ޗެމްޕިއަންސް ލީގު ފައިނަލަށް އެނބުރި އައުމަކީ އުނދަގޫވާނެ ކަމެއް: ލޮރިސް

ޓޮޓެންހަމްގެ ގޯލް ކީޕަރު ހިއުގޯ ލޮރިސް ރޭގެ މެޗަށް ފަހު --- ފޮޓޯ/ޖޯ ރައިޓް

ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބަލިވުމުން ޓޮޓެންހަމްއަށް ކައިރި މުސްތަގުބަލެއްގައި އެ ހިސާބަށް އެނބުރި ދިއުމަކީ ވަރަށް ނާދިރުކަމެއް ކަމަށް އެ ޓީމުގެ ގޯލް ކީޕަރު ހިއުގޯ ލޮރިސް ބުނެފިއެވެ.

އެތުލެޓިކޯ މެޑްރިޑުގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ޓޮޓެންހަމްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މި ބައްޔާއެކު ހުސްއަތާ ޓޮޓެންހަމްއިން ސީޒަން ނިންމާލަން ޖެހުނު ނަމަވެސް އެ ޓީމުން ރޭގެ މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކާ ގިނަ ބައެއްގެ ހިތްތައް ހޯދާފައެވެ.

މެޗުގެ ފުރަތަމަ މިނަޓުގައި ޓޮޓެންހަމްގެ މޫސާ ސިސޯކޯ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ ލިވަޕޫލަށް ޕެނަލްޓީއެއް ދީފައެވެ. އެ ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލީ ލިވަޕޫލްގެ މުހައްމަދު ސަލާހުއެވެ. ސަލާހުގެ ގޯލަށް ފަހު ޓޮޓެންހަމްއިން ދިޔައީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

ޓޮޓެންހަމްގެ ފޯވާޑުން އުފެއްދި ހަމަލާތައް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ޓޮޓެންހަމްއިން ހިތްވަރާއެކު ގޯލެއް ޖަހަން މަސައްކަތްކުރަމުން ދަނިކޮށް އެ ޓީމުގެ އުންމީދުތައް ފުނޑުފުނޑު ކޮށްލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ޑިވޮކް އޮރިޖީ ޖެހި ގޯލުންނެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ފުރަތަމަ ފަހަރަށް ކުޅުނު ޓޮޓެންހަމްއިން، ރޭގެ މެޗުގެ ބައްޔާއެކު ތިބީ ވަރަށް ބޮޑު މާޔޫސްކަމެއްގައެވެ. އެ ޓީމުގެ ކީޕަރު ލޮރިސް ވެސް ވަނީ އޭނާގެ ހިތުގެ ޝުއޫރުތައް މެޗަށް ފަހު ބަންޑުން ކޮށްލާފައެވެ.

"ތެދު ތެދަށް ބުނަންޏާ ޓޮޓެންހަމްއަކީ ކޮންމެ ސީޒަނެއްގައި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެވޭނެ ފެންވަރުގެ ޓީމެއް ނޫން،" މެޗަށް ފަހު ވާހަކަ ދައްކަމުން ލޮރިސް ބުންޏެވެ.

"ނަމަވެސް މި ޓީމުގައި ހިތްވަރު އެބަހުރި. ވޭތުވެ ދިޔަ ތިން އަހަރެއްގެ ތެރޭގައި ވަރަށް ބޮޑުތަން ރަނގަޅުކޮށްފި. އައު ސްޓޭޑިއަމާއެކު ކުރިއަށް އޮތްތާ އިތުރަށް ރަނގަޅުވާނެ ކަމުގެ ޔަގީންކަން އެބައޮތް. މިއީ އަދި ފެށުމެއް ކަމަށް ބަލައިގެން ކުރިއަށް ދާނީ،"

ލޮރިސް ބުނީ ރޭގެ މެޗުގައި ރެފްރީގެ ނިންމުންތައް މުޅިއަކުން ގޯސް ނޫން ކަމަށެވެ. ސިސޯކޯ އަތުގައި ޖެހުނު ބޯޅައާ ދޭތެރޭ ގިނަ ކުޅުންތެރިންތަކެެއްގެ ނުރުހުން ރެފްރީއަށް ލިބުނު ނަމަވެސް ލޮރިސް ބުނީ ރެފްރީ ވަގުތުން ވަގުތައް ނެގި ޑިޒިޝަނަކީ ރަނގަޅު ނިންމުމެއް ކަމަށް ފެންނަ ކަމަށެވެ.

"އަހަންނަށް ހީވަނީ ބޯޅަ ޖެހުނީ ސިސޯކޯގެ އަތުގައި ހެން. އެކަމުގައި އޭނާގެ ކުށެއް ނެތް. ރެފްރީވެސް ހުރީ ކައިރީގައި. އެކަމު އެކަމުގެ ސަބަބުން މެޗުގެ ތެރެއަށް އަލުން ވަންނަން އަހަރަމެނަށް ވަރަށް އުނދަގޫވި."

comment ކޮމެންޓް