ދިރާގުން ގުރުއާނާ ބެހޭ މަރުކަޒުގެ ކޯސްތަކަށް ބޮޑު އެހީތެރިކަމެއް

ދިރާގުން ގުރުއާނާ ބެހޭ މަރުކަޒާ އެކު ހެދި އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެެެއިން -- ފޮޓޯ: ދިރާގު

ދިރާގުން މެގަ އެކްސެސް ނެޓްވޯކް ސޮލިއުޝަން މެދުވެރިކޮށް ޤުރުއަނާ ބެހޭ މަރުކަޒުން، ފުވައްމުލަކާއި ލ. ފޮނަދޫގައި ހިންގަން ނިންމާފައިވާ ކޯސްތަކުގެ ކްލާސްރޫމްތައް ޑިޖިޓަލް ކޮށްދޭން ނިންމައިފިއެވެ.

ދިރާގުން މިއަދު ފޯރުކޮށްދޭން ނިންމި ހިދުމަތުގެ ދަށުން، މާލޭގައި ހުންނަ ގުރުއާނާ ބެހޭ މަރުކަޒުގެ މުދައްރިސަކަށް އެހެން ރަށްތަކުގައި ތިބޭ ދަރިވަރުންނަށް ކިޔަވައިދެވޭނެއެވެ. އެއީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

އެ ހިދުމަތުގެ ސަބަބުން، ޑިޖިޓަލް ކްލާސްރޫމް ޒަރިއްޔާއިން ދަރިވަރުންނަށް މާލޭގައި ތިބޭ މުދައްރިސުންނާ ސުވާލުވެސް ކުރެވޭނެއެވެ.

އެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ދިރާގުން ކީރިތި ގުރުއާނާ ބެހޭ މަރުކަޒާއެކު ރަސްމީ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ބުނީ އެ ހިދުމަތުގެ ސަބަބުން އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށް ރަށުގައި ތިބެގެން ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ޕްރޮގްރާމެއް ކަމަށެވެ.

ޖުމްލަ 91 ދަރިވަރުން މިވަގުތު ގުރުއާނާ ބެހޭ މަރުކަޒުގެ ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ. އެއީ ގުރުއާން މުދައްރިސް ކަމުގެ ޑިގްރީގައި 65 ދަރިވަރުން އަދި އިމާމްކަމުގެ ޑިގްރީގައި 26 ދަރިވަރުންނެވެ.

ދިރާގުން ބުނީ އިޖުތިމާއީ ޒިންމާގެ ދަށުން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ތައުލީމާއި ގުޅުންހުރި ހިދުމަތްތައް ފޯރުކޮށްދިނުން ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ އެ ކުންފުނިން އިސްކަންދޭ ކަމެއް ކަމަށެވެ.

comment ކޮމެންޓް