އީދު މުބާރަކު!

ސަން އޮންލައިންގައި އަޅުގަނޑު ލިޔަންފެށި "އުޑުދަށުން" ކޮލަމް، ދުވަސްކޮޅަކަށް ނަމަވެސް ދިރުން ގެއްލި، ވިންދު ހުސްވެފައި އޮންނަތާ ހަތަރު އަހަރު ވޭތުވެ ހިނގާއްޖެއެވެ.

އެންމެފަހުން "އުޑުދަށުން"ގެ ނަމުގައި ލިޔުމެއް ފެނިފައި ވާނީ، 2015 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ. "ކުޑަ ކުދީންނަށް ކުރެވޭ ބޮޑެތި އަނިޔާ" ގެ ނަމުގައި ލިޔެފައިވާ ލިޔުމެކެވެ. އެ ލިޔުމާ ހަމައިން މި ކޮލަމް ކޯމާއަކަށް ދިޔައީއެވެ. ދިމާވި ސަބަބުތަކަކާ ހުރެއެވެ.

އެހެންނަމަވެސް ﷲ ގެ ތަނަވަސް ރަޙުމަތާއެކު، މި ކޮލަމަށް މި ވަނީ، އަނެއްކާވެސް ދިރުން އައިސްފައެވެ. ވަރަށް ޚާއްޞަ، އެހައިމެ އުފާވެރި ދުވަހަކާ ދިމާކޮށެވެ. ބަރަކާތްތެރި ރަމަޟާންމަހާ ވިދިގެން މުސްލިމުން ކުރިމަތިލާ އެންމެ އުފާވެރި ދުވަސްކަމުގައިވާ، ފިތުރު އީދާ ދިމާކޮށެވެ. އެހެންކަމުން އަޅުގަނޑުގެ އެންމެ އިސް ވާޖިބަކަށް ހަދާންޖެހިފައި މި ވަނީ ކިޔުންތެރީނަށް "އީދު މުބާރަކް" ކިޔުމެވެ.

ފިތުރު ޢީދަކީ މުސްލިމުންނަށް އަންނަ، އެންމެ އުފާވެރި ދެ އީދުގެ ތެރެއިން އެއް ޢީދެވެ. ދިވެހީންގެ ޢާންމު ބަހުރުވައިން ނަމަ، ކުޑައީދެވެ. މި ދުވަހަށް ކުޑައީދުގެ ނަމުން ދިވެހީން ނަން ދިނީ، ފަހަރެއްގައިވެސް މި އީދުގެ ބަރަކާތްރެރިކަން ކުޑަވެގެނެއް ނޫނެވެ. އަދި އުފާވެރިކަމާއި ޚާއްޞަކަން ކުޑަވެގެނެއް ވެސް ނޫނެވެ. މި އީދަކީ، ރޯދަވެރީންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އިނާމެއްގެ ގޮތުގައި ލެއްވި ދުވަހެކެވެ. ރޯދަމަހުގެ ދުވަސްތައް އެކަލާނގެ އެންގެވި ގޮތަށް ފުރިހަމައަށް އަދާކުރެވުނީތީ، އެކަމަށް ޝުކުރުވެރިވުމަށް ޓަކައި ލެއްވި ބަރަކާތްތެރި ދުވަހެކެވެ. އެހެންކަމުން މި ދުވަހު އަޅުގަނޑުމެން ސަމާލުކަންދީ، ވިސްނާން ޖެހޭ ކަންތައްތަކެއް ހުންނާނޭކަން ކަށަވަރެވެ.

އީދު ކައިރިވަމުން އައުމާއެކު މާލޭގެ މަގުތަކާއި ފިހާރަތަކަށް ބާރުބޮޑުވެ ހަލަބޮލިކަން އާދެއެވެ. ކީއްވެގެންތޯއެވެ. އީދަށް ބޭނުންވާ ތަފާތު ތަކެތި ގަތުމަށް ޓަކައެވެ. އޭގެތެރެއިން ވެސް އެންމެ ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެނީ، އީދު ހެދުން ގަތުމެވެ. އީދަކީ އުފާވެރިކަމުގެ ދުވަހެކެވެ. ޒީނަތްތެރިވުމުގެ ދުވަހެކެވެ. ރީތި ހެދުން ލާންޖެހޭ ދުވަހެކެވެ. ވީއިރު އެ މީހަކަށް ލިބިފައިވާ މިންވަރަކުން އާ ހެދުން ގަންނާން ޖެހޭނެއެވެ. މީރުވަސް ދުވާ ހުވަނދު ހޯދާން ޖެހޭނެއެވެ. އީދު ދުވަހު ރީތި ފޭރާންލައި، މީރުވަސްދުވާ ހުވަނދު ލުމަށް އިސްލާމްދީން ނުހަނު ބޮޑަށް ބާރުއަޅައެވެ. އެހެންނަމަވެސް މިކަމުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ އިސްރާފުން އެއްކިބާވުމަށެވެ. ފުދޭ މިންވަރަށް ވުރެ އިތުރަށް ނުހޯދުމަށެވެ.

އީދު ދުވަސް ފެށެނީ އީދު ނަމާދުންނެވެ. އީދު ނަމާދަށް ދާ، ކުދިބޮޑު، އަންހެން ފިރިހެން އެންމެން ވެސް ދަނީ، އެ މީހެއްގެ ފެންވަރުން ރީތި، އައު ހެދުމެއް ލައިގެންނެވެ. މީރުވަސް ދުވާ ސެންޓުން ވަސްމީރުކޮށްގެންނެވެ. އީދު ނަމާދަކީ، މުސްލިމު އަޚުންނާއި އުޚުތުން އެއް ތަނަކަށް އެއްވެ ކުރެވޭ ވަރަށް ޚާއްޞަ ނަމާދެކެވެ. މި ނަމާދު ޚާއްޞަ ވަނީ އެތައް ސަބަބަކާހުރެއެވެ. އެންމެ މުހިންމު އެއް ސަބަބަކީ، މި އެއްވުމުގެ ސަބަބުން މުސްލިމުންގެ އެކުވެރިކަމާއި އެއްބައި ވަންތަކަން ފެނިގެން ދިޔުމެވެ. ކުޑައެއް ބޮޑެއް، މުއްސަންޖެއް، ފަޤީރެއް ތަފާތުވުމެއް ނެތި، އެންމެން ހަމަހަމަކޮށް ފެނުމެވެ. ﷲ ހަނދުމަކޮށް، އެންމެން އެއް އަޑަކުން ތަކުބީރު ކިޔަމުން ގެންދިޔުމެވެ. އެހެންކަމުން މި ޚާއްޞަ ނަމާދަށް އެންމެހައި މުސްލިމު އަޚުންނާއި އުޚުތުން ސަމާލުކަންދީނުމަކީ، އީދުގެ އެންމެ މަތިވެރި ވާޖިބުކަމަށް ދެކޭށެވެ. އީދު، އީދުގެ ގޮތުގައި ފުރިހަމަވާން އޮތީ، އީދު ނަމާދުގެ ބަރަކާތް ހާޞިލު ކުރެވިގެންނެވެ.

އީދު ނަމާދަށްފަހު އާއިލާގެ މީސްމީހުންނާ ބައްދަލުކޮށްލައި، ރައްޓެހީންގެ ގޭގެއަށް ޒިޔާރަތްކުރުމަކީ، ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. ގާތްތިމާގެ މީހުންނާއި ދުރުތާ ތިމާގެ މީސްމީހުންނާ ސަލާންކޮށް، ހާލު އަހުވާލު އޮޅުން ފިލުވާން ޖެހޭނެއެވެ. ގާތް ރައްޓެހި މިތުރުންގެ މުހުތާދުތައް ދެނެގަންނާން ޖެހޭނެއެވެ. އެންމެންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ވަރުގަދަކޮށް ހަރުދަނާ ކުރުމަށެވެ. ބައިބައިވުންތަކާއި ދެކޮޅުވެރިކަމާއި ހަސަދައިން މިންޖުވުމަށެވެ. ގާތްތިމާގެކަމާއި ރަޙިމުގެ ގުޅުން ވަރުގަދަކުރުމަށެވެ. މި ކަންކަމަކީ އިސްލާމްދީން ނުހަނު ބޮޑަށް ބާރުއަޅާ ކަންކަން ވެސް މެއެވެ.

އުފަލަކީ، ބައެއް ދިވެހީން، މި އާދަކާދަ މި ގޮތުގައި ދަމަހައްޓާކަމެވެ. އޭގެ ނަތީޖާ ކިތަންމެހައި ވެސް ފޮންޏެވެ. އެހެންނަމަވެސް ހިތާމައަކީ، މި ފަދަ ޒިޔާރަތްކުރުންތައް، އެއް ދުވަހުން އަނެއް ދުވަހަށް މަދުވަމުން ދިޔުމެވެ. އީދު ނަމާދަށްފަހު، ބައެއް މީހުން އިސްކަންދެނީ ނިދާލުމަށެވެ. ކޮފީ މޭޒުދޮށުގައި ވައި އަނގަ ތެޅުމުގައި ވަގުތުތައް ބޭކާރުކޮށްލުމަށެވެ. ނުވަތަ ފޯނުގެ އަވައިގައި ޖެހި، އެކަހެރި ދުނިޔެއެއްގައި އިނދެ، ވަގުތުތައް ދުއްވާލުމަށެވެ.

އީދުގެ މަތިވެރި އުފަލަކީ، ކޮންމެ މުސްލިމަކަށް ވެސް ލިބިގެންވާ އުފަލެކެވެ. ތަނަވަސްކަން ލިބިފައިވާ މީހުން، އަތްމަތި ދަތި މީހުންނަށް، އީދުގެ އުފާ އޭގެ އެންމެ މަތީ ދަރަޖައަށް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ ވަރަށް މާތް ސިފައެކެވެ. ތިމާ ރީތި ހެދުން ލައިގެން، މީރު ކާތަކެތި ކައިގެން، އީދުގެ އުފާ ހާޞިލުކުރަމުން ގެންދާއިރު، ތިމާގެ އަޚާ، އެ ފަދައެއް ނެތި ހުރުމަކީ، ތިމާއަށް ވެސް ލިބޭ ހުތުރެކެވެ. ނިކަމެތިކަމެކެވެ. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން ބާރުއަޅަނީ، ނިކަމެތީންނަށް އެހީތެރިވުމަށެވެ. ޚާއްޞަކޮށް އީދުގެ އުފަލުގައި، އެންމެން ބައިވެރި ކުރުމަށެވެ. އެހެންކަމުން، ތަނަވަސްކަމުގެ އަހުލުވެރީން، އެބައި މީހުންނަށް ﷲ ދެއްވި ނިޢުމަތް، އެކަލާނގެ އެންގެވި ގޮތުގައި ހޭދަކޮށްގެން، އީދުގެ އުފާ ލިބިގަންނާން މަސައްކަތް ކުރާށެވެ.

ކޮންމެއަކަސް މިއަދަކީ އުފާވެރިކަމުގެ ދުވަހެކެވެ. ރަމަޟާންމަހުގެ އަޅުކަމާ ވިދިގެން އައި ބަރަކާތްތެރި އީދު ދުވަހެވެ. މި ދުވަހުގެ އުފާވެރިކަމާއި ބަރަކާތްތެރިކަން، އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށް، ގަދައަޅައި މަސައްކަތް ކުރާށެވެ. އީދު ނަމާދަށް ފަރުވާތެރިވާށެވެ. އާއިލާގެ މީހުންނާ ބައްދަލުކޮށް، ހާލުއަހުވާލު އޮޅުންފިލުވައި ހަދާށެވެ. ރައްޓެހީންގެ ގާތަށް ޒިޔާރަތްކޮށް، ސަލާންގަލާން ކުރާށެވެ. ތަނަވަސްކަމުގެ އަހުލުވެރީން، އެބައިމީހުންގެ ތަނަވަސްކަމުން މިންވަރެއް، ނިކަމެތީންނަށް ފޯރުކޮށްދީ، އެކަމުގެ ހިތްހަމަޖެހުން ހޯދާށެވެ. އީދުގެ ބަރަކާތް ހާޞިލުވާން އޮތީ މި ގޮތުގައެވެ. ރައްޓެހި ރަޙުމަތްތެރިއަކު ފެނުމުން، ސަލާންކޮށްލައި، "ޢީދު މުބާރަކު" އޭ ބުނެލަމުކުން ނުފުދެއެވެ. އެހެންނަމަވެސް އެއީ ވެސް މުހިންމު ކަމެކެވެ. ސަލާމްކޮށް، ހިނިތުންވެލައިފައި، އީދު މުބާރަކު ވެސް ކިޔާންވާނެއެވެ.

comment ކޮމެންޓް