ކާށިދޫ ނެރަށް އުރުނު ތެޔޮ ބާޖު ފުންކޮށްފި

ކާށިދޫ ނެރަށް އުރުނު "މާތޮޅި" ތެޔޮ ބާޖު -- ފޮޓޯ/ އެމްއެންޑީއެފް

ކ. ކާށިދޫ ހުޅަނގު ނެރު މައްޗަށް އުރުނު ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ "މާތޮޅި" ތެޔޮ ބާޖު ފުންކޮށްފިއެވެ.

100 ފޫޓޫގެ "މާތޮޅި" ތެޔޮ ބާޖު ކާށިދޫ ނެރަށް އުރުނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭރު އެ ބޯޓުގައި ހަ ފަޅުވެރިން ތިއްބެވެ.

އޭގެ އަނެއް ދުވަހު އެ ތެޔޮބޯޓު ފުންކުރުމުގެ މަސައްކަތް އެމްޕީއެލްގެ ޓަގްބޯޓެއް ބޭނުންކޮށްގެން ބާޖުގެ ވެރި ފަރާތުން ފެށިއެވެ. އަދި އެކަމަށް އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދިނެވެ.

އެމްއެންޑީއެފްއިން ބުނީ، މިއަދު 11:22 އެހާކަން ހާއިރު ބާޖު ފުން ކުރެވިފައިވާ ކަމަށެވެ. ފުންކޮށް ނިމުނު އިރު ބާޖަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި ބާޖުން ތެޔޮ ލީކުވެސް ނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ބާޖު އުރުނު ހާދިސާ ހިނގި އިރު އެ ބާޖުގައި 27،000 ލީޓަރުގެ ޕެޓްރޯލު އަދި 180،000 ލީޓަރުގެ ޑީސަލް ބަރުކޮށްފައި ހުއްޓެވެ.

comment ކޮމެންޓް