އޯއައިސީ ސަމިޓުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންފި

އިއްޔެ ސައުދީ އަރަބިއްޔާގެ މައްކާގައި ފެށި އޯއައިސީ ސަމިޓުގައި ރައީސް ސޯލިހު އަދި ދިވެހި ވަފުދު -- ފޮޓޯ/ ރައީސް އޮފީސް

މުސްލިމު މެޖޯރިޓީ އަބާދީ އޮންނަ ގައުމުތަކުގެ ޖަމިއްޔާ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފިއެވެ.

މި ސަމިޓު ފެށީ އިއްޔެ، ސައުދީ އަރަބިއްޔާގެ މައްކާގައެވެ. ކޮންމެ ތިން އަހަރަކުން އެއް އަހަރު ބާއްވާ މި ސަމިޓަކީ އިސްލާމީ އުންމަތުގެ ލާބައާއި މަންފާއަށްޓަކައި މަސައްކަތްކުރުމަށް އިސްލާމީ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ އިތުރުން، އިސްލާމް ދީނުގެ އުސޫލުތައް ކުރިއެރުވުމަށް މަސައްކަތްކުރުމެވެ.

މީގެ އިތުރުން އޯއައިސީގެ ގައުމުތަކުގެ ލީޑަރުންނަށް ފާހަގަކުރެވޭ އެންމެ މުހިންމު މައްސަލަތަކާއި، އުންމަތަށް ކުރިމަތިވެފައިވާ އެކި މައްސަލަތައް ހައްލުކުރުމާއި، ގައުމުތަކުގެ ވެރިން ކަންކަމުގައި ހިޔާލު ބަދަލުކުރުމުގެ ފުރުސަތުވެސް ލިބެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި އެ ސަމިޓަށް ރައީސް ސޯލިހު ވަނީ މުހިންމު ހުށަހެޅުންތަކެއް ހުށަހަޅުއްވާފައެވެ. އެގޮތުން މުޅި އުންމަތުގެ ބޮޑެތި މައްސަލަތަކަށް ރާއްޖެއިން ދޭ އިސްކަން ފާހަގަކުރައްވައި، އުންމަތުގެ ލާބައާއި މަންފާއަށް ކުރެވޭ ކަންކަމުގައި ރާއްޖެއިންވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުްނ ގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނާއި، އަދި ހާއްސަކޮށް ފަލަސްތީނުގެ މުސްލިމުންނަށް ރާއްޖެއިން ތާއީދު އޮތް މިންވަރު ރައީސް ފާހަގަކުރެއްވިއެވެ.

އޯއައިސީގެ ސަމިޓުގައި ވާހަކަދެކެވޭ މައްސަލަތަކުގެ ތެރޭގައި ގައުމުތަކުގެ ދާޚިލީ ބައެއް މައްސަލަތަކާއި އިސްލާމީ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، އަދި އެކި ގައުމުތަކުގައި ދިރިއުޅޭ ބައި މަދު މުސްލިމުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހިމެނެއެވެ.

އަދި މި އަހަރުގެ ސަމިޓުގައި، މިއަދު ދުނިޔޭގެ މުސްލިމުންނާ މެދު ގެންގުޅޭ ތަފާތުކުރުމުގެ އަމަލުތައް ގިނަވަމުންދާ މައްސަލަ، މެދުއިރުމަތީގެ ހަމަޖެހުން، އަދި އުންމަތަށް ކުރިމަތިވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެއެވެ.

މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

comment ކޮމެންޓް