އަށް ރަށެއްގައި ބީއެމްއެލް އިން އީދު ސައި ބާއްވައިފި

ބީއެމްއެލް އިން ބޭއްވި އީދު ސައި -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންތިޒާމުކޮށްގެން ރާއްޖޭގެ އަށް ރަށެއްގައި ކުޑަ އީދު ސައި ބާއްވައިފި އެވެ.

ބީއެމްއެލް އިން ބުނީ އީދު ސަޔަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަން އާލާކޮށް އިޖްތިމާއީ ގުޅުން ބަދަހިކަން ފެނިގެންދާ އެއް ކަންތައް ކަމަށާއި އީދު ނަމާދަށްފަހު ރާއްޖޭގެ ގިނަ ރަށްރަށުން ފެންނަ އެންމެ ރީތި އެއް މަންޒަރަކީ މިފަދަ މުނާސަބަތުތަކުން ފެންނަ އެކުވެރިކަން ކަމަށެވެ

މި އެކުވެރިކަން އާލާކޮށް، މުޖުތަމުގެ އެކުވެރިކަން ބަދަހިކުރުމުގެ މަގްސަދުގައި ބީއެމްއެލް އިން މިފަހަރު އީދު ސައި ބާއްވާފައިވަނީ ހއ. ހޯރަފުށި، ށ. ފުނަދޫ . ނ. ހޮޅުދޫ، ޅ. ނައިފަރު، އއ. ރަސްދޫ، ވ. ފެލިދޫ، މ. މުލި، އަދި ސ. ހުޅުމީދޫ ގައެވެ.

ބީއެމްއެލް އިން ބޭއްވި އީދު ސައި -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން އީދު ސައި އިންތިޒާމްކޮށްފައިވަނީ ރަށުގެ ކައުންސިލްތަކާއި، މަދަނީ ޖަމިއްޔާތަކާއި އަދި އާންމު ފަރުދުންނާ ގުޅިގެން އެފަރާތްތަކުގެ އެހީތެރިކަމާއެކުގައެވެ.

އީދު ސަޔާ ގުޅޭގޮތުން ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސަޢީދު ވިދާޅުވީ ކުދިބޮޑު އެންމެން އީދުގެ ސައިގައި ބައިވެރިވެ، އެއްކޮށް ސައިބޯލައި ވާހަކަ ދައްކާލާ މަންޒަރަކީ އުފާވެރި މަންޒަރެއް ކަމަށެވެ. އަދި އީދު ފަދަ މުނާސަބާތަކުގައި އެއްކޮށް މި ގޮތަށް އީދު ސައި ބާއްވާލުމަކީ އެކުވެރިކަން ބަދަހިވާ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"މިފުރުސަތުގައި ބޭންކުގެ ބްރާންޗުތަކުގެ މުވައްޒަފުން މިކަމަށް އިސްނަގައިގެން ކޮށްދިން މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި ހަމައެހެންމެ މި ރަށްތަކުގެ ރައްޔިތުންގެ ފަރާތުން މިކަމަށް ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް އެފަރާތްތަކަށްވެސް ޚާއްސަ ޝުކުރެއް ދަންނަވަން. އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް އޮތްތާނގައިވެސް މިފަދަ ހަރަކާތްތަކެއް ވީހާވެސް ގިނަ ރަށްތަކުގައި ބޭއްވިގެންދިޔުން،" ސައީދު ވިދާޅުވިއެވެ.

comment ކޮމެންޓް