ހުޅުމާލޭގެ 5 ބިމަކުން 39 މިލިއަން ރުފިޔާ ހޯދަން އަންގައިފި

ހުޅުމާލެ މަތިން ނަގާފައިވާ އޭރިއަލް ވިއުއެއް. -- ސަން ފައިލް ފޮޓޯ

ހުޅުމާލޭ ސިނާއީ ސަރަހައްދުން އަމިއްލަ ފަރާތަކަށް ކުއްޔަށް ދީފައިވާ ފަސް ބިމަކުން އެޗްޑީސީއަށް ކުއްޔާއި ޖޫރިމަނާގެ ފައިސާ ލިބިފައި ނުވާތީ، އެ ފައިސާ އެ ފަރާތުގެ އަތުން ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، (އޭސީސ)ީއިން އެ ކުންފުނީގައި އެދެފި އެވެ.

އޭސީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލެ ސިނާއީ ސަރަހައްދުން އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ފަސް ބިމެއްގެ ކުއްޔާއި އެ ފައިސާ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި 2 މޭ 2018 ގެ ނިޔަލަށް 39.07 މިލިއަން ރުފިޔާ އަރާފައިވާ ކަމަށެވެ.

އެ ފައިސާ ހޯދުމަށް އެޗްޑީސީއިން ކޯޓަށް ގޮސްގެން މަސައްކަތް ކުރި ނަމަވެސް އެ ފައިސާ ހޯދިފައި ނުވާ ކަން ވެސް އޭސީސީއިން ފާހަގަ ކުރެ އެވެ. އެހެން ނަމަވެސް، ދެން ހުރި މަރުހަލާތަކަށް ގޮސްގެން ވެސް އެ ފައިސާ އެޗްޑީސީއަށް ހޯދުމަށް ވަނީ ލަފާދީފަ އެވެ. އަދި އެކަމުގައި ފިނޭންސް މިނިސްޓްރީއިން ވެސް ފިޔަވަޅު އެޅުމަށް އޭސީސީއިން ވަނީ ލަފާދީފަ އެވެ.

ބޮޑު މިނުގައި ޖުމްލަ 75،000 ފޫޓް ހުރި އެ ބިންތަކުން ކުލީގެ ގޮތުގައި ނުދައްކާ ހުރި އަދަދު 29.44 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ދައްކަން ޖެހޭ ޖޫރިމަނާގެ އަދަދު 11.10 މިލިއަން ރުފިޔާއަށް އަރަ އެވެ.

މީގެ އިތުރަށް، އޭސީސީއިން ލަފާދީފައި ވަނީ އެޗްޑީސީގެ މޯގޭޖް ޕޮލިސީ ކުންފުންޏަށް ގެއްލުން ނުވާނެ ގޮތަކަށް ބަދަލު ކުރުމަށެވެ. އަދި ގޯތި ފަދަ ތަކެތި ހުޅުމާލެއިން ކުއްޔަށް ދިނުމުގެ އެއްބަސްވުންތައް މިހާރަށް ވުރެ ހަރުދަނާ ކުރަން ވެސް ލަފާދީފައިވެ އެވެ.

comment ކޮމެންޓް