ފޭރުނު މިފްކޯގެ ދެ މިލިއަން ނުފެނޭ، ތުހުމަތު ކުރޭވޭ މީހުން ދޫކޮށްލައިފި

ފައިސާ ހިފައިގެން ދަތުރުކުރި މިފްކޯގެ ވޭން: ފައިސާ މިހާތަނަށް ފެނިފައި ނުވާއިރު، ހައްޔަރު ކުރި އެންމެން ވަނީ ދޫކޮށްލާފައި --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ސަރުކާރު މަސްކުންފުނި، މިފްކޯގެ ދެމިލިއަން ރުފިޔާ ފޭރުނު މައްސަލައިގައި ހައްޔަރުކުރި އެންމެން ދޫކޮށްލާފައިވާ ކަމަށާއި މިހާތަނަށް އަދި އެެއްވެސް ފައިސާއެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިފްކޯގެ ވޭނަކަށް ހަމަލާދީ، ކޯރާޑީއަކުން ދޮރުގެ ބިއްލޫރިގަނޑު ތަޅާލުމަށް ފަހު ދެ މިލިއަން ރުފިޔާ ފޭރިގަތީ މިދިޔަ މާޗު މަހު 20 ވަނަ ދުވަހުއެވެ.

އެމައްސަލައާ ގުޅިގެން 19 އަހަރުގެ މީހަކާއި 23 ގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

https://sun.mv/117145

ފުލުހުންގެ މީޑިއާ އޮފިޝަލު މިރޭ "ސަން" އަށް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ފޭރުނު ދެމިލިއަން ރުފިޔާ ހޯދިފައި ނުވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުން ދޫކޮށްލާފައިވަނީ ކޮންއިރަކު ކަމެއް އަދި ސާފެއް ނުވެއެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ މީގެ ކުރިން "ސަން" ވިދާޅުވީ، ފައިސާ ފޭރިގަތީ އެކުންފުނީގެ ޑެލިވަރީ ވޭނަކުން ކަމަށާއި ފައިސާ ފޭރުނު އިރު، ވޭން ދަތުރު ކުރަމުން ދިޔައީ ރިންގް ރޯޑުން އެއާޕޯޓަށް ދިޔުމަށް ކަމަށެވެ. ފޭރިގެންފައި ވަނީ ފެލިވަރަށް ފޮނުވި ދެ މިލިއަން ރުފިޔާ ކަމަށް އޭރު ފައުޒީ ވިދާޅިވިއެވެ.

މިފްކޯގެ ދެ މިލިއަން ރުފިޔާ ނުހޯދިފައިވާއިރު، މާޗު މަސްތެރޭ ހިނގި އެސްބީއައި ކައިރިން ފޭރުނު ބީއެޗްއެމްގެ ޓްރޭޑާސްގެ 2.3 މިލިއަން ރުފިޔާ ވެސް ވަނީ އަދި ނުހޯދިފައެވެ. ބީއެޗްއެމްގެ ފައިސާ ފޭރުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އެންމެން ދޫކޮށްލާފައިވާ އިރު، އެ މައްސަލައާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކުއުޓާ ޖެނެރަލް އޮފީހަށް ވަނީ ފޮނުވާފައެވެ.

https://sun.mv/119764

comment ކޮމެންޓް