫޕް ޑީ އިން ކުއާޓާއަށް ދަތުރު ކުރާނީ ވައި މެކްސް އެފްސީއާއި މިއަދުގެ މެޗުން މޮޅުވި ޔުނިކް އެފްީސީ އެވެ.

ބްރައިޓް ޗެލެންޖު ކަޕުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ބްރައިޓް ކުލަބް

މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ލެގޫން ވިލާއާއި އޮޅުވާލި ބައްދަލު ކުރި އިރު އެ މެޗު 2-4 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ އޮޅުވާލިންނެވެ. މި މޮޅާ އެކު އޮޅުވާލިން ވެސް ވަނީ ކުއާޓާއަށް ދަތުރު ކޮށްފަ އެވެ. އެއީ ގްރޫޕް ސްޓޭޖުގައި ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުން އެއްވަރުވެ ލިބުނު ޕޮއިންޓަކާ އެކު މިއަދުގެ މެޗުން ވެސް މޮޅުވެފައި ވާތީ އެވެ. އެ ގުރޫޕުން ކުއާޓާއަށް ދަތުރު ކުރާނެ ދެވަނަ ޓީމެއް އެނގޭނީ މާދަމާ ކުޅޭ ލެގޫން ވިލާއާއި ޔަންގްސްޓާ ބައްދަލު ކުރާ މެޗަށް ފަހު އެވެ. އެ މެޗުން އެއްވަރު ކޮށްލައިގެން ވެސް ޔަންގްސްޓާސް އަށް ކުއާޓާގެ ޖާގައެއް ލިބޭނެ އެވެ.

މުބާރާތުގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ފްރެއިންޑްސް ޔުނައިޓެޑާއި ޓީމް ލަޔަންސް ބައްދަލު ކުރި މެޗު ނިމުނީ ދެ ޓީމުން ކުރެން އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މި ނަތީޖާއާ އެކު ފްރެއިންޑްސް ޔުނައިޓެޑަށް ވަނީ އަމިއްލަ ބާރު ގެއްލިފަ އެވެ. އެ ގްރޫޕުގެ ދެން އޮތް ހެލޯ ބޭބީސްއަށް މިއަދުގެ ނަތީޖާއާ އެކު ކުއާޓާގެ ޖާގައެއް ޔަގީންވެފައި ވާ އިރު މާދަމާގެ މެޗުން އެއްވަރު ވިޔަސް ނުވަތަ ގޯލުގެ ކުޑަ ތަފާތަކުން ބަލިވެގެން ވެސް ޓީމް ލަޔަންސް އަށް ކުއާޓާއަށް ދަތުރު ކުރެވޭނެ އެވެ.

މިރޭ ކުޅުނު ފަހު މެޗުގައި ބާގީއިން ވަނީ ލަޔަން ފުނޑު ފުނޑު ކޮޅަށް ގޯލު ފުންޏެއް އޮއްސާލައިފަ އެވެ. އެ މެޗުގައި ބާގީއިން ވަނީ އިދިކޮޅު ޓީމު ކޮޅަށް ނުވަ ގޯލު ޖަހައިފަ އެވެ. މިއީ މި އަހަރުގެ މުބާރާތުގައި ޓީމެއްގެ ކޮޅަށް އެންމެ ގިނަ ގޯލު ޖެހި މެޗެވެ. މި ނަތީޖާއާ އެކު ބާގީއިން ވަނީ ގުރޫޕުގެ އެއްވަނައިގައި ކުއާޓާއަށް ދަތުރު ކޮށްފަ އެވެ.

މާދަމާ ވެސް މި މުބާރާތުގެ ފޯރިގަދަ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެ މެޗުތަކުން ކުއާޓާގެ ހުރިހާ ޖާގައެއް ކަށަވަރު ވާނެ އެވެ.

comment ކޮމެންޓް