އުފަންވި އިރު ބަރުދަނުގައި އެންމެ 245 ގްރާމް، މިހާރު ސިއްހަތު ރަނގަޅު

އުފަންވި އިރު ބަރުދަނުގައި އެންމެ 245 ގްރާމް ހުރި ކުއްޖާގެ ސިއްހަތު ރަނގަޅުވެ، މިހާރު ވަނީ ގެޔަށް ފޮނުވާލާފަ --- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ކެލިފޯނިއާގައި މިދިޔަ ޑިސެމްބަރު މަހު ދުވަސްނުފުރާ ވިހެއި ކުއްޖެއްގެ ބަރުދަނުގައި ހުރީ އެންމެ 245 ގްރާމެވެ. އަދި އޭރު "ބޭބީ ސޭބީ" ސަލާމަތްވާނެ ކަމުގެ އުންމީދު ކުޑަ ނަމަވެސް، އެ ތުއްތު ކުއްޖާގެ ސިއްހަތު މިހާރު ރަނގަޅުވެ، ގެޔަށް ފޮނުވާލާފައިވާ ކަމަށް ޑޮކްޓަރުން ބުންޏެވެ.

ކެލިފޯނިއާގެ ޝާޕް މޭރީ ބާކް ހޮސްޕިޓަލުން ބުނި ގޮތުގައި ސޭބީ އުފަންވި އިރު ކުއްޖާގެ މަންމަގެ ބަނޑަށްވީ އެންމެ 23 ހަފްތާ (5 މަހެއްހާ ދުވަސް)އެވެ. އަދި އޭރު އެމަޖެންސީގައި ސިޒޭރިއަން ހަދަން ޖެހުނީ ކުއްޖާގެ ބަރުދަން އިތުރު ނުވާތީއާއި މަންމަގެ ފުރާނައަށް ނުރައްކާވުމުންނެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި ސޭބީ އުފަންވި އިރު، ކުއްޖާގެ ބަރުދަނުގައި ހުރީ ގާތްގަނޑަކަށް ބޮޑު އާފަލެއްގެ ބަރުދަނެވެ. އަދި ޑޮކްޓަރުން ފުރަތަމަ ލަފާ ކުރީ ސޭބީގެ ފުރާނަ ސަލާމަތް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ވިހެއިތާ ފަސް މަސް ފަހުން އެކުއްޖާ ދޫކޮށްލި އިރު، ސޭބީގެ ސިއްހަތު ރަނގަޅުވެ، ބަރުދަން ވަނީ 5.6 ކިލޯއަށް އަރާފަ އެވެ.

ސޭބީގެ މަންމަ ބުނީ ކުއްޖާ އުފަންވި ދުވަހަކީ "މުޅި ހަޔާތުގައިވެސް އެންމެ ބިރުގަތް ދުވަސް" ކަމަށެވެ. އަދި ބުނީ ދަރިފުޅު ސަލާމަތްވާނެ ކަމަށް ފުރަތަމަ ގަބޫލުވެސް ނުކުރެވުނު ކަމަށެވެ.

"އަހަރެން ބުނަމުން ދިޔައިން ދަރިފުޅު ސަލާމަތް ނުކުރެވޭނެއޭ. އަދި ބަނޑަށް އެންމެ 23 ހަފްތާއޭވީ،" ސޭބީގެ މަންމަ ބުންޏެވެ.

ސޭބީއަށް ފަރުވާ ދިން ޑޮކްޓަރުން ބުނި ގޮތުގައި އެކުއްޖާ ސަލާމަތްވީ، ދުވަސްނުފުރާ ވިހެއުމުން ބައެއް ފަހަރު ކުރިމަތިވާ ސީރިއަސް މައްސަލަތައް ސޭބީއަށް ދިމާނުވާތީއެވެ.

ސޭބީ އުފަންވުމާއެކު އެކުއްޖާ ވަނީ ރެކޯޑެއްވެސް ހަދާފައެވެ. އެގޮތުން ދުވަސްނުފުރާ ވިހެއުމަށް ފަހު ފުރާނަ ސަލާމަތް ކުރެވިފައިވާ އެންމެ ތުއްތު ކުދިންގެ ރެޖިސްޓްރީގެ އެއް ވަނައިގައި މިހާރު އޮތީ ސޭބީގެ ނަމެވެ. މީގެ ކުރިން އެލިސްޓުގެ އެއް ވަނަ ހޯދާފައި އޮތީ 2015 ވަނަ އަހަރު ޖަރުމަނަށް އުފަންވި އިރު، ބަރުދަނުގައި 252 ގްރާމް ހުރި ކުއްޖެކެވެ.

comment ކޮމެންޓް