ހާމުދުރެއްގެ ހަޅުތާލާ ގުޅިގެން ލަންކާގެ މުސްލިމު ވަޒީރުންނާއި ގަވަރުނަރުން އިސްތިއުފާ ދޭން ނިންމައިފި

ތިން މުސްލިމް ލީޑަރެއްގެ އިސްތިއުފާއަށް ގޮވާލައި ހަޅުތާލު ކުރި ހާމުދުރު ވަނީ މިއަދު ހަޅުތާލު ނިންމާލާފަ -- ފޮޓޯ: ޓުވިޓާ

ކޮލޮމްބޯ (ޖޫން 3): ސްރީލަންކާގެ ކެބިނެޓުގައި ހިމެނޭ މުސްލިމު ވަޒީރަކާއި ދެ ޕްރޮވިންސެއްގެ ގަވަރުނަރުންގެ ގޮތުގައި މުސްލިމުން އިސްތިއުފާ ދިނުމަށް ގޮވާލައި، އެގައުމުގެ ބުދު ދީނުގެ ހާމުދުރަކު ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރުމާ ގުޅިގެން އެބޭފުޅުންގެ އިތުރުން އެގައުމުގެ ކެބިނެޓުގައި ތިއްބަވާ ހުރިހާ މުސްލިމުން އިސްތިއުފާ ދެއްވަން ނިންމައިފިއެވެ.

މުސްލިމު ވެރިންގެ އިސްތިއުފާއަށް ގޮވައި ހަޅުތާލުކުރި ހާމުދުރަކީ ވެރިކަން ކުރާ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) ތަމްސީލުކުރާ، އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާ އަތުރަލިޔަ ރަތަނަ ތެރޯއެވެ.

އޭނާ ގޮވާލީ ލަންކާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ރިޝާދު ބަތީއުއްދީނާއި، ވެސްޓަންސް ޕްރޮންސްގެ ގަވަރުނަތު އަޒަތު ސަލޭ އަދި އީސްޓަން ޕްރޮވިންސް ގަވަރުނަރު އޭއެލްއޭއެމް ހިޒްބުﷲގެ އިސްތިއުފާއަށެވެ.

ރަތަނަ ތެރޯ ވަނީ، އެ ބޭފުޅުންނާި، އޭޕްރިލް 21 ވަނަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާއާ ގުޅުމެއް ވާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އެ ބޭފުޅުން އެކަން ދޮގުކުރައްވައެވެ.

ރަތަނަ ތެރޯގެ ހަޅުތާލާ ގުޅިގެން މިއަދު އެންމެ ފުރަތަމަ އިސްތިއުފާ ދެއްވީ ދެ ގަވަރުނަރުންނެވެ.

ނަމަވެސް ފަހުން އެ ގައުމުގެ ކެބިނެޓުގައި ހިމެނޭ ހުރިހާ މުސްލިމުން އިސްތިއުފާ ދެއްވަން ނިންމާފައިވާކަން، ލަންކާ ކެބިނެޓުގައި ހިމެނޭ ހަޔާ އެޑިއުކޭޝަން މިނިސްޓަރު، އަދި ސްރީލަންކާ މުސްލިމް ކޮންގްރެސްގެ ލީޑަރު ރައުފް ހަކީމް ވަނީ މިއަދު ހާމަކުރައްވާފައެވެ.

އެގޮތުން، ކެބިނެޓުގައި ހިމެނޭ މިނިސްޓަރުންނާއި، ސްޓޭޓު މިނިސްޓަރު އަދި ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން މުސްލިމުން އިސްތިއުފާ ދެއްވާނެކަމަށް ރައުފް ހަކީމް ހާމަކުރެއްވިއެވެ.

ސްރީލަންކާގެ ކެބިނެޓުގައި މިނިސްޓަރުންގެ ގޮތުގައި ތިއްބަވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ރައުފް ހަކީމާއި ކޮމާސް މިނިސްޓަރު ރިޝާދު ބަތީއުއްދީނުގެ އިތުރުން ޕޯސްޓަލް ސާވިސެސް އެންޑް މުސްލިމް އެފެއާޒް މިނިސްޓަރު އެމްއެޗްއޭ ހަލީމ އަދިި ރޯޑް ޑިވެލޮޕްމެންޓް މިނިސްޓަރު ކަބީރު ހާޝިމްއެވެ.

ޑެޕިއުޓީ އަދި ސްޓޭޓު މިނިސްޓަރުންގެ ގޮތުގައިވެސް ގިނަ މުސްލިމުން ތިއްބަވައެވެ.

ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރި އަތުރަލިޔަ ރަތަނަ ތެރޯ ހަޅުތާލު ކުރިއަށް ގެންދިޔައީ ކެންޑީގައި ހުންނަ ބުދު ދީނުގެ މުގައްދަސް ފައްޅިއެއް ކަމުގައިވާ ސްރީ ދަލަދާ މާލިގާވަ (ޓެމްޕަލް އޮފް ޓޫތު ރެލިކް)ގައެވެ. ތިން ދުވަހަށް ކުރިއަށް ގެންދިޔަ މި ހަޅުތާލު މިއަދު ނިންމާލުމާއެކު އޭނާ ވަގުތުން ގެންދިޔައީ ކެންޑީގެ ހޮސްޕިޓަލަށެވެ.

އޭގެ ސަބަބުން މިއަދު މެންދުރު ތިނެއް ޖަހާކަށްހާ އިރު ރަތަނަ ތެރޯ ވަނީ ހަޅުތާލު ނިންމާލާފައި ކަމަށް ލަންކާގެ މީޑިއާތަކުން ބުންޏެވެ.

comment ކޮމެންޓް