ފެންބޮޑުވުމުގެ މައްސަލައަށް މެމްބަރުން އެދެނީ ދާއިމީ ހައްލަކަށް

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ އެކި ހިސާބުތަކަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލަަތަކަށް ދާއިމީ ހައްލެއް ހޯދައިދޭން މެމްބަރުން މިއަދު ސަރުކާރަށް ގޮވާލައިފި އެވެ.

ވޭތުވެ ދިޔަ ހަފްތާ ރާއްޖެއަށް ކުރި ވިއްސާރާގައި ބައެއް ރަށްރަށުގައި ފެންބޮޑުވެ ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެ ގެއްލުންތައް ދެނެގަނެ އެކަމަށް ހައްލެއް ހޯދައި ދިނުމަށް އެދި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ކާށީ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ.

ވިއްސާރައާ ގުޅިގެން ފެންބޮޑުވި މައްސަލައަށް ހައްލު ހޯދުމަށް ޖާބިރު ހުށަހަޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފާސްވުމާ އެކު ޖާބިރު ވިދާޅުރު ވިދާޅުވީ "19 ވަނަ މަޖިލީހަކީ ފެންޓާސްޓިކް މަޖިލީހެއް ކަމާ މެދު ޝައްކު ނުކުރަން" ކަމަށެވެ. ވިއްސާރައިގައި އެކި ރަށްރަށަށް ބޮޑެތި ގެއްލުންތައް ލިބުނުކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހާ ސަރުކާރު ގުޅިގެން އެ ގެއްލުންތަކަށް ހައްލު ހޯދައިދޭން ޖެހޭ ކަމަށެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު --- ފޮޓޯ/ މަޖިލިސް

ޖާބިރު ހުށަހެޅުއްވި މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ ހުޅަނގު މޫސުމުގެ ވިއްސާރާގައި ފެންބޮޑުވެ ތަކުރާރުކޮށް ގެއްލުން ލިބޭ ރަށްރަށް ގިނަ ކަމަށެވެ. އެކަމަށް ބޭނުންވަނީ ދާއިމީ ހައްލެއް ކަމަށް އީސަ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލޫކުރާ ގޮތުގައި މިކަމަށް އަޅުގަނޑުމެން މި މަޖިލީހުން ހޯދައިދޭން މަސައްކަތް ކުރަން ޖެހޭނީ ދާއިމީ ހައްލެއް. ކޮންމެ ފަހަރަކު ވިއްސާރަވެހި ފެންބޮޑުވެ ތަކެއްޗަށް ގެއްލުން ލިބުނީމަ އެވާހަކަ ދެއްކުމުގެ ބަދަލުގައި ދުރާލާ އަޅުގަނޑުމެން ސަރުކާރުގެ ސިޔާސަތު ތަކުގެ ތެރެއަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭގޮތުން ގޮތެއް ނިންމަން." ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އީސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެންބޮޑުވާ ރަށްތައް ފާހަގަކޮށް އެ ރަށްތަކުގައި ފެންހިންދާ ނިޒާމެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ފެންބޮޑުވުމުގެ މައްސަލައަކީ އަބަދުވެސް ދިމާވާ މައްސަލައެއް ކަމަށާއި ނަމަވެސް ދާއިމީ ހައްލެއް ލިބިފައި ނުވާ މައްސަލައެއް ކަމަށެވެ. އަދި ވިއްސާރައިގައި ލިބޭ ގެއްލުންތަަކަށް ބަދަލު ލިބޭނެ ހަރުދަނާ އުސޫލެއްވެސް ނޯންނަ ކަމަށް ސިރާޖު ވިދާޅުވި އެވެ.

"ވިއްސާރައަށް އޮތް ހައްލަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި. ކޮންމެ އަތޮޅަކު އެބަޖެހޭ މިގޮތަށް ލިބޭ ގެއްލުންތަކަށް އެޓެންޑްވާނެ އިންތިޒާމެއް އެ އަތޮޅެއްގައި ލާމަރުކަޒީ އުސޫލުގެ ތެރެއިން ހަމަޖެހެން." ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވި އެވެ.

ވިއްސާރާގައި ފެންބޮޑުވި ރަށްތައް

ވޭތުވެ ދިޔަ ހަފްތާގައި ކުރި ވިއްސާރާގައި ފެންބޮޑުވެ ގިނަ ގެއްލުނަތަކެއް ލިބުނީ ލ އަދި ތ އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން ގެތަކުގެ އެތެރެއަށް ފެންވަދެ ހިފާ ގެންގުޅޭ ތަކެއްޗަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ލ އަތޮޅުން ފެންބޮޑުވި ބައެއް ރަށްރަށުގެ މައުލޫމާތު އާންމުކޮށްފަ އެވެ.

  • ލ ކުނަހަންދޫ - 10 ގެއަށް ފެންވަތް
  • ލ ފޮނަދޫ - ދެ ގެއަކަށް ފެންވަތް
  • ލ މާމެންދޫ - 200 ގެއަށް ފެންވަތް
  • ލ މާވަށު - ތިން ގެއަށް ފެންވަތް
  • ލ ހިތަދޫ - 30 ގެއަށް ފެންވަތް

އޭގެ އިތުރުން ގއ ވިލިގިނލި، އަދިވެސް އެ އަތޮޅުގެ އެހެން ރަށްރަށުގައި ފެންބޮޑުވެ ގޭގެއަށް ފެން ވަނުމާއި ނަޖިސް ބޭރުވުން ފަދަ މައްސަލަތައް ވަނީ ދިމާވެފަ އެވެ.

comment ކޮމެންޓް