ވިލިނގިލީގައި އަނެއްކާވެސް ފެންބޮޑުވެ، 50 އަށް ވުރެ ގިނަ ގެއަށް ފެން ވަދެއްޖެ

ވިލިނގިލީ ގެއަކަށް ފެންވަދެފައި: ބޯކޯށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 50 އަށް ވުރެ ގިނަ ގެތަކަށް ވަނީ ފެން ވަދެފައި -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގއ. ވިލިނގިޔަށް ބޯކޮށް ވާރޭވެހި އަނެއްކާވެސް މުޅި ރަށުގައި ފެން ބޮޑުވެއްޖެއެވެ.

އެރަށު ކައުންސިލުން ބުނިގޮތުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން، 50 އަށް ވުރެ ގިނަ ގެއަށް ފެން ވަދެ، ބައެއް ގެތަކުންގެ ޖަންކްޝަނުން ނަޖިސް މައްޗަށް އަރާ ކަމަށެވެ.

ވިލިނގިލީގައި މިދިޔަ ހަފްތާގައިވެސް ބޯކޮށް ވާރޭ ވެހި ގިނަ ގެތަކަށް ފެންވަދެ ހިފާ ގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުން ވެފައެވެ. އަދި އޭރު ބައެއް ގެތަކުން ވަނީ ނަޖިސް މައްޗަށް އަރާ ކަރަންޓު ކެނޑުމުގެ މައްސަލަ ވެސް ކުރިމަތި ވަމުންނެވެ.

ވިލިނގިލީ ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދު މިރޭ "ސަން" އަށް ވިދާޅުވީ، މިއަދު ހަވީރު 4:30 އިން ފެށިގެން އެރަށް ކުރަމުންދާ ވިއްސާރައިގައި މުޅި ރަށް ފެން ބޮޑު ވެފައިވާ ކަމަށެވެ.

"50 އަށް ވުރެ ގިނަ ގެތަކަށް ވަނީ ފެން ވަދެފައި. ބައެއް ގެތަކުގެ ހިފާ ގެންގުޅޭ ތަކެއްޗަށް ވެސް ވަނީ ގެއްލުން ވެފައި. ހަތަރު ގެއެއްގެ ޖަންކްޝަނުން ނަޖިސް މައްޗަށް އެބަ އަރާ މިހާރުވެސް ދަނީ ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހެމުން،" މުސްތަފާ ވިދާޅުވިއެވެ.

ވިލިނގިލީ ކައުންސިލާއި ރަށުގެ ރައްޔިތުންނާ ގުޅިގެން ދަނީ ފެންހިންދައި ގެތަކުގައި ވެލި ބަސްތާ ޖަހަމުންނެވެ.

"އެމްއެންޑީއެފްގެ ސަމާލުކަމަށް މިހާރު ވަނީ ގެނެސްފައި. އެމްއެންޑީއެފްގެ އުޅަނދު ކަނޑު ގަދަވުމުގެ ސަބަބުން ވިލިނގިޔަށް ނާދެވިގެން އުޅޭ ކަމަށް ވަނީ މައުލޫމާތު ލިބިފައި،" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ އެމްއެންޑީއެފްގެ އެހީއެއް ނެތި ފެންނުހިންދޭ ވަރަށް މިހާރު ފެން ބޮޑުވެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ފުލުހުން މިރޭ ބުނީ، ގއ. އަތޮޅަށް ކުރަމުންދާ ވިއްސާރައިގައި ވިލިނގިއްޔާއި، މާމެންދޫ ގައި ފެންބޮޑުވެގެން ކައުންސިލާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވިލިނގިލީގައި ފެން ވޮޑުވެފައިވާއިރު، އެ ރަށް ކައިރީގައި އޮންނަ އެއަތޮޅު މާމެންދުއަށް ވެސް ބޯކޮށް ވެހި ފެންބޮޑުވެފައިވާ ކަމުގެ މައުލޫމަތު ވަނީ ލިބިފައެވެ. މީގެ އިތުރުން، ލ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަނީ ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެފައެެވެ. އެގޮތުން ލ. މާމެންދުއާއި ގަން އަދި ފޮނަދޫގެ ގިނަ ގެތަކަށް ވަނީ ފެން ވަދެފައެވެ.

comment ކޮމެންޓް