ދުންފަތާ ބެހޭ އާ ގަވައިދު ފުރިހަމައަށް ތަންފީޒުކޮށްދިނުމަށް ރައީސް އެދިވަޑައިގެންފި

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު އިފްތިތާހުކުރުމަށް 31 ޖެނުއަރީ 2019 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް، ލޭބަލް ޖެހުމާ ބެހޭ ގަވައިދު މިއަދުން ފެށިގެން ތަންފީޒުވާން ފަށާފައިވާ އިރު، މި ގަވައިދު ފުރިހަމައަށް ތަންފީޒުކޮށްދިނުމަށް ކަމާ ބެހޭ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ވަކި ވަކި ސިނގިރޭޓު ވިއްކުން މަނާކުރުމުގެ އިތުރުން، ސިނގިރޭޓު ފޮށީގައި އިންޒާރުގެ މެސެޖާއި ފޮޓޯ ބޮޑުކޮށް ޖެހުމަށް އެކުލަވާލި ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް، ލޭބަލް ޖެހުމާ ބެހޭ ގަވައިދު މިއަދު ތަންފީޒުވާ އިރު، މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފަހަގަކުރާ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހެވެ.

މިއަދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ހިތާބެއްގއި ވިދާޅުވީ މިފަދަ ދުވަހެއް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދުންފަތުގެ ވަބާއިން އިންސާނުން ސަލާމަތްކުރުމަށްޓަކައި ހޭލުުންތެރިކަން އިތުރުކުރުމާއި ދުންފަތް ކޮންޓްރޯލްކުރުމަށް ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރުމަށް ދައުލަތްތަކާއި ޖަމިއްޔާތައް ބައިވެރިވެގެން މަސައްކަތްކުރުން ކަމަށެވެ.

https://sun.mv/119823

މި އަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ޝިއާރަކީ ފުއްޕާމޭގެ ދުޅަހެޔޮކަމެވެ.

ރައީސް ސޯލިހުގެ ހިތާބުގައި ވިދާޅުވީ ރާއްޖޭގައި ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދު މި އަހަރުގެ ޖެނުއަރީ 31 ގައި ގެޒެޓުކުރެވި، އަދި އެއަށް މިއަދު އަމަލުކުރެވެން ފެށުމާއެކު މިއަދަކީ ތާރީހީ ދުވަހެއް ކަމަށެވެ.

"ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް، ލޭބަލް ޖެހުމާބެހޭ ގަވައިދަށް، މިއަދު ޢަމަލުކުރަން ފެށުމާއެކު، ވަކި ސިނގިރޭޓާއި، ބިޑި ސުއްޓާ ވިއްކުން މަނާވީއެވެ. އަދި ދުންފަތުން ލިބޭ ޞިއްޙީ ގެއްލުންތައް ހާމަކޮށްދޭ ފޮޓޯގެ އިންޒާރުތައް ޖަހައިގެން ނޫނީ، ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުންވެސް، ވަކި މުއްދަތަކަށްފަހު މަނާވާނެއެވެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ގަވައިދަށް ފުރިހަމައަށް އަމަލުކުރުމަކީ ކޮންމެ ރައްޔިތެއްގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް، އުފެއްދުންތެރި އަދި އުފާވެރި ދިރިއުޅުމެއް ހޯދުމަށް ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ.

އަދި މިފަދަ ގާނޫނުތަކާއި ގަވައިދުތައް ހަދާފައި ވަނީ މުޅި މުޖުތަމައުގެ މަސްލަހަތަށްޓަކައި ކަމަށާއި، އެފަދަ ގާނޫނުތަކާއި ގަވައިދުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ތަނފީޒީ އިދާރާތަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ދުންފަތުގެ ނރުައްކަލުން ރައްޔިތިތުން ސަލާމަތްކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި ޖަމިއްޔާތައް ގުޅިގެން، އެކި ފެންވަރުގައި މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ.

"ދުންފަތުގެ ވަބާއިން މިންޖުވެފައިވާ، ހަށިހެޔޮ ދުޅަހެޔޮ ރައްޔިތެއް އުޅޭ ޖަޒީރާ ރާއްޖެއަކަށް މި ޤައުމު ހެދުމަށްޓަކައި، މިއަދަކީ އަޅުގަނޑުމެން ދުންފަތަށް އަލްވަދާޢު ކިޔާ ދުވަހަކަށް ހަދަމާތޯއެވ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކުގައި ކޮންމެ އަހަރަކުވެސް ހަތް މިލިއަނަށްވުރެ ގިނަ މީހުން މަރުވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހިސާބުތައް ދައްކާއިރު، އޭގެ ތެރެއިން 890،000 އަށް ވުރެ ގިނަ މީހުންނަކީ އެހެން މީހުން ދުންފަތުގެ އިސްތިއުމާލުކުރުމަށްފަހު ދޫކުރާ ދުމުގެ ސަބަބުން ނުވަތަ ޕެސިވް ސްމޯކިންގްގެ ސަބަބުން ޖެހޭ ބަލިތަކުގައި މަރުވާ މީހުންނެވެ.

comment ކޮމެންޓް