މޯދީގެ ދެވަނަ ދައުރު ފެށުނު އިރު، އިންޑިއާގެ އިގުތިސާދީ ކުރިއެރުން ދަށްވެއްޖެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެވަނަ ދައުރަކަށް ވެރިކަމުގެ ހުވާ ކުރައްވަނީ -- ފޮޓޯ: އޭޕީ

ދިއްލީ (ޖޫން 1): އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމުގެ ދެވަނަ ދައުރު ފެއްޓެވި އިރު ގައުމުގެ އިގުތިސާދީ ކުރިއެރުން ދަށްވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ސްޓެޓިސްޓިކްސް އެންޑް ޕްރޮގްރާމް އިމްޕްލިމެންޓޭޝަނުން އިއްޔެ ނެރުނު ތަފާސް ހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސް ތެރޭ ގައުމުގެ އިގުތިސާދު ކުރިއަރާފައި ވަނީ 5.8 ޕަސެންޓަށެވެ. ނަމަވެސް އޭގެ ކުރީގެ ކުއާޓަރުގައި އިގުތިސާދު ކުރިއެރި މިންވަރު 6.6 ޕަސެންޓަށް އެރިއެވެ. އަދި އެނެލިސްޓުން މީގެ ކުރިން ލަފާ ކުރި ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިގުތިސާދީ ކުރިއެރުން 6.3 ޕަސެންޓަށް އަރާނެއެވެ.

އެއާ އެކު އިންޑިއާއަށް ވަނީ އެގައުމުން ގާތްގަނޑަކަށް ދެ އަހަރަށް ދިފާއުކޮށްފައިވާ، ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގުތިސާދުގެ މަގާމު ގެއްލިފަ އެވެ. އެމަގާމު މިހާރު ހޯދާފައި ވަނީ ޗައިނާއިންނެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެގައުމުގެ އިގުތިސާދު ވަނީ 6.4 ޕަސެންޓަށް ކުރިއަރާފައެވެ.

އިންޑިއާގެ އިގުތިސާދީ މައްސަލައިގެ އިތުރުން ގައުމުގައި ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވުމަކީވެސް މޯދީގެ ދެވަނަ ދައުރަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ.

އެގޮތުން 2017 އާއި 2018އާ ދެމެދު އިންޑިއާގެ ވަޒީފާ ނެތް މީހުންގެ ރޭޓު ވަނީ 6.1 ޕަސެންޓަށް އަރާފައެވެ. އެއީ ފާއިތުވި 45 އަހަރު ތެރޭ ވަޒީފާ ނެތް ރޭޓު އެހާވަރަށް މަތިވި ފުރަތަމަ ފަހަރެވެ.

އިންޑިއާގެ އިގުތިސާދު މަޑުޖެހުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ފާހަގަކޮށްފައި ވަނީ ގައުމުގެ މީހުން ހަރަދުކުރާ މިންވަރު ކުޑަވުމާއި ޕްރައިވެޓް އިންވެސްޓްމެންޓުތައް މަދުވުމެވެ. އެގޮތުން ފާއިތުވި މަސްތަކުގެ ތެރޭގައި އިންޑިއާގައި ކާރާއި އެސްޔޫވީ ފަދަ އުޅަނދު ގަންނަ މިންވަރު ވަނީ ފާއިތުވި ހަތް އަހަރު ތެރޭގައި ދަށްނުވާ މިންވަރަކަށް ދަށްވެފައެވެ. އަދި ފާއިތުވި ދެ ކުއާޓަރުގައި ޕްރައިވެޓް އިންވެސްޓުމެންޓުތައް އިތުރުވި އަދަދު ވަނީ 8.4 ޕަސެންޓުން 7.2 ޕަސެންޓަށް ދަށްވެފައެވެ.

މީގެ އިތުރުން އިކޮނޮމިސްޓުން ބުނާ ގޮތުގައި މުޅި ދުނިޔޭގެވެސް އިގުތިސާދީ ކުރިއެރުން މަޑުޖެހެމުން ދިޔުމުގެ ސަބަބުން މިކުއާޓަރުގައިވެސް އިންޑިއާގެ އިގުތިސާދު ދަށްވާނެއެވެ.

ބޮޑުވަޒީރު މޯދީގެ އާ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަމަށް އައްޔަންކޮށްފައި ވަނީ މޯދީގެ މިދިޔަ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނިރުމަލާ ސިތާރާމަންއެވެ. އެއީ ބޮޑުވަޒީރު އިންދިރާ ގާންދީއަށް ފަހު ފިނޭންސް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ އަންހެން މިނިސްޓަރެވެ.

އަދި އިންޑިއާގެ އިގުތިސާދު ކުރިއެރުވުމަށް މޯދީގެ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)އިން އަޅާނެ ކަމަށް ބުނެފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އިންކަމް ޓެކްސް ކުޑަކޮށް، އިގުތިސާދުގައި މީހުން ކުރާ ހޭދަ އިތުރު ކުރުމަށް ހިތްވަރުދިނުން ހިމެނެއެވެ. އަދި މި މަހު ރިޒާވް ބޭންކް އޮފް އިންޑިއާއިން އިންޓްރެސްޓު ރޭޓުތައް ކުޑަ ކުރާނެ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

މީގެ އިތުރުން ބީޖޭޕީން ވަނީ ގައުމުގެ މަގުތަކާއި ރެއިލްވޭތަކާއި އެހެނިހެން އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް 1.44 ޓްރިލިއަން ޑޮލަރު ހަރަދު ކުރާނެ ކަމަށް ވައުދުވެފަ އެވެ. އަދި އޮބްޒާވަރުން ބުނާ ގޮތުގައި އޭގެ ތެރެއިން ބޮޑު ބައެއް ހަރަދު ކުރާނެ ކަމަށް ބެލެވެނީ ޕްރައިވެޓް ސެކްޓާ މެދުވެރިކޮށެވެ.

comment ކޮމެންޓް