ސީޒަނުގެ ބޮޑު މެޗު މިރޭ، ލިވަޕޫލް އަދިި ޓޮޓެންހަމް ނުކުންނާނީ ލެޔަށް!

ލިވަޕޫލާއި ޓޮޓެންހަމްގެ ކޯޗުން --- ފޮޓޯ/ޖޯރައިޓް

ނިމިގެން މިދާ ސީޒަނުގެ އެންމެ ބޮޑު މެޗު ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މިރޭ ކުޅުމަށް ހަމަޖެހިފައި ވާ އިރު، ވާދަ ކުރާ ދެ ޓީމުން ވެސް މެޗަށް ނުކުންނާނީ ލެޔަށް ކުޅެގެން ވިޔަސް ތަށި ހޯދުމަށް ކަމަށް އެ ކުލަބުތަކުން ބުނެފިއެވެ.

ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގައި މިފަހަރު ވާދަ ކުރާ އިނގިރޭސި ދެ ޓީމު ކަމަށްވާ ލިވަޕޫލްއިން ހަވަނަ ފަހަރަކަށް އެ މުބާރާތުގެ ތަށި ހޯދަން މިރޭ ނުކުންނަ އިރު ޓޮޓެންހަމްއިން ނުކުންނާނީ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ތަށި ހޯދުމަށެވެ. މި މެޗަކީ ތާރީހުގައި ވެސް އެންމެ އަގުބޮޑުކޮށް ޓިކެޓު ވިއްކައިގެން ފައިނަލަށް ކުޅޭ ފަހަރެވެ.

ލިވަޕޫލްއިން ގޯލު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ/ޖޭމީ ސްމިތް

މެޗު ފެށެން ކުޑަތަން ވަމުން ދާ އިރު ދެ ޓީމުގެ ކޯޗުންނަށްވެސް ވަނީ ވަރަށް ބޮޑު ޕްރެޝަރެއް ކުރިމަތި ވެފައެވެ. ދެ ޓީމަށްވެސް މެެޗުން ބަލިވެއްޖެނަމަ ސީޒަން ހުސްއަތާ ނިންމާލަން ޖެހޭ އިރު ދެ ޓީމުގެ ކުޅުންތެރިން ވެސް ތިބީ ވަރަށް ފިޓުކޮށް ކަމަށް ޓީމުތަކުން ވަނީ ބުނެފައެވެ. އެގޮތުން މުބާރާތުގެ ސެމީ ފައިނަލުގައި އަނިޔާވި ލިވަޕޫލްގެ ރޮބާޓޯ ފިރްމީނިއޯއާއި މުހައްމަދު ސަލާހު އަދި ޓޮޓެންހަމްގެ ހެރީ ކޭންވެސް މިރޭ ކުޅޭ ފައިނަލް މެޗުން ފެނިގެން ދާނެއެވެ.

ލިވަޕޫލްއިން މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ އެންމެން ހައިރާން ކޮށްލުމަށްފަހު ވަރުގަދަ ބާސެލޯނާ ކަޓުވާލައިފައެވެ. ފުރަތަމަ ލެގުގައި ބާސެލޯނާގެ ދަނޑުގައި ލިވަޕޫލް ވަނީ 0-3 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. ނަމަވެސް ފުރިހަމަ އެނބުރި އައުމަކުން އައިސް އެންފީލްޑުގައި ބާސެލޯނާ ބަލިކޮށްލީ 0-4 ގެ ބޮޑު ނަތީޖާއަކުންނެވެ. މިއީ ޔޫރަޕުގެ ތާރީހުގައި ވެސް އެންމެ ފާހަގަ ކޮށްލެވޭނެ ކަމްބެކްތަކުގެ ތެރެއިން ކަމްބެކެކެވެ.

ފައިނަލުގައި ބައްދަލު ކުރާ ދެވަނަ ޓީމު ޓޮޓެންހަމް ވެސް ފައިނަލަށް ދަތުރު ކުރީ ވަރަށް ވެސް ހައިރާން ކުރުވަނިވި ގޮތަކަށެވެ. ނެދަލެންޑުގެ އަޔެކްސް ގާތުން އަމިއްލަ ދަނޑުގައި 0-1 އިން ބަލިވެ ރަށުން ބޭރުގައި ކުޅުނު މެޗުގައި ވެސް 0-2 ގެ ނަތީޖާއަކުން ބަލިވަމުން ދަނިކޮށް ފަހަތުން އަރައި ލޫކަސް މޯރާ ހެދި ހެޓްރިކަކުން އެ ޓީމު ކަޓުވާލައި ޓޮޓެންހަމް ފައިނަލަށް ދަތުރު ކުރި އިރު މިއީ ޓޮޓެންހަމް މި މުބާރާތުގެ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ.

ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން --- ފޮޓޯ/ޖޭމީ ސްމިތް

މިރޭގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އެތުލެޓިކޯ މެޑްރިޑުގެ ވަންޑާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމުގައެވެ.

comment ކޮމެންޓް