މީރާ ހާޒިރުނުވެގެން ތްރީއޭގެ މައްޗަށް ކުރި ދައުވާ ކޯޓުން ބޭރުކޮށްލައިފި

ތްރީއޭގެ ފިލިތެޔޮ ރިސޯޓު --

ތްރީއޭ ކުންފުނީގެ ރިސޯޓްތަކުން ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި އެ ފައިސާ ނުދެއްކުމުގެ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ ހޯދަން މީރާއިން އެ ކުންފުނީގެ މައްޗަށް ކުރި ދައުވާ މީރާއިން ހާޒިރުނުވެގެން ސިވިލް ކޯޓުން މައްސަލަ ބޭރުކޮށްލައިފި އެވެ.

ތްރީއޭ ކުންފުންޏަކީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ހިއްސާ އޮންނަ އެ އާއިލާގެ ވިޔަފާރިއެކެވެ. އެ ކުންފުނީގެ ރިސޯޓްތަކުން ދައުލަތަށް ދައްކަން ޖެހިފައިވާ 200 މިލިއަން ރުފިޔާ އެއް އަހަރުން ބަހާލައިގެން ދެއްކުމަށް ޓޫރިޒަމް މިނިސްޓްރީއިން ސެޓުލްމަންޓް އެގްރިމަންޓެއް ހަދައި ރިސޯޓް ހިންގުމުގެ ހުއްދަވެސް ވަނީ އަލުން ދީފަ އެވެ. އަލީ ޝިޔާމް އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ކައިވެނި ބައްލަވައިގެން އުުޅުއްވަނީ އެއްގެއެއްގެ ދެ ބޭފުޅުންނާ އެވެ.

ސެޓުލްމަންޓް އެގްރިމަންޓް ހަދައި ރިސޯޓް ހިންގުމުގެ ހުއްދަ އަލުން ދިންކަން މިނިސްޓްރީއިން އިއުލާން ކުރީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

އެ ފައިސާތައް އެކި އެއްފަހަރާ ހޯދުމަށް މީރާ އިން އެ ކުންފުންޏަށް ދެކޮޅަށް ކުރި ދައުވާގެ އަޑުއެހުމެއް މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 10:15 އަށް ސިވިލް ކޯޓްގައި ޝެޑިއުލް ކުރި ނަމަވެސް، ޗިޓާ ހަވާލުވުމަށް ފަހުވެސް މީރާގެ އެއްވެސް ފަރާތަކުން އެ އަޑުއެހުމެއް ހާޒިރުވެފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން އެ ދުވަހު އެ ކޯޓުން ކުރި ހުކުމުގައި ބުނީ ދައުވާ ކުރާ ފަރާތުން ޗިޓާ ހަވާލުވުމަށް ފަހު އެއްވެސް މަގުބޫލު އުޒުރެއް ނެތި ހާޒިރުވެފައި ނުވާތީ ދައުވާގެ ފޯމް ބާތިލް ކުރީ ކަމަށެވެ.

މިކަމާ ގުޅިގެން މީރާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ރިސޯޓް ހިންގުމުގެ ލައިސަންސް އަނބުރާ ދީފައިވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައުލަތަށް ދައްކަންޖެހެނީ ތްރީއޭގެ ފިލިތެޔޮ އިންނެވެ. އެގޮތުން އެ ރިސޯޓުން 8.1 މިލިއަން ޑޮލަރު (124.9 މިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ. ދެ ވަނަ އަށް އެންމެ ބޮޑު އަދަދެއް ދައްކަންޖެހެނީ އެ ކުންފުނީގެ މަސްލަހަތު އޮންނަ މެދުފުށިން 4.2 މިލިއަން ޑޮލަރު (64 މިލިއަން ރުފިޔާ) އެވެ. މީގެ އިތުރުން އެ ކުންފުނީގެ ހޮނޑާފުށިން ހަތަރު ލައްކަ ޑޮލަރު ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައި ވަނީ ތްރިއޭގެ ރިސޯޓްތައް ހިންގުމުގެ ހުއްދަދީ ސެޓުލްމަންޓް އެގްރިމަންޓް ހެދީ މިނިސްޓްރީއިން އަމަލުކުރާ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި އެކަމުގެ ތަފާތު ކުރުމެއް ނޯންނާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް