ހާލުގައި ޖެހި، އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައިވާ އާއިލާއަކަށް އޭޑީކޭއިން އެހީތެރިވެދީފި

ހާލުގައި ޖެހި، އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައިވާ އާއިލާއަކަށް އިމާރާތެއް އަޅައިދެނީ---

ހާލުގައި ޖެހި، އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައިވާ ލ. ހިތަދޫގެ އާއިލާއަކަށް އޭޑީކޭ ހޮސްޕިޓަލް ހިންގާ އޭޑީކޭ ޓްރޭޑުން އެހީތެރިވެދީފިއެވެ.

ހާލުގައި ޖެހިފައިވާ އާއިލާއަކަށް އޭޑީކޭއިން ކޮންމެ އަހަރަކުވެސް ދަނީ އެހީތެރިވެދެމުންނެެވެ. އެގޮތުން މިއަހަރުވެސް ރާއްޖޭގެ އެކި ރަށްތަކަށް ގޮސް ހާލުގައި ޖެހިފައިވާ މީހުން ހޯދައި އެހީތެރިވުމަށް އޭޑީކޭއިން ވަނީ މަސައްކަތްކޮށްފައެވެ.

އޭޑީކޭއިން މިފަހަރު އެހީތެރިވި އާއިލާއަކީ ހަތް ކުދިންނަާއި މަންމައަކު ހިމެނޭ އާއިލާއެކެވެ. އެ ހުރިހާ ކުދިންވެސް ބައްޕަގެ ލޯބިން މަހުރޫމްވެފައިވާއިރު މިވަގުތު އޭގެ ތެރެއިން ފަސް ކުދިން ދިރިއުޅެމުންދަނީ މަންމައާއެކުއެވެ.

އޭގެ ތެރެއިން 13 އަހަރުގެ ކުއްޖާއަށް މަލާމާތާއި ފުރައްސާރަ ލިބޭތީ މިވަގުތު ސްކޫލަކަށް ނުދެއެވެ. އަދި އެ ކުދިންގެ މަންމައަށް ވަނީ ޖިންސީ ގޯނާއާއި ފުރައްސާރަ ކުރިމަތިވެފައެވެ. އެ އާއިލާއަށް ފާހާނާ ކުރެވެނޭ ނިޒާމެއްވެސް ގޭގައި ނުހުންނައިރު، ގޭގައި އޮންނަނީވެސް އެންމެ ގޮދަނޑިއެކެވެ.

އޭޑީކޭއިން ވަނީ އެ އާއިލާގެ ހާލަތު ބެލުމަށްފަހު 10 ދުވަސްތެރޭ އެހީ ހިފައިގެން ހިތަދޫއަށް ގޮސްފައެވެ. އެގޮތުން އެ އާއިލާއަށް އުޅެވޭނެ ރަނގަޅު ފެންވަރެއްގެ އިމާރާތެއް އަޅައިދީ ގެއަށް ބޭނުންވާ ފަރުނީޗަރު ފަދަ ތަކެތި ވަނީ ބަހައްޓައިދީފައެވެ.

އޭގެ އިތުރުން ސްކޫލަށް ނުދާ ކުއްޖާއަށް ސްކޫލަށް ބޭނުންވާ ތަކެތި ފޯރުކޮށްދީ އޭނާ ވަނީ އަނބުރާ ސްކޫލަށްދާން އެހީތެރިވެދީފައެވެ.

comment ކޮމެންޓް