މަޖިލިސްގެ ރިޔާސަތު ބަލަހައްޓާނެ ފަސް މެމްބަރުން ކަނޑައަޅައިފި

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ކަނޑައެޅި ފަސް މެމްބަރުން ---

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަސް މެމްބަރެއް ކަނޑައަޅައިފި އެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ކަނޑައަޅާ ފަސް މެމްބަރުން ވާންޖެހެނީ މަޖިލީހުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރި މެމްބަރުންނަށެވެ.

މިއަދު ރިޔާސަތު ބަލަހައްޓަން ކަނޑައެޅި ފަސް މެމްބަރުންނަކީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއި، އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމް އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެވެ.

އެ ފަސް މެމްބަރުންނަކީ މަޖިލީހުގައި ތިބި މެމްބަރުންގެ ތެރެއިން މިހާރު އެންމެ ގިނަ ދުވަސްވަީ ފަސް މެމްބަރުންނެވެ. ހަސަން އަފީފް ވަނީ މަޖިލީހުގައި 19 އަހަރު މަޖިލީހުގައި ހިދުމަތް ކުރައްވައިފަ އެވެ. ހަސަން އަފީފް ވިދާޅުވީ މަޖިލީހުގެ ގަވައިދާ މެމްބަރުންގެ އިހުސާސްތަކަށް ބަލައިގެން މަޖިލިސް ރިޔާސަތުގައި އިންނަ ވަގުތުގައި މަޖިލިސް ކުރިއަށް ގެންދަވާނެ ކަމަށެވެ.

"އިއްޒަތްތެރި މެމްބަރުންގެ އަރިހުން އަޅުގަނޑު އެދެނީ އަޅުގަނޑަށް ގަވައިދާ ހިލާފަށް ކަމެއް ކުރެވޭ ނަމަ އެކަމެއް އަންގަވާލަ ދެއްވުން. އިރާދަކުރެއްވިޔާ އަޅުގަނޑު މިހުރި ތިޔަ ބޭފުޅުންނާ އެކު މި މަޖިލީހުގެ މަސައްކަތްތައް މި މަޖިލީހުގެ މެމްބަރުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދަން." ހަސަން އަފީފް ވިދާޅުވި އެވެ.

ރިޔާސަތު ބެލެހެއްޓުމަށް މިއަދު ކަނޑައެޅި ފަސް މެމްބަރުންގެ ތެރެއިން ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވީ މިއަދު ހަވާލު ކުރެވުނު ކަންތައް ޒިންމާދާރު ގޮތުގައި ރައްޔިތުންނާއި ގައުމަށް ފައިދާ ހުރި ގޮތުގައި އަދާ ކުރައްވާނެ ކަމަށެވެ.

ސިޔާމް ވަނީ މަޖިލީހުގައި ހަތަރު ދައުރު ފުރިހަމަ ކުރައްވައިފަ އެވެ. އެއީ 20 އަހަރު ދުވަހުގެ މުއްދަތެކެވެ.

ސިޔާމް ވަނީ މިއަދު މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދަށް ވެސް ތައުރީފު ކުރައްވައިފަ އެވެ. ވިދާޅުވީ ރައީސް ނަޝީދަކީ މަޖިލިސް ހިންގުމަށް ވަރަށް ކުޅަދާނަ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އިއްޒަތްތެރި ރައީސަކީ މި މަޖިލިސް ހިންގުމަށް ވަރަށް ކުޅަދާނަ ބޭފުޅެއް. މިކަމުގައި ވަރަށް ތަޖުރިބާ ހުރި ބޭފުޅެއް." އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ނަޝީދަކީ ރާއްޖެއަށް ޑިމޮކްރެސީ ގެނައުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އެހެންވީމަ ރައްޔިތުން ބޭނުންވާ ގޮތަށް މަޖިލިސް ހިންގޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ސިޔާމް ވިދާޅުވި އެވެ.

މަޖިލީހުގެ ރިޔަސަތު ބަލަހައްޓަން ކަނޑައެޅު ފަސް މެމްބަރުން ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް މަޖިލީހަށް ހާޒިރު ނުވެވޭ ހާލަތުގަ އެވެ.

comment ކޮމެންޓް