ހަމަލާތައް ދެވުނީ ސިރިސޭނާގެ ސަބަބުން ކަމަށް ބުނެ، ފުލުހުންގެ ވެރިޔާ ކޯޓަށް

ސްރީލަންކާގެ ފުލުހުންގެ ވެރިޔާ ޕުޖިތު ޖަޔަސަންދަރަ ވަނީ މަގާމުން އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވާފަ -- ފޮޓޯ: އޭއެފްޕީ

ކޮލަމްބޯ (ޖޫން 3): ސްރީލަންކާގައި މިދިޔަ އޭޕްރިލް މަހު ބޮމުގެ ހަމަލާތައް ދެވުނީ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ސަބަބުން ކަމަށް ވިދާޅުވި، މިހާރު ސަސްޕެންޑުކޮށްފައިވާ ފުލުހުންގެ ވެރިޔާ ޕުޖިތު ޖަޔަސަންދަރަ ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ޖަޔަސަންދަރަ ހުށަހެޅި 20 ސަފުހާގެ ޝަކުވާގައިވާ ގޮތުން، ސިރިސޭނާގެ ބެއްލެވުމުގެ ދަށުގައިވާ ޖާސޫސީ އިދާރާތަކާއި ސަރުކާރުގެ ސަލާމަތީ ބާރުތަކާ ދެމެދު ސީރިއަސް މުވާސަލަތީ މައްސަލަތަކެއް ހުރެ އެވެ.

އެގޮތުން ނެޝަނަލް ތައުހީތު ޖަމާއަތް (އެންޓީޖޭ) ފަދަ ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތަކެއް ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް ގައުމުގެ ޖާސޫސީ އިދާރާ، ސްޓޭޓް އިންޓެލިޖެންސް ސާވިސް (އެސްއައިއެސް) އިން ވަނީ އެތަހުގީގު ހުއްޓާލަން މިދިޔަ އަހަރު އަންގާފައި ކަމަށް ޖަޔަސަންދަރަ ވިދާޅުވި އެވެ.

އަދި އެންޓީޖޭއިން ހަމަލާއެއް ދީފާނެ ކަމަށް ބުނެ އިންޑިއާއިން ދިން އިންޒާރު އެސްއައިއެސްގެ ވެރިޔާ ނިލަންތަ ޖަޔަވަރުދަނާ ސީރިއަސްކޮށް ނުނަންގަވާ ކަމަށާއި އެމައުލޫމާތު ފުލުހުންނާ ހިއްސާ ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ޖަޔަސަންދުރާ އަމިއްލަފުޅަށް އިސްނަވައިގެން ފުލުހުންގެ އިސް ފަރާތްތަކަށް ހަމަލާއާ ބެހޭ އެލާޓް ދެއްވިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ރައީސް ސިރިސޭނާ ވިދާޅުވި ގޮތުގައި އެހަމަލާތަކުގެ ޒިންމާ ނަންގަވަން ޖެހޭނީ ޖަޔަސަންދަރަ އެވެ. އަދި އެކަމަށް އޭނާ ދެކޮޅު ހެއްދެވުމުން ޖަޔަސަންދަރަ ވަނީ ސަސްޕެންޑުކޮށްފަ އެވެ. އޭގެ ފަހުން ސިރިސޭނާ ވަނީ އެމަގާމަށް ޑެޕިއުޓީ އިންސްޕެކްޓަރު ޖެނެރަލް ޗަންދަނާ ވިކްރަމަރަތުނަ އައްޔަންކުރައްވައިފަ އެވެ.

ޖަޔަސަންދަރަ ވިދާޅުވި ގޮތުގައި ހަމަލާތަކުގެ ޒިންމާ އޭނާ ނަންގަވައިފި ނަމަ ޑިޕްލޮމެޓިކް މަގާމެއް ދޭނެ ކަމަށް ސަރުކާރުން ބުންޏެވެ. ނަމަވެސް ހަމަލާތައް ދެވުނީ ސިރިސޭނާގެ ސީދާ ބެއްލެވުމުގެ ދަށުގައިވާ ޖާސޫސީ އިދާރާ ފެއިލްވުމުން ކަމަށްވާތީ، ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ ޖަޔަސަންދުރާއެއް ނޫނެވެ.

މީގެ އިތުރުން ޖަޔަސަންދަރަ ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރައީސް ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ދެމެދު ޖެހުނު މައްސަލައަށް ފަހު، ސިރިސޭނާ ވަނީ އޭނާއަށް ތަފާތު ކުރައްވަން ފައްޓަވައިފަ އެވެ.

މީގެ ކުރިން ވިކްރަމަސިންހަ ވެސް އެފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވެ އެވެ. އެގޮތުން އޮކްޓޯބަރު މަހު ހިނގި ހާދިސާއަށް ފަހު، ގައުމުގެ ސަލަމާތީ މަޖިލީހުގެ ބައްދަލުވުންތަކަށް ވިކްރަމަސިންހައަށް ދައުވަތު ނާރުވާ ކަމަށާއި އެހެންކަމުން ހަމަލާއެއް ދީފާނެ ކަމުގެ އެއްވެސް މައުލޫމާތެއް އޭނާއަށް ލިބިނުލައްވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި ސިރިސޭނާ ވެސް ވަނީ ލަންކާއަށް ހަމަލާ ދީފާނެ ކަމުގެ އިންޒާރު ސިރިސޭނާއަށް ކުރިން ލިބުނު ކަމަށް ބުނާ ރިޕޯޓުތައް ދޮގު ކުރައްވައިފަ އެވެ.

ލަންކާގެ އެޓާނީ ޖެނެރަލް ވަނީ ޖަޔަސަންދުރާ ހުށަހެޅުއްވި މައްސަލަ ސުޕްރިމް ކޯޓުގެ ފުލް ބެންޗުން ބަލަން އަންގަވައިފަ އެވެ.

comment ކޮމެންޓް