ސްޕެއިންގެ ކުރީގެ ކުޅުންތެރިޔާ އެންޓޮނިއޯ ރެޔެސް ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ

ސްޕެއިންގެ ކުރީގެ ކުޅުންތެރިޔާ އެންޓޯނިއޯ ރެޔެސް --- ފޮޓޯ/ ނިކޮލަސް މެގީ

ސްޕެއިންގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އެންޓޯނިއޯ ރެޔެސް ކާރު އެކްސިޑެންޓެއްގައި މަރުވެފައިވާ ކަމަށް އޭނާގެ ކުރީގެ ކުލަބު ސެވިޔާ އިން އިއުލާން ކޮށްފި އެވެ.

ދާދި ދެންމެ އަކު ސެވިޔާ އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އުމުރުން 35 އަހަރުގެ އެންޓޯނިއޯ ރެޔެސް ވަނީ މިއަދުގެ ވަގުތެއްގައި ޓްރެފިކް ކޮލިޝަނެއްގައި މަރުވެފައިވާ ކަމަށެވެ.

ރެޔެސް އަކީ ސެވިޔާގެ އިތުރުން އިނގިރޭސި ވިލާތުގެ އާސެނަލް އަދި ސްޕެއިންގެ ރެއާލް މެޑްރިޑަށާއި އެތުލެޓިކޯ މެޑްރިޑަށް ވެސް ކުޅެދީފައިވާ ކުޅުންތެރި އެކެވެ. އޭނާ ވަނީ ސެވިޔާއާ އެކު ތިން ފަހަރެއްގެ މަތިން ޔޫރޮޕާ ލީގު ކާމިޔާބު ކުރުމުގައި މުހިއްމު ދައުރެއް އަދާ ކޮށްދީފަ އެވެ. އަދި އޭނާ އަކީ އާސެނަލުން އެއްވެސް މެޗަކުން ބަލިނުވެ ޕްރިމިއާ ލީގުގެ ތަށި އުފުލާލި އިރު އެ ޓީމުގައި ހިމެނުނު ކުޅުންތެރި އެކެވެ.

ރެޔެސް އަކީ ސެވިޔާގެ ތާރީހުގައި ވެސް އެންމެ ހަގު އުމުރެއްގައި އެ ކުލަބަށް ކުޅެން ފެށި ކުޅުންތެރިޔާ އެވެ. އޭނާ އެ ޓީމާއި ފުރަތަމަ ފަހަރަށް 2000 ވަނަ އަހަރު ގުޅުނު އިރު އޭނަގެ އުމުރަކީ އެންމެ 16 އަހަރާއި ހަތަރު މަހެވެ.

ނިމިގެން މިދިޔަ ސީޒަނުގައި އެންޓޯނިއީ ކުޅުނީ ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ޓީމަކަށެވެ. އޭނާ ވަނީ އެކްސްޓްރާމަޑޫރާއަށް މިދިޔަ ސީޒަނުގައި ނުވަ މެޗު ކުޅެ ދީފަ އެވެ.

މީގެ އިތުރުން އޭނާ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް 20 މެޗު ކުޅެދީފަ އެވެ. ރެޔެސް މަރުވުމުގެ ހިތާމައިގައި ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު ދަނީ ހިތާމަ ފާޅު ކުރަމުންނެވެ.

comment ކޮމެންޓް