ރޯދަ ވީއްލަން އަދިވެސް ކަމުދަނީ ގުޅަ ބަޖިޔާ ބޯކިބާތަ؟

ޒަމާން ވަރަށް ބޮޑަށްވެސް ބަދަލުވެއްޖެއެވެ. އަހަރެމެންގެ އުޅުމާއި ގުޅުމާއި އާދަކާދައާއި ސަގާފަތްތަކަށް ހީވެސް ނުކުރާހާ ގިނަ ތަފާތުތަކެއް އަތުވެއްޖެެއެވެ. ހެނދުނު ހެނދުނާ ނުކުމެ އަންހެންވެރީން ބަދިގޭގައި އަވަދިނެތި ކައްކާއުޅުނު ޒަމާން ބީވެ ގޮއްސި ކަހަލައެވެ. ތަފާތު އެކި ވައްތަރުތަކުގެ ހެދިކާތަކާއި ރިހަތަކާއި ފަނިތަކުން ސުފުރާމަތި ފުރާލި ޒަމާން ފަސްދީވެގޮސް މިއަދު އަހަރެމެން މި ދެކެނީ ޗިއާ ސީޑް ޕުޑިންކޮޅަކާއި، ދެތިން ސެލެޑުކޮޅެއްގެ ދުވަސްވަރެކެވެ.

ފަހަރެއްގައި މިއީ ހުރިހާ ދިވެހީންގެ ވާހަކައަކަށް ނުވެދާނެއެވެ. އެހެންނަމަވެސް، ފަހަކަށް އައިސް އަހަރެމެންގެ ރޯދަވީއްލުމަށް އައިސްފައިމިވާ އެތަކެއް ބަދަލުތަކާއެކު، ދެ ތިން ކަމެއް ކޮންމެވެސް ވަރަަކަށް ގުޅުވާލެވިދާނެއެވެ

މިހާރު ބޭނުންވަނީ މުޅީންވެސް "ދުޅަހެޔޮ ކާނާ"

މިއީ ފަހަރެއްގައި އަހަރެމެންގެ ރޯދަ ވީއްލުމަށް އައި އެންމެ ބޮޑު އެއް ބަދަލަށް ވާނެއެވެ. މީގެ ކުރިން ރޯދަމަހާއި އަދި އެނޫން މަސްތަކުގައިވެސް އަހަރެމެންނަށް އެންމެ ކަމުދާ އެކައްޗަކީ އެކި ވައްތަރުތަކުގެ ތެލުލީ ހެދިކާތަކެވެ. ގުޅަ، ބަޖިޔާ، ބިސްކީމިޔާ، ޕެޓީސް، ކަޓްލަސް ފަދަ ތަކެއްޗަކީ ގޭގައި އުޅޭ ހުރިހާ އެންމެންގެވެސް ހަމަ ފޭވަރިޓެވެ.

ނަމަވެސް މިހާރު، އެންމެންވެސް ބޭނުންވަނީ ސިއްހަތަށް ފައިދާ ހުރި ކާނާއެވެ. ވީހާވެސް ތެޔޮލީ އެއްޗެހި މަދުކޮށް، ސަރުބީގެ ބައި ދަށް ކާނާއެވެ. ހިތުގެ ބަލިތަކާއި ކޮލެސްޓްރޯލްއާއި ހަކުރު މައްޗަށް ދިއުން ފަދަ މައްސަލަތައް އާންމު މި މުޖްތަމަުގައި މިއީ ގައިމުވެސް ހެޔޮ ފާލަކަށް ވާނެއެވެ.

"ސަން"އާ ވާހަކަދެއްކި މީހަކު ބުނިގޮތުގައި އެގޭގައި މި ފަހަކަށް އައިސް މުޅީންވެސް ރޯދަވީއްލުމަށް ތައްޔާރުކުރަނީ ފިހެގެން ކާލެވޭ ކަހަލަ އެއްޗެހިއެވެ. އުމުރުން ދުވަސްވީ މައިންބަފައިންނާއި ފިރިމީހާއާއި އަދި ދަރިފުޅު ގޮވައިގެން އުޅޭ މި ގޭގައި ވީހާވެސް ބޮޑަށް ދުޅަހެޔޮ އަދި ސިއްހަތަށް ފައިދާހުރި އެއްޗެހި ތައްޔާރުކުރެވޭތޯ ބަލައެވެ.

"މާ ގިނައިންނެއް ނުވެސް ކާނެ ގެއަކު، އެންމެންވެސް ބޭނުންވާނީ ހަށިގަނޑަށް ވަރަށް ލުއި ކުޅި އެއްޗެއް. ދެން ރޮށި. ތެޔޮލީ އެއްޗެހި އެއްވެސް ގޮތަަކަށް ބޭނުމެއް ނުކުރޭ. ފޮނި އެއްޗެއްވެސް ހަދާލަނީ ވަރަށް މަދުން." އޭނާ ބުންޏެވެ.

އަނެއްކޮޅުން ބަލާއިރު ގިނަބަޔަކު ބުނާގޮތުން މިހާރަކު އެ ހުރިހާ ހެދިކާތަކެއް ހަދާކަށް ވަގުތެއް ނޯވެއެވެ. އެންމެންވެސް ވަކިވަކިން އުޅޭ މި ޒަމާނުގައި ދިރިއުޅުމުގެ ބިޒީކަމާއެކު، އަމިއްލަ މިފަދަ މަސައްކަތް ވީހާވެސް ލުއިކޮށް ފަސޭހައިން ކޮށްލުމުން މާ ހިތްހަމަޖެހެއެވެ.

ރޮށްޓާއި ރިހައަކީ ހަމަ "މަސްޓް ހޭވް"އެއް

އާންމުކޮށް ހަމަ ގިނަ ގެތަކުގައި ރޮށްޓާއި ރިހަ، ނުވަތަ ރޮށްޓާއި މަސްހުނި މިއީ ކޮންމެހެންވެސް ހުންނަންޖެހޭނެ އެއްޗެކެވެ. ބައެއް މީހުން ރޯދަ ވީއްލާ ވަގުތު ކުޑަ ގޮތެއް ހަދާލަގެއިންް، މަޣްރިބް ނަމާދަށާއި ތަރާވީހަށް މިސްކިތަށް އަވަހަށް ދެވޭތޯ ބަލާއިރު، ކެއުމުގެ ބައި ކުރިއަށްދާނީ ތަރާވީހަށް ފަހުގައެވެ. މިފަދަ ގެތަކުގައި ރޮށި ކެއުން ތަންކޮޅެއް ފަސްވިޔަސް އަނެއްބައި ގެތަކުގައި އޮންނަ އާދައަކީ ކައިގެން ނަމާދަށް ދިއުމެވެ. އެހެންކަމުން އެންމެ ޑިމާންޑް ބޮޑީ ސުފުރާމަތީން ހަމަ ރޮށްޓާއި ރިހައަށެވެ.

ރިހަ އޭ ބުނެވުނަސް، މިއީ އަނެއްކާ އެހާމެ ގިނަ ވެރައިޓީ ހުންނަ ބާވަތަކެވެ. ތަފާތު އެކި މަސްރިހައާއި ތަރުކާރީ ރިހަތައް ތައްޔާރުކުރެވޭއިރު، ބައެއްގެތަކުގައި ހަވާދުގެ ބައި މަދުކުރުމަށްޓަކައި، މުގުރިހައާއި ކިރުގަރުދިޔަވެސް ކައްކައެވެ.

އެއްބަޔަކު ބުނާގޮތުން ރިހަ ކެއްކުމަކީ އެއް ގާ ގަޑުން ޖަހާ ދެ ދޫނި މަރާލުން ކަހަލަ ކަމެކެވެ. ސަބަބަކީ ހާރުދަމުގެ މަސައްކަތް ލުއިވުމެވެ. ރޯދަ ވީއްލަން ރިހަ ކައްކައިފިނަމަ ހާރަށްވެސް އެ ރިހައިން ފުދެއެވެ.

ރޮށީގެ ވާހަކަ ދައްކާއިރު "ފޮޅީ"ގެ މަތީން އަހަރެމެން ހަނދާން ނައްތާލައިން ނުވާނެއެވެ. މިއީ ހަމަ ރޯދަމަހު ސުފުރާމަތީން ފެނުން ހަމަ އެހާމެ މުހިންމު އެއްޗެކެވެ.

ކަޅުސައި ތަށްޓެއް --- ފޮޓޯ: ރީޑް ޑިޓޮކްސް ރިސަލްޓްސް ޑޮޓް ކޮމް

ކަޅުސައި ހުރިހާ ކަމަކަށްވެސް ފުދޭ!

ފަހަރެއްގައި އެއްބަޔަކު ހިތްހަމަނުޖެހިދާނެއެވެ. ނަމަވެސް މިއީ މަދުމަދުން ނަމަވެސް މިހާރު ވައިގައި ހިފަމުން އަންނަ އެއްކަމެވެ. ސިއްހީ މާހިރުންނާއި ޑައިޓީޝަނުން މެދުނުކެނޑި އެދެމުންދާ ނަސޭހަތްތަކުގައި ހިފާ ކޮންމެވެސް ބަޔަކު މިހާރު ރޯދާވީއްލާ ވަގުތުތަކުގައި ފަނިތަކާއި އެބަ ދުރަށްޖެހިލައެވެ.

މިފަދައިން ރޯދަ ވީއްލާ ވަގުތު ފަނީގެ ބަދަލުގައި ކަޅު ސައި ބޭނުންކުރާ ފަރާތްތައް ބުނާގޮތުން އެވަގުތު އެ ބޯލާ "ކަޅަކުން" ކަރުހިއްކުން ހަމަ އެއްކޮށް ފިލުވާލަދެއެވެ.

ހަ މެންބަރުންގެ އާއިލާއަކުން ބުނިގޮތުގައި އެ ގޭގައި މި ރޯދަ މަހު ފަނި ތައްޔާރުކުރީ އެންމެ ހަތަރު ދުވަހަކު އެވެ. އެހެން ނޫނީ މުޅީންވެސް ބޭނުންކުރަނީ ކަޅު ސައެވެ. ނުވަތަ ޗިއާ ސީޑްއެވެ. އެއާއެކު ރޭގަނޑު ތަރާވީސް ގަޑީގައި ތާޒާ ކުރުނބާއެއް ބޯލާއިރު، ހާރުދަމަށްވެސް ގިނައިން ބޭނުންކުރަނީ މޭވާގެ ބާވަތްތަކެވެ. ބަނޑުހައިކަމެއް ހަމަ އެއްވެސް ވަރަަކަށް އިހުސާސެއް ނުވެއެވެ.

މިއީ އަހަރެމެންގެ ތެރެއިން އެއްބައެއްގެ ވާހަކައެވެ. ކޮންމެހެން ހެދިކާތަކާއި ފަނިތައް ނުބޯށޭ އެއް ނޫނެވެ. ނަމަވެސް ތަފާތު އާދަކާދަތަކެއް އަހަރެމެންގެ ތެރެއަށް ތައާރަފްވެ ބަދަލުވަމުން އަންނަ ކަމެވެ. އޭގެތެރެއިން ރަނގަޅު ކަންކަމުގައި ހިފާ އެކަންކަން ކުރުމުގައި ދެމިތިބުމުގައި އެންމެނަށްވެސް ފައިދާ ވެއެވެ.

comment ކޮމެންޓް