ސޫދާން ސިފައިން ހިންގި ގަތުލުއާންމުގައި މަރުވި މީހުންގެ އަދަދު 30 އަށް އަރައިިފި

ޚުރްތޫމް (ޖޫން 4) : ސޫދާންގެ ވެރިކަން މަދަނީ އިންތިގާލީ ސަރުކާރަކާ ހަވާލުކުރުމަށް ގޮވާލައި މުޒާހަރާތަކާއި އިޙްތިޖާޖްތައް ކުރަމުން ގެންދާ އިދިކޮޅު ކޯލިޝަނުން ވެރިރަށް ޚުރްތޫމްގައި ބާއްވަމުންގެންދާ ބޮޑު އެއްވުން ރޫޅާލުމަށް ޓަކައި ސޫދާން ސިފައިން ބަޑިޖަހައި ބާރުގެ ބޭނުން ކުރުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 30 އަށް އަރައިފި އެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާހަކަ ދެއްކި އިސް އެކްޓިވިސްޓެއް ކަމަށްވާ މަދަނީ އައްބާސް ވިދާޅުވީ ބަޑިޖަހައިގެން އިދިކޮޅު އެއްވުން ރޫޅާލުމުގެ އޮޕްރޭޝަން ހިންގީ ސޫދާން ސިފައިންގެ ތެރޭގައި ހިމެނޭ "ރެޕިޑް ސަޕޯޓް ފޯސް" އިން ކަމަށާ މިއީ ވެރިކަންކުރާ އަސްކަރީ މަޖިލީހުން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހިންގި ބޮޑު ބޮޑު ގަތްލުއާންމެއްކަމުގަ އެވެ. މި ގަތްލުއާންމުގައި ބަޑިޖަހައިގެން މަރާލި މީހުންގެ އަދަދު 30 އަށް އަރާފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވެސް 100 އަށް ވުރެ މަތީގައި ވާކަމަށް މަދަނީ އައްބާސް ވިދާޅުވި އެވެ.

ސޫދާނުގެ ކުރީގެ ރައީސް އުމަރުލްބަޝީރުގެ ވެރިކަން ވެއްޓުނީ ވެސް އިދިކޮޅު ކޯލިޝަނުން މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ކުރަމުން ގެންދާ މުޒާހަރާތަކުގެ ސަބަބުންނެވެ. އެމުޒާހަރާތައް ނުހުއްޓުވި ދިގުލައިގެން ދިޔުމާއެކު ސޫދާނުގެ ސިފައިންވަނީ މިދިޔަ އެޕްރީލް މަހުގެ 11 ވަނަ ދުވަހު ބަޝީރު މަގާމުން ދުރުކުރުމަށް ފަހު ބަޝީރު ޖަލަށްލާފަ އެވެ. އެއަށް ފަހު ސޫދާން ސިފައިން އެގައުމުގައި ވަގުތީގޮތުން ވެރިކަން ކުރަމުން ގެންދަނީ ހަތްމެންބަރުންގެ އަސްކަރީ މަޖިލީހެއް އެކުލަވާލައި އެ މަޖިލީހުންނެވެ. މިއާއެކު އިދިކޮޅު ކޯލިޝަނުން ގެންދިޔައީ ސޫދާނުގެ ވެރިކަން މަދަނީ އިންތިގާލީ ސަރުކާރަކާ ހަވާލުކުރުމަށް ގޮވާލައި ހުއްޓުމެއްނެތި މުޒާހަރާތަކާއި އެއްވުންތައް ކުރިޔަށް ގެންދަމުންނެވެ.

މީގެތެރެއިން އެންމެ ބޮޑު އެއްވުން ބާއްވަމުން ގެންދިޔައީ ވެރިރަށް ޚުރްތޫމްގައި ހުންނަ ސޫދާން ސިފައިންގެ މައި މަރުކަޒުގެ ކުރިމަތީގައެވެ. އިއްޔެ ސޫދާން ސިފައިން ބަޑީޖަހައި ރޫޅާލުމަށް މަސައްކަތްކުރީ ސިފައިންގެ މައި މަރުކަޒުގެ ކުރިމަތީގައި އިދިކޮޅު ފަރާތްތަކުން ބާއްވަމުން ގެންދާ ބޮޑު އެއްވުމެވެ. މިއެއްވުން ރޫޅާލުމަށްޓަކައި ބަޑިޖަހައިގެން 30 މީހުން މަރާލައި 100 އަށްވުރެ ގިނަ މީހުން މަރާލިނަމަވެސް އިދިކޮޅު ފަރާތްތަކުންވަނީ އަނެއްކާވެސް އެއްވުން ބާއްވާފަ އެވެ.

ސޫދާން ސިފައިންގެ މިއަނިޔާވެރި އަމަލަށް ފަހު އިދިކޮޅު ކޯލިޝަނުން ވަނީ ސޫދާނަށް ޑިމޮކްރަސީ ގެނައުމާބެހޭގޮތުން އަސްކަރީ މަޖިލީހާއެކު ދައްކަމުން ގެންދިޔަ ވާހަކަތައް ހުއްޓުމަކަށް އައީ ކަމަށާ އަސްކަރީ މަޖިލީހުގެ ވެރިންނާއި މެންބަރުން ދެން ޙާޒިރު ކުރަންޖެހޭނީ އިންސާފުގެ ކުރިމައްޗަށް ކަމަށްބުނެ ނޫސްބަޔާނެއް ނެރެފައެވެ. އަދި ކުރީގެ ރައީސް އުމަރުލްބަޝީރުގެ ވެރިކަން ވައްޓާލިގޮތަށް އަސްކަރީ މަޖިލީހުގެ ވެރިވައްޓާލެވެންދެން މުޒާހަރާތަކާއި އެއްވުންތައް މުޅި ސޫދާންގައި ފުޅާދާއިރާއެއްގައި ކުރިޔަށް ގެންދާނެކަމަށާ އަދި މަދަނީ ބަސްނޭހުމާއި ހަޅުތާލުތައްވެސް ކުރިޔަށްގެންދާނެ ކަމުގެ އިންޒާރު އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައިވަނީ ދީފައެވެ.

ހޯމަދުވަހު ސޫދާން ސިފައިން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހިނގި މިއަނިޔާވެރި އަދި ލޭއޮހޮރުވުން ބޮޑު ޖަރީމާއާ ގުޅިގެން އދ. އާއި ދުނިޔޭގެ ގައުމުތަކުން ވަނީ ސޫދާނުގެ އަސްކަރީ މަޖިލިސް ކުށްވެރިކޮށް ބަޔާންތައް ނެރެފައެވެ. މިބަޔާންތަކުގައި ބައިނަލްއަގްވާމީ މުޖްތަމައުންވަނީ ސޫދާނުގެ ވެރިކަން އަވަސްގޮތަކަށް މަދަނީ އިންތިގާލީ ސަރުކާރަކާ ހަވާލު ކުރުމަށާއި ލޭއޮހޮރުވުމުގެ އަމަލެއް ނުހިންގުމަށް އަސްކަރީ މަޖިލީހަށް ގޮވާލާފައެވެ. އަދި ސޫދާނުގެ ޕަބްލިކް ޕްރޮސެކިއުޓާ ވަނީ އިދިކޮޅު އެއްވުމަށް ސިފައިން ބަޑިޖަހައި 30 މީހުން މަރާލި ޖަރީމާ ތަހްގީގް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް