އުފާވެރި މަންޒަރެއް! އަވަށްޓެރިން އެކުގައި ރޯދަވީއްލުމަކަށް

އިއްޔެ ޝަހީދު އަލީ ގޯޅީގައި އޮތް ރޯދަ ވީއްލުމަށް ތައްޔާރު ވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިންތައް ޖޯޑުތައް ހިފައިގެން ސިޑިން ފައިބަނީއެވެ. އަންހެން ވެރިން ތަށިތައްޓާއި، ކާއެއްޗެއްސާ އެކު ފައިބައި، ގޯޅީ ތެރޭގައި އެއް ބަރިއަކަށް އަތުރާލާފައު ހުރި އެ ތަކެތި މޭޒުތަކުގައި އަތުރަނީ އެވެ. އެއް ބަޔަކު މޭޒުތައް ތަރުތީބުކުރަމުން އައިއިރު، އަނެއް ބަޔަކު ތަށި ތަށްޓައް ޖޫސް އަޅައި ތައްޔާރު ކުރަނީ އެވެ. މިއީ ގެއެއްގެ ތެރެއިން ފެނުނު މަންޒަރެއް ނޫނެވެ. މިއީ އިއްޔެ އިރު އޮއްސުނު ވަގުތު މާފަންނު، ޝަހީދު އަލީ ގޯޅި ތެރެ އެވެ.

ތޮއްޖެހިފައިވާ މި މާލޭގައި އަވަށްޓެރި އެންމެން ގުޅިގެން ބޮޑު ރޯދަ ވީލުމެއް ބާއްވާނެ ޖާގައެއް ނޯވެ އެވެ. އެފަދަ ކަންކަން މާލޭގައި ވަރަށްވެސް މަދެވެ. އެކަމަކު ޝަހީދު އަލީ ގޯޅީގެ އަވަށްޓެރިން ދެއްކީ، އެ ހުރިހާ އުނދަގުލަކާ އެކުވެސް އެ މީހުންނަށް ގުޅިގެން ބޮޑު ރޯދަ ވީއްލުމެއް ބޭއްވޭނެ ކަމެވެ.

މިއަދު ޝަހީދު އަލީ ގޯޅީގައި އޮތް ރޯދަ ވީއްލުމަށް ތައްޔާރު ވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާފަންނު ޝަހީދު އަލީ ގޯޅީގައި ދިރިއުޅޭ އާއިލާތައް ގުޅިގެން އިއްޔެ ބޭއްވި ރޯދަ ވީއްލުން ހާއްސަވަނީ މިފަދަ އެތައް ސަބަބެއް ހުރީމަ އެވެ. ކުޑައިރު ރަށުގައި އުޅުނު އިރު އަހަންނަށް މިކަހަލަ އެއްބައިވަންތަ ކަމެއް ފެނުނަސް، މި މާލޭގައި އޮންނަ ހަމަޔަކީ އެ މީހަކާ އެމީހެކެވެ. އެކަމަކު ޝަހީދު އަލީ ގޯޅީގެ ރޯދަ ވީއްލުމުން ފެނުނީ އެއްބައިވަންތަ ކަމުގެ އާދަތައް އެކީ ނެތިގެން ނުދާކަމެވެ.

މުޅި ގޯޅީގެ އެއްކޮޅުން އަނެއް ކޮޅަށް އަތުރާލާފައި އޮތީ ހުދު ފޮތި އަޅާފައި ހުރި މޭޒުތަކެވެ. އެއިން ކޮންމެ މޭޒެއްގައި ކަދުރު އަޅާފައި ހުރި ތަށްޓެއް ބަހައްޓާފައި ހުއްޓެވެ. ކޮންމެ މޭޒެއް ކައިރީގައި ނޫކުލައިގެ ގޮނޑިތައް ހުރީ އަތުރާލައިފަ އެވެ. އަދި މޭޒުތަކާ ދުރުގައި ވެސް ގޮނޑި އަތުރާލައި ހިސާބުގަނޑު އެންމެންނަށް ރޯދަ ވީއްލުމުގައި ބައިވެރިވެވޭ ގޮތަށް އޮތީ އިންތިޒާމްކޮށްފަ އެވެ.

ކާބޯތަކެތި ބަހައްޓާފައި ހުރީ، ގޯޅީގެ މެދުގައި ހުރި ބޮޑު މޭޒުގައެވެ. ރޯދަ ވީއްލަން ވުމުން އެތަނުން ތަކެތި ނަގައިގެން މޭޒުތައް ކައިރީ އަތުރާފައި ހުރި ގޮނޑިތަކުގައި ހަމަޖެހިލަންވީ އެވެ. ކުޑައެއް ބޮޑެއް މުއްސަންޖެއް ފަގީރެއް ތަފާތެއް ނެތެވެ. ހަމަ ކޮންމެ ގޮނޑިއެއްގައި ވެސް އައިސް ޖައްސާލަންވީ އެވެ.

މިއަދު ޝަހީދު އަލީ ގޯޅީގައި އޮތް ރޯދަ ވީއްލުމަށް ތައްޔާރު ވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަންގިއަށް 10 މިނެޓަށްވީ އިރު ގޯޅިތެރޭގައި ހަރަކާތްތައް ވަރަށް ވެސް ގިނަ އެވެ. އެކި މީހުން އެކި މަސައްކަތުގައި އަވަދިނެތި އެވެ. ކުޑަކުދިން ވަކި ދުލެއް ނުކުރެ އެވެ. އެ ކުދިންވެސް މަސައްކަތުގައި އަވަދިނެތި އެވެ. ސިފަވީ މިއީ އެއް އާއިލާއެއްގެ ބައެއް ހެން އެވެ.

"ވަރަށް އުފާވޭ މިކަހަލަ މަންޒަރުތައް ފެނުނީމަ. މި ތަންތަން ފެނުމުން، ކުރީގައި ދިވެހީންގެ ތެރޭގައި އޮތް އާދަތައް މުޅިން ނެތިގެން ގޮސްފިޔޭ ނުބުނެވޭނެ. މިއީ އުންމީދީ މަންޒަރެއް،" ގޯޅީގައި ދިރިއުޅޭ މެދު އުމުރުގެ މީހަކު ބުންޏެވެ.

މިއަދު ޝަހީދު އަލީ ގޯޅީގައި އޮތް ރޯދަ ވީއްލުމަށް ތައްޔާރު ވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ކޮންމެ ހަނި ގޯޅިއެއްގައި މިފަދަ ރޯދަ ވީއްލުންތައް ބޭއްވޭނެ ފުރުސަތު ނޯންނަނީ އެފަދަ ގޯޅިތައް ބަންދުކޮށްފައި ނުހުންނާތީ ކަމަށް ވެދާނެ އެވެ. އެކަމަކު ޝަހީދު އަލީ ގޯޅިއަކީ އެއްގަމު އުޅަނދުތައް ނުދުއްވޭ ގޮތަށް ހަދާފައިވާ ގޯޅިއެއް ކަމުން އެ ގޯޅީގައި ދިރިއުޅޭ އާއިލާތަކަށް ރޯދަ ވީއްލުމެއް ބާއްވަން ފުރުސަތު ލިބުނީ އެވެ.

މިއީ ކިހާ އުފާވެރި މަންޒަރެއް ހެއްޔެވެ. ކުޑަކުދިންނަށް ވެސް ހީވަނީ އީދެއް އައިސްގެން އުޅޭހެން އެވެ. ކޮންމެ މީހަކު ވެސް އެކަކު އަނެއް ކަކައި ވާހަކަ ދައްކާ ހީސަމާސާ ކުރަނީ އެވެ. ހީވަނީ ދުވަސްގަނޑަކަށް ފަހު މުޅިން އަލަށް ބަޔަކު ދިމާވެގެން އުޅޭހެން އެވެ. ކޮންމެ ގެއެއްގައި ވެސް ތައްޔާރު ކުރި ކާތަކެތި ހިފައިގެން ތިރިޔަށް ފައިބައި އެންމެން އެކުގައި ރޯދަ ވީއްލުމާ އެކު އަހަރެން ވެސް ދަމާ ގެންދިޔައީ ކުޑައިރުގެ އެތައް ފޮނި ހަނދާނެއްގެ ތެރެއަށެވެ. ކޮންމެ ދުވަހަކު މިކަހަލަ ރޯދަ ވީއްލުމެއްގައި އަހަނަށް ބައިވެރިވެވޭނެ ނަމައޭ ހިތަށް އެރި އެވެ.

comment ކޮމެންޓް