އެލައިޑާ އެކު މަދިރިއަށް ހޯހޯ ބުނަން މަލީކުގެ ކެމްޕެއިނެއް

އެލައިޑްގެ ވީޑިއޯގައި މަލީކު --

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުކުރު މިސްކިތުން ނުކުމެވަޑައިގަންނަވަނިކޮށް ރައީސާ މުހާތަބުކޮށް ވާހަކަ ދެއްކި ތުއްތު މަލީކަކީ ދިވެހިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ކުޅަދާނަ ކުއްޖެކެވެ. މަލީކުގެ މަޖާ މިޒާޖު އެ ކުރު ވީޑިއޯ އިންވެސް ފެނިގެންދިޔަ އެވެ. އެލައިޑުން މަދިރިއާ ދެކޮޅަށް ކުރާ ކެމްޕެއިނުގައި މަލީކު ބައިވެރިވެ މަދިރިއަށް ހޯހޯ ބުނުމަށް މަލީކު މިވަނީ ގައުމީ ކެމްޕެއިނެއް ފަށައިފަ އެވެ.

މަލީކުގެ ހިތުގައި ގައުމީ ލޯބި އަށަގެންފައިވާ މިންވަރު އެލައިޑުގެ އާ ވީޑިއޯ އިން ފެނެ އެވެ. ވީޑިއޯ އިން ފެންނަނީ އީދު ދުވަހުގެ ހެނދުނު އީދު ސަޔަށް އިންސާފު ކުރާވަގުތު އާއިލާގެ ތެރޭގައި ދެކެވޭ ވާހަކަ އެވެ.

އެލައިޑްގެ ވީޑިއޯގައި މަލީކު --

މަލީކުގެ ބައްޕަ އާއި ބޭބެ އަދި ކާފައާ އެކު އީދު ނަމާދުން އެނބުރި އައި އިރު މަންމަ އާއި މާމަ ތިބެނީ އީދު ސަޔަށް ތައްޔާރުކޮށްގެންނެވެ. ނަމާދުން އައުން ލަސްވީ މަލީކަކީ "މިހާރު ސެލެބްރިޓީއަކަށް ވީމާ" ކަމަށް މަލީކުގެ ބައްޕަ ބުނެ އެވެ. އެއީ ދޮގެއް ނޫނެވެ. ރައީސް އާ މުހާތަބު ކުރާ ވީޑިއޯ އާ އެކު ރާއްޖޭގައި ތިބީ ހުސް މަލީކުގެ ފޭނުންނެވެ.

މަލީކު އަމިއްލަ އަށް ސައި ގިރަން އިންދާ "މިސްކިތު ފުރެންޑު ބުނީ ކީކޭ" ތޯ ކާފަ ސުވާލު ކުރެ އެވެ. ޖަވާބުގައި ތުއްތު އަޑުން މަލީކު ބުނަނީ މިސްކިތު ފްރެންޑު ބުނީ "އީދު މުބާރިކު" ކަމަށެވެ. ދެން މަލީކު ބުނާ ވާހަކައަކީ ވެސް މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ، ހިތަށް ފިނިކަން ގެނެސްދޭ ވާހަކައެކެވެ.

"އެހެންމީހުންގެ ހުންނަނީ ފޭސްބުކް ފްރެންޑްސް. މަލީކުގެ ހުންނަނީ މިސްކިތު ފްރެންޑްސް،" - މަލީކު

އެލައިޑްގެ ވީޑިއޯގައި މަލީކު --

ސައި މޭޒު ދޮށުގައި ތިއްބާ މަންމަ އީދު ހަދިޔާ ގެނެސްދޭއިރަށް އަވަހަށް ހަދިޔާ ކަނޑާ އިރު މަލީކަށް ލިބެނީ މަލީކުގެ އެންމެ "ފޭވަރިޓް" ގައުމީ ދިދައެކެވެ. ހެދުމުގައި ހަރުކުރާ ދިދަ ބެޖަކާ އެކު ލިބޭ ހަދިޔާ މަލީކަށް ވަރަށް ކަމުދެ އެވެ. މަލީކަކީ ވަރަށް ގައުމީ ކުއްޖެއް ކަމަށް މަލީކު ބުނެ އެވެ.

އެއާއެކު މާމަ އަހަނީ ސުވާލެކެވެ. އީދާ ދިމާކޮށް މަލީކު ގައުމަށް ކޮންދެނީ ކޮންކަމެއްތޯ އެވެ. ޖަވާބުގައި މަލީކު ބުނަނީ އޭނާ ކެމްޕެއިނެއް ފަށަންއުޅޭ ކަމަށެވެ. މަލީކުގެ ރައްޓެހި އަމީން ބަލިވެގެންނެވެ.

"މަލީކުގެ ފްރެންޑް އަމީން ބަލިވީ. އަދި ޗިކުންގުންޔާ ޖެހިގެން. އެހެންވެގެން. ދެން ޗޮކެއް ޖަހާލަބަލަ،" އެންމެންގެ މޫނަށް ހިނިތުންވުން ގެންނަ އަނެއް ތަންކޮޅަކީ މި އެވެ. މަލީކުގެ ކެމްޕެއިނަކީ މަދިރި ނައްތާލުމުގެ ކެމްޕެއިނެކެވެ.

އެލައިޑްގެ ވީޑިއޯގައި މަލީކު --

"މަދިރި ގިނަވީމަ ޑެންގީ އާއި ޗިކުންގުންޔާ އާއެއްޗެހި ގިނަވަނީ. މިއަދު އައި އިރު ދުށިން ސާފުނުކޮށްް އޮތް ތަންތަން. ދެން މި ތަންތަނުގައި މަދިރި ބިސް އަޅަނީ. ދެން ފެތުރެނީ ބަލި. އެހެންވީމާ އެންމެން އެބަޖެހޭ މަދިރި ހޯހޯ އޭ ބުނަން،" ދެއަތުން ހޯހޯ އޭބުނަމުން މަލީކު ބުނެ އެވެ.

މަލީކުގެ ކެމްޕެއިން ފަށަނީ ކޮންއިރަކުތޯ ބައްޕަ ސުވާލު ކުރުމުން މަލީކު ބުނަނީ އޭގެ ކުރިން ރައްޓެއްސަކާ ގުޅާލަން ޖެހޭ ކަމަށާއި ޕާސްވޯޑު ނުޖަހައި ބައްޕަގެ ފޯނު ދޭން އެބަ ޖެހޭ ކަމަށެވެ. މަންމަ އަހާލަނީ މަލީކު ގުޅަންން އުޅެނީ ކޮން ގެއަކު އުޅޭ ރައްޓެއްސަކަށްތޯ އެވެ. މަލީކުގެ ލޯބި ގޮތުގައި ބުނަނީ "މިހާރު އެނގޭނެ" ކަމަށެވެ. ކޮން ގެއެއްތޯ މަންމަ އަނެއްކާ ވެސް އަހާލުމުން މުލީއާގެ އޭ ބުނެ އެވެ.

މަދިރި އަށް ހޯހޯ ބުނަން އީދާ ގުޅުވައިގެން މަލީކު ފެށި ކެމްޕެއިނުގައި މަލީކުގެ މިސްކިތު ފްރެންޑު ރައީސް ސޯލިހު ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވައިފަ އެވެ. މަލީކުގެ ލޯބި ވީޑިއޯކޮޅު ރީޓްވީޓު ކުރައްވަމުން ރައީސް ވިދާޅުވީ ރައީސްގެ ކުޑަކުޑަ މިސްކިތު ފްރެންޑުގެ މެސެޖު ވަރަށް ހާއްސަ ކަމަށެވެ.

މަލީކުގެ މަގުބޫލުކަން އިތުރުވި ވީޑިއޯ އަކީ ތަރާވީސް ނަމާދަށް ފަހު ރައީސް ސޯލިހު ހުކުރު މިސްކިތުން ނިކުމެ ވަޑައިގަންނަވަންދެން ރައީސް އިންތިޒާރުގައި ހުރި މަލީކު ރައީސް އާ މުހާތަބުކޮށް "ކޮންތާކަށް ތިދަނީ" އަހާ ރައީސް އާ ސުވާލު ކުރާ ވީޑިއޯ އެވެ. މަލީކުގެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅު ވަނީ ގެއަށް ވަޑައިގަންނަވަނީ ކަމަށެވެ. ރައީސްގެ ގެކޮޅާކީ ކޮބައިތޯ މަލީކު އެހުމުން ސަމާސާ ރާގެއްގައި ރައީސް ވިދާޅުވަނީ "މިހާރު އެނގޭނެ" ކަމަށެވެ. މަޖާ ހިނިގަނޑަކަށް ފަހު މަލިކު ބުނަނީ ރައީސްގެ ގެކޮޅަކީ މުލީއާގެ ކަމަށެވެ.

އެލައިޑްގެ ވީޑިއޯގައި މަލީކު --

މިސްކިތުން ރައީސް އާ ބައްދަލުވެ، ރައީސްގެ "މިސްކިތު ފްރެންޑު"ގެ ގޮތުގައި އެންމެންނަށް އެނގޭ މަލީކަކީ ހާއްސަ ކުއްޖެކެވެ. އެންމެންގެ ހިތްތަކުން ލޯބި ހޯދާފައިވާ ހުނަރުވެރިއެކެވެ. މަލީކާ އެކު މަދިރި އަށް ހޯހޯ ބުނަން އެލައިޑުގެ ކެމްޕެއިނުގައި ބައިވެރިވަމާ އަންނާށެވެ. މަދިރި އުފެދޭ ތަންތަން ނައްތާލާ ޑެންގީ އާއި ޗިކުންގުންޔާ އިން ސަލާމަތްވުމަށް މަސައްކަތް ފަށަން ހިނގާށެވެ.

comment ކޮމެންޓް