މޮޅަށް ކުޅުނު ޓޮޓެންހަމް ބަލިކޮށް ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފި

ލިވަޕޫލުން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލަނީ --- ފޮޓޯ/ބްލީޗާ ސްޕޯޓްސް

ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިރޭ މޮޅަށް ކުޅުނު ޓޮޓެންހަމް ބަލިކޮށް ލިވަޕޫލް އިން ހަ ވަނަ ފަހަރަށް އެ މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

މެޑްރިޑުގެ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމުގައި މިރޭ ކުޅުނު އެ މެޗުން ޓޮޓެންހަމްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދީ 0-2ގެ ނަތީޖާ އަކުންނެވެ. ވޭތުވެ ދިޔަ އަހަރުގެ ފައިނަލުން ބަލިވި ލިވަޕޫލުން މި މުބާރާތުގެ ތަށި މި ހޯދީ 2006 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށެވެ. މިފަހަރުގެ ތައްޓާ އެކު އެ ޓީމު ވަނީ ސްޕެއިންގެ ބާސެލޯނާ އަށް ވުރެ ގިނަ ފަހަރު މި ތަށި ހޯދައިފަ އެވެ.

ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު ގޯލުގެ ތެރެއަށް ޕެނަލްޓީ ފޮނުވާލަނީ --- ފޮޓޯ/ބެން ސްޕަރެޓް

މިރޭ ކުޅުނު ފޯރި ގަދަ ފައިނަލް މެޗު ފެށިގެން ފުރަތަމަ މިނިޓުގެ ތެރޭގައި ލިވަޕޫލަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. އެ ޓީމުގެ ސާޑިއޯ މާނޭ ނެގި ހުރަހެއް ގޮސް ޓޮޓެންހަމްގެ މޫސާ ސިސޯކޯގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލީ މުހައްމަދު ސަލާހު އެވެ. ރޯދައަށް ހުރި ސަލާހު ވަނީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ޖެހި ލަނޑު ވެގެން ގޮސްފައި ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި އެންމެ އަވަހަށް ޖެހި ގޯލަށެވެ.

ލިވަޕޫލްގެ ގޯލަށް ފަހު މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ ޓޮޓެންހަމް އެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެ ޓީމުން ވަނީ ނުރައްކާތެރި ހަމަލާތަކެއް ވެސް އުފައްދައިފަ އެވެ. ނަމަވެސް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ އެ ހުރިހާ ބޯޅައެއް ވެސް ހުށިޔާރު ކަމާ އެކު ދިފާއު ކޮށްފަ އެވެ.

ޓޮޓެންހަމް އިން ހިއްވަރާ އެކު ކުޅެމުން ދަނިކޮށް މެޗުގެ އޮއި ވަރު އަނބުރާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ޑިވޮކް އޮރިޖީ އެވެ. އޭނާ ވަނީ އެންމެ ފަހުން ސެމީ ފައިނަލުގައި ވެސް ބާސެލޯނާ ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ.

comment ކޮމެންޓް