މެންބަރުން ތަޅުމުން ނިކުންނަން ވާނީ ދަރިވަރުން ކުލާސް ރޫމުން ނިކުންނަ ގޮތަށް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: މަޖިލިސް ޖަލްސާތައް ހިނގަމުންދާއިރު، މެމްބަރުން މަޖިލިސް ތަޅުން ދޫކުރައްވަން ވާނީ ރިޔާސަތައް އެންގުމަށްފަހު ކަމަށް ނަޝީދު ވިދާޅުވި --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލިސް ޖަލްސާތައް ހިނގަމުންދާއިރު، މެމްބަރުން މަޖިލިސް ތަޅުން ދޫކުރައްވަން ވާނީ ރިޔާސަތައް އެންގުމަށްފަހު ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ،ި މަޖިލީހުގެ ކޮމެޓީތައް އިތުރު ކުރުމަށް މަޖިލީހުގެ ގަވައިދު އިސްލާހު ކުރާ ކޮމެޓީން މިއަދު މަޖިލީހަށް ހުށަހެއްޅުއްވި ހުށަހެޅުއްވުމަށް ބަހުސް ކުރުމުގެ ތެރެއިންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަޖިލިސް މެމްބަރުން މަޖިލިސް ތަޅުން ދޫކުރައްވާއިރު ނަދަރުސާތަކުގައި އަމަލު ކުރައްވާ އުސޫލުން ކަމަށެވެ.

"މައުލޫމަތައްޓަކައި ދަންނަވަން. މި މަޖިލީހުގެ ތަޅުން ދޫކުރައްވާ ނުކުންނަވާ އިރު، މަދަރުސާތަކުގައި އަމަލު ކުރައްވާ އުސޫލުން. އަޅުގަނޑަށް އެނގިލާފައި ނުކުންނަވާ އުސޫލުން. އަޅުގަނޑަށް އެނގިލާފައި ނުކުންނަވަން ވާނީ،" މަޖިލިސްގެ ރައީސް، ރައީސް ނަޝިދު މެމްބަރުންނާ ވާހަކަ ދައްކަވާ މަޖިލިސްގެ ބަހުސް މެދުތެރެއިން ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، ބައެއް މެމްބަރުން ރިޔާސަތައް ނާންގާ މަޖިލިސް ތަޅުން ދޫކުރައްވާ ވަޑައިގަންނަވާތީ އެވެ.

ރައްޔިތުންގެ މަޖިލިސް ގަވައިދުގައިވާ ގޮތުން މެމްބަރަކު މަޖިލިސް ތަޅުން ދޫކުރައްވާ ވަޑައިގަންނަވާ އިރު، ރިޔާސަތައް އަންގަވަން ޖެހެއެވެ. ނަމަވެސް އާންމު އުސޫލުން މެމްބަރުން އެގޮތަށް އަމަލު ކުރައްވާތަނެއް ނުފެނެއެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލިސްގައި މެމްބަރުން ގަޑިއަށް ހާޒިރުނުމުން ނުވަތަ ޖަލްސާގެ މެދުތެރެއިން ޖަލްސާ ކުރިއަށްދާން ބޭނުންވާ ވަރަށް ކޯރަމް ހަމަ ނުގެން ބައެއް ޖަލްސާތައް ވަނީ ކުރިއަށް ނުދެވި ހުއްޓިފައެވެ.

comment ކޮމެންޓް