މައްކާގެ އިސްލާމީ ސަމިޓުން ބޭނުންވި މަގްސަދު ސައުދީ އަށް ހާސިލެއް ނުކުރެވުނު

މާތްވެެގެންވާ މައްކާގައި އިއްޔެ ބޭއްވި އިސްލާމީ ގައުމުތަކުގެ ސަމިޓުން ކުރިން ހީކުރެވުނު ގޮތާ ޚިލާފަށް އީރާން ކުށްވެރި ކުރުމުގެ ބަދަލުގައި ކުށްވެރިކުރީ އިސްރާއީލާއި އެމެރިކާގެ އަނިޔާވެރިކަމާއި އުދުވާނެވެ.

އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު ދުޝްމަނަކީ އިސްރާއީލުގެ ބަދަލުގައި އީރާން ކަމަށް ހެދުމަށާއި އިސްލާމީ ދުނިޔޭގެ މައިގަނޑު މައްސަލައަކީ ފަލަސްތީނު މައްސަލައިގެ ބަދަލުގައި އީރާނާއި ގަލްފުގެ އަރަބި ގައުމުތަކުގެ މެދުގައިވާ ސިޔާސީ ދެބަސްވުންތައް ކަމުގައި ހަދަން (އެމެރިކާއާއި އިސްރާއީލު އެދޭގޮތަށް) ސައޫދީ އާއި ޔޫއޭއީ ކުރި މަސައްކަތް މައްކާ ސަމިޓުން ކާމިޔާބު ވާގޮތެއް ނުވިއެވެ. މީގެބަދަލުގައި މައްކާގެ ސަމިޓްގައި އިސްލާމީ ލީޑަރުން ފަލަސްތީނުގެ ހައްގުތައް ދިފާއުކުރެއްވިއެވެ.

މައްކާގެ އިސްލާމީ ސަމިޓުން ނެރުނު ގުޅިފައިވާ ބަޔާނުގައި ފަލަސްތީނުގެ ބިމާއި ދައުލަތާއި ގުދްސާ އަދި ފަލަސްތީނުގެ ރެފިއުޖީން އެނބުރި ވަޒަނަށް އައުމުގެ ހައްގު ދިނުމަކީ ގުރްބާން ނުކުރެވޭނެ ކަމެއްކަމާއި އެއީ އަދިވެސް އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު އަދި މަރުކަޒީ މައްސަލަ ކަމަށް ފާޅުގައި ބުނެފައިވެއެވެ. ސަމިޓްގައި ވާހަކަ ދެއްކެވި އިސްލާމީ ލީޑަރުންގެ ތެރެއިން އީރާން ކުށްވެރިކޮށް އީރާނަށް ބަހުގެ ހަމަލާތައް ދެއްވީ ހަމައެކަނި ސައޫދީއާއި ޔޫއޭއީގެ ލީޑަރުންނެވެ. އެހެން އިސްލާމީ ގައުމުތަކުގެ ލީޑަރުން ވަނީ ވަރަށް ބޮޑަށް ފަލަސްތީނުގެ ހައްގުތަކަށާއި ގުދްސުގެ މައްސަލަ ދިފާއު ކުރައްވައި ވާހަކަ ދައްކަވާފައެވެ.

ސައޫދީން އަރަބި ސަމިޓާއި ޖީސީސީގެ ސަމިޓާ އަދި އިސްލާމީ ގައުމުތަކުގެ ސަމިޓް ކުއްލިގޮތަކަށް ބޭއްވީ ހަނގުރާމައިގެ މަނަވަރުތަކާއި ސިފައިން ގަލްފަށް ޖަމާކޮށްގެން އެމެރިކާ އިން އީރާނަށް ބިރުދައްކައި އީރާނަށް ހަރުކަށި އިންޒާރު ދެމުންގެންދާ ދަނޑިވަޅެއްގައެވެ. އީޜާނަށް ބިރުދެއްކުމަށް އެމެރިކާއަށް ހިއްވަރު ދޭކަމުގެ ތުހުމަތު ކުރެވިފައިވަނީ (އަމިއްލަ ބޭނުމަށާއި އެމެރިކާ ރުއްސުމަށް) އީރާނާމެދު އާދަޔާ ޚިލާފު ދުޝްމަންކަމެއް ގެންގުޅޭ ސައޫދީ އާއި ޔޫއޭއީ ގެ މައްޗަށެވެ.

މިތިން ސަމިޓް ކުއްލި ގޮތަކަށް ބާއްވަން ސައޫދީން ނިންމީ ޔަމަންގެ ހަނގުރާމައިގާ ސައޫދީ ދޭ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޔަމަންގެ ހޫޘީން ސައޫދީ ތެލުގެ މަރުކަޒަކަށް ޑްރޯން ހަމަލާތަކެއް ދިނުމާ އަދި ޔޫއޭއީގެ ފުޖައިރާ ބަނދަނރު ކައިރިއަށް ދިން ބޮމުގެ ޙަމަލާތަކާ ގުޅިގެންނެވެ. މި ދެ ޙަމަލާގެވެސް ޒިންމާވެސް އެމެރިކާއާއި ސައޫދީން އަޅުވާފައިވަނީ އީރާންގެ ބޮލުގައެވެ. އަދި އީރާނަކީ ޓެރަރިސްޓް ގައުމެއްގެ ގޮތުގައި ސިފަކުރިއެވެ. ސައޫދީން ޔަމަށް ދޭ ހަމަލާތަކުން އެގައުގެ ރައްޔިތުން މަރުވެ ގައުމު ބިމާހަމަވެ ސްޓޯން އޭޖަށް ދިޔުންވެސް އެއީ މައްސަލައެއްކަމަކަށް ނުދެކެއެވެ.

ނަމަވެސް ހޫޘީންވަނީ ސައޫދީއަށް ދިން ހަމަލާއަކީ އަމިއްލަ ނަފްސުގެ ދިފާއުގައި ދިން ޙަމަލާއެއްކަމަށް ބުނެފައިވެއެވެ. ޖީސީސީގެ ސަމިޓާއި އަރަބި ސަމިޓުން ސައޫދީ ބޭނުންވިގޮތަށް އީރާން ކުށްވެރިކޮށް ހަރުކަށި ބަޔާންތައް ނެރުނެވެ. އަރަބި ސަމިޓާއި ޖީސީސީގެ ސަމިޓްގެ ބަޔާނުގައި އިސްރާއީލުގެ އަނިޔާވެރިކަމާއި އުދުވާން ކުށްވެރި ކުރުމުގެ ބަދަލުގައި މުޅިންވެސް ކުށްވެރިކޮށްފައިވަނީ އީރާންއެވެ. އަދި ހަރުކަށި މެސެޖްތައްވެސް އިސްރާއީލުގެ ބަދަލުގައި ދީފައިވަނީ އީރާނަށެވެ. ނަމަވެސް އަރަބި ސަމިޓްގައި އީރާން ކުށްވެރިކުރަން ކުރި މަސައްކަތްތަކަށް އިރާގުން ފާޅުގައި ދެކޮޅު ހެދިއެވެ. އަދި އަރަބި ގިނަ ގައުމުތަކުގެ ލީޑަރުން އަރަބި ސަމިޓްގެ ބަޔާނުގައި ސޮއިކުރެއްވި ނަމަވެސް އެބޭފުޅުންގެ ޚިތާބުތަކުގައި ސައޫދީ އާއި ޔޫއޭއީ ބޭނުންވިގޮތަށް އީރާނަށް އިންޒާރުތައް ދެއްވާފައެއް ނުވެއެވެ.

އެދެ ސަމިޓަށްފަހު ބޭއްވި އިސްލާމީ ސަމިޓްގެ ކަންތައް މިއާ މުޅިން ޚިލާފެވެ. އިސްލާމީ ސަމިޓްގައި އިސްލާމީ ލީޑަރުންގެ ދެއްވި ޚިތާބުތަކުގައި އީރާނުގެ ނަންވެސް ގަނެފައިވަނީ ސައޫދީ އާއި ޔޫއޭއީގެ ލީޑަރުން އެކަންޏެވެ. ފަލަސްތީނަށް އިގްތިސާދީ އެހީތަކެއް ދީގެން ފަލަސްތީނުގެ މައްސަލައިގެ ހަގީގަތް އޮޅުވާލުމަށް "ޑީލް އޮފްދަ ސެންޗަރީ" ގެ ނަމުގައި އިއްލާން ކުރަން އެމެރިކާ ތައްޔާރުވާ މަޝްރޫއަށް ވެސް އިސްލާމީ ލީޑަރުން ދެއްވީ ބަހުގެ ހަމަލާތަކާއި އެ މަޝްރޫއު ގަބޫނުކުރާނެ ކަމުގެ މެސެޖްތަކެވެ. އިސްލާމީ ސަމިޓްގައި އެމެރިކާއާއި އިސްރާއީލުގެ ރޭވުންތަކާ ދެކޮޅަށް ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އާއި އުރުދުންގެ އަބްދުﷲ ރަސްގެފާނާއި އީރާނުގެ މަންދޫބާއި ތުރުކީގެ ޚާރިޖީ ވަޒީރާއި ލުބްނާނުގެ ރައީސާއި އިރާގުގެ ރައީސާއި އަލްޖަޒާއިރުގެ ވަގުތީ ރައީސް ހިމެނިވަޑައިގެންނެވިއެވެ.

އިސްލާމީ ސަމިޓަށް އީޜާނުގެ ރައީސް ހަސަން ރޫހާނީ އަށް ދައުވަތު އަރުވާފައި ނުވާތީ އެކަން ކުށްވެރިކުރުމަށްފަހު އޯއައިސީގެ ދައުވަތަށް އީރާނުން ފޮނުވީ އެގައުމުގެ ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ ޖެނެރަލްއެވެ. ސޫރިޔާއަށްވެސް ދައުވަތު އަރުވާފައެއް ނުވެއެވެ. ތުރުކީއަށް ދައުވަތު ދިންނަމަވެސް ރައީސް އުރުދުޣާން ސަމިޓްގައި ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ. މިތިން ސަމިޓްގައި ސައޫދީން ވަނީ ގަތަރުން ސަމިޓަށް ފޮނުވި މަންދޫބު ކަމަށްވާ އެގައުމުގެ ބޮޑުވަޒީރު އަބްދުﷲ ބިން ނާސިރު އާލްޘާނީ އެކަހެރިކޮށްލާފައެވެ.

ފަލަސްތީނުގެ މައްސަލައިގެ ހަގީގަތް އޮޅުވާލުމަށް އެމެރިކާއާއި އިސްރާއީލު ހިންގާ ކަންތައްތަކުގެ ތެރޭގައި ގުދްސުގެ އިރުމަތީ ބަޔަކީ އިސްރާއީލުގެ ރަށެއްކަމަށް އިސްރާއީލު ނިންމާފައިވާ ބާތިލް ނިންމުން އެމެރިކާ ގަބޫލުކުރުމާއި އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރުން ހިމެނެއެވެ. މީގެއިތުރުން ހުޅަނގު އައްސޭރިއާއި ޣައްޒާ އިން އިސްރާއީލު ނުފާބައި އެ ދެތަނުގައި ފަލަސްތީނުގެ ދައުލަތެއް އުފައްދައިނުދީ ފަލަސްތީނަށް އިންސާނީ އެހީތަކެއް ދީގެން ފަލަސްތީނު ރައްޔިތުންގެ އަޑު ކަނޑުވާލުމަށް (ގަލްފުގެ ގައުމުތައް މެދުވެރިކޮށް) އެމެރިކާއާއި އިސްރާއީލު މަސައްކަތް ކުރުން ހިމެނެއެވެ.

މައްކާގެ ސަމިޓްގައި ތަގްރީރު ކުރެއްވި އިސްލާމީ ލީޑަރުންވަނީ މިކަމާ ދެކޮޅު ހައްދަވާފައެވެ. އެބޭފުޅުން ވިދާޅުވީ ހުޅަނގު އައްސޭރިއާއި ޣައްޒާ އިން އިސްރާއީލު ފާބަންޖެހޭނެ ކަމަށާ އިރުމަތީ ގުދްސަކީ ފަލަސްތީނުގެ ވެރިރަށް ކަމަށްވާގޮތަށް އެދެތަނުގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމް ކުރަންޖެހޭނެކަމުގައެވެ. އަދި މިއާއެކު ފަލަސްތީނުގެ ރެފިއުޖީން އެނބުރި ވަޒަނަށް އައުމުގެ ހައްގުވެސް ލިބޭދޭ ހައްލު ނޫން އެހެން ހައްލެއް އިސްލާމީ ދުނިޔެ ގަބޫލު ކުރާނެކަމުގައެވެ.

މީގެއިތުރުން ގުދްސަށް އެންބަސީއާއި ޑިޕްލޮމެޓިކް އޮފިސްތައް ބަދަލުކުރާ ގައުމުތަކާ ދެކޮޅަށް އިސްލާމީ ދުނިޔެއިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށްވެސް އިސްލާމީ ލީޑަރުން ގޮވާލެއްވިއެވެ. މިއީ ސައޫދީގައި ބޭއްވި ސަމިޓުން އަޑުއިވޭނެކަމަށް އެމެރިކާ ހީކުރި ވާހަކަތަކެއް ނޫނެވެ. އެހެންކަމުން މައްކާގެ ސަމިޓްގައި އިސްލާމީ ލީޑަރުންވަނީ ސައޫދީ އާއި ޔޫއޭއީ ފަދަ އެމެރިކާގެ ކޮންޓްރޯލް އޮންނަ ގައުމުތަކުގެ އެހީތެރިކަމާއެކު އެމެރިކާ އިޢްލާންކުރަން ތައްޔާރުވާ "ޑީލް އޮފްދަ ސެންޗަރީ" މަޝްރޫއު ގަބޫލުނުކުޜާނެ ކަމުގެ މެސެޖް އެމެރިކާއަށް ރަނގަނޅަށް ދެއްވާފައެވެ.

މައްކާގެ ތިން ސަމިޓްގައިވެސް ޔަމަންގެ މައްސަލަވަނީ ވަރަށް ބޮޑަށް އިހުމާލުކޮށްލާފައެވެ. ސަމިޓްތައް ބޭއްވީ ސައޫދީގައި ކަމަށްޥާތީ ތިން ސަމިޓްގައިވެސް ސައޫދީ އާއި ޔޫއޭއީގެ ލީޑަރުން ވާހަކަ ދެއްކެވީ އެދެގައުމުން ޔަމަނަށް ދޭ ހަމަލާތައް ދިފާއުކޮށް ހޫޘީން އެދެގައުމަށް ދޭ ރައްދު ހަމަލާތަކުގެ އަނިޔާވެރިކަމުގެ ވާހަކަތަކެވެ. ހަނގުރާމައިގާ ހޫޘީން ދޭ ރައްދު ޙަމަލާތަކަކީ ޓެރަރިޒަމްގެ އަމަލުތަކުގެ ގޮތުގައި ސައޫދީއާއި ޔޫއޭއީގެ ލީޑަރުން ސިފަކުރެއްވިއެވެ.

ނަމަވެސް އިސްލާމީ އެހެން ލީޑަރުން މިކަމަށް މާބޮޑު ސަމާލުކަމެއް ނުދެއްވައެވެ. އެހެންކަމުން އިސްލާމީ ސަމިޓްގައި ހޫޘީން ސައޫދީ އަށް ދިން ހަމަލާތައް ސައޫދީ ބޭނުންވި ވަރާގާތަށްވެސް ކުށްވެރިއެއް ނުކުރެވުނެވެ. އަދި ހޫޘީން ދޭ ހަމަލާތައް އީރާން ބޮލުގައި އެޅުވުމުގައިވެސް ސައޫދީ އާއި ޔޫއޭއީ އަށް މާބޮޑު ކާމިޔާބެއް ނުލިބުނެވެ. މިއާއެކު ހޫޘީންނާ ހަނގުރާމަ ކުރުމުގެ ނަމުގައި ސައޫދީ އާއި ޔޫއޭއީން ޔަމަނަށް ދޭ ހަމަލާތައްވެސް ސަމިޓްތަކުގައި ކުށްވެރިކޮށްފައެއް ނުވެއެވެ.

ހޫޘީންނާ ހަނގުރާމަ ކުރުމުގެ ނަމުގައި ސައޫދީ އާއި ޔޫއޭއީން ޔަމަނަށްދޭ ހަމަލާތަކުގެ ސަބަބުން އެގައުމުގެ އާންމުން ގިނައަދަދަކަށް މަރުވަމުންދާއިރު މިސްކިތްތަކާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި މީހުންގެ ގެދޮރު ވަނީ ސުންނާފަތިކޮށްފައެވެ. އަދި ޔަމަންގެ ރައްޔިތުންވަނީ ބަލިމަޑުކަމާއި ހައހޫނު ކަމުގެ ޝިކާރައަކަށް ވެ ޔަމަންގެ 80 އިންސައްތަ ރައްޔިތުންވަނީ ހައި ހޫނުކަމުގެ ޝިކާރއަކަށްވެފައެވެ.

މިތިން ސަމިޓްވެސް ސައޫދީން ބޭއްވީ ސައޫދީއަށް ހަމްދަރްދީ ހޯދުމަށާއި އީރާނަށް އިންޒާރުތައް ދިނުމަށެވެ. ނަމަވެސް އީރާނާއި ސައޫދީ އާމެދުވަނީ ސިޔާސީ އަރާރުންތަކެއްކަން އިސްލާމީ ލީޑަރުން ދެނެވަޑައިގަންނަވައެވެ. ދެގައުމުންވެސް ސަރަހައްދަށް ބާރާއި ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތްތަކެއްކަން އެނގެއެވެ. އަދި އީރާން ނުބައި ގައުމެއްގެ ގޮތުގައި ސިފަކުރާ ހަމައެކަނި ސަބަބަކީ އިސްރާއީލު ނައްތާލަން ގޮވާލުމާއި ފަލަސްތީނުގެ ޖަމާއަތްތަކަށާއި އެހީތެރިވުމާއި އެމެރިކާއަށް ކިޔަމަން ނުވާގައުމަކަށް އީރާން ވާތީއެވެ. މީގެބަދަލުގައި އިސްރާއީލާއި އިސްލާމީ ދުނިޔެއާ ދެމެދުވަނީ ވުޖޫދުގެ އަރާރުމެކެވެ. ދީނާއި މިއްލަތުގެ ތާރީޚީ އަރާރުމެކެވެ. ބިމާއި ވަޒަނާއި މުގައްދަސް ތަންތަކާއި އަގީދާގެ އަރާރުމެކެވެ.

ސައޫދީގެ އަގު އިސްލާމީ ދުނިޔޭގައި ވެއްޓެމުންދާ ކަންތައްތަކުގެ ތެރޭގައި ޔަމަންގެ ހަނގުރާމައިގެ އިތުރުން އެމެރިކާ ކޮޅަށްޖެހި ހުސްވުމާއި ފަލަސްތީނާއި ގުދްސުގެ ދިފާއުގައި މަސައްކަތް ނުކުރުމާއި ގަތަރު ހިސާރުކުރުމާއި ސޫރިޔާގެ ޖަމާއަތްތަކުގެ ފަހުގައި އޮވެގެން ސޫރިޔާ ހަލާކުުރުމާއި ލީިބިޔާގެ އަރާރުންތަކުގެ ތެރެއަށް ވަނުމާއި ޚާޝުގްޖީގެ މަރުގެ މައްސަލައާއި ޝާހީ އާއިލާއަށް ފާޑުކުޔާ ފަރާތްތަކަށް ހަދާގޮތްފަދަ ކަންކަން ހިމެނެއެވެ.

ސައޫދީން އެމެރިކާ އަތުން ބިލިޔަން ޑޮލަރުން ހަތިޔާރު ގަންނައިރު އެއިން އެންމެ ހަތިޔާރެއްވެސް އިސްރާއީލާދެކޮޅަށް ބޭނުމެއް ނުކުރެއެވެ. ހުރިހާ ހަތިޔާރެއްވެސް ސީދާކޮށްނާއި ނުސީދާކޮށް ބޭނުންކުރެވެނީ ޔަމަން ސޫރިޔާ ލީބިޔާ ފަދަ ގައުމުތަކާ ދެކޮޅަށެވެ. މީގެއިތުރުން މިސްރުގެ މުރްސީ ވެރިކަން ވައްޓާލުމުގައި ބައިވެރިވުންފަދަ ކަންކަމުގެ ތުހުމަތުވެސް ކުރެވެނީ ސައޫދީގެ މައްޗަށެވެ.

comment ކޮމެންޓް