އިސްރާއީލްގައި އަލުން އިންތިހާބު ބާއްވަން ޕާލިމެންޓުން ފާސްކޮށްފި

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ސަރުކާރު އެކުލަވާލަން ނާކާމިޔާބުވެފަ -- ފޮޓޯ: ރޮއިޓާސް

ގުދުސް (މެއި 30): އިސްރާއީލްގައި މިހާރު އޮތް ޕާލިމެންޓު އުވާލައި، އަނެއްކާ ވެސް އާއްމު އިންތިހާބެއް ބާއްވަން އެގައުމުގެ މަޖިލިސް މެމްބަރުން ފާސްކޮށްފި އެވެ.

އެވޯޓު ނެގީ މިދިޔަ މަހުގެ ނުވައެއްގައި އިސްރާއީލްގައި ބޭއްވި އާއްމު އިންތިހާބު ކާމިޔާބު ކުރެއްވި ބެންޖަމިން ނަތަންޔާހޫއަށް އާ ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގައި ނާކާމިޔާބުވުމުންނެވެ. އެގޮތުން މިދިޔަ މަހު ހޮވުނު ޕާލިމެންޓު އުވާލުމަށް 74 މެމްބަރުން ވޯޓު ދެއްވި އިރު އެއާ ދެކޮޅަށް ވޯޓު ދެއްވީ 45 މެމްބަރުންނެވެ. އެހެންކަމުން އަންނަ ސެޕްޓެމްބަރު 17ގައި އަނެއްކާ ވެސް މަޖިލިސް މެމްބަރުން ހޮވުމަށް އިންތިހާބެއް ބާއްވާނެ އެވެ.

މިދިޔަ މަހު ބޭއްވި އިންތިހާބުގައި ނަތަންޔާހޫގެ ލިކުދް ޕާޓީއަށާއި އިދިކޮޅު ލީޑަރު ބެނީ ގަންޓްޒްގެ ބްލޫ އެންޑް ވައިޓް ޕާޓީއަށް މަޖިލީހުން ގޮނޑި ލިބުނީ އެއް އަދަދަކަށެވެ. ދެ ޕާޓީއަށް ވެސް ލިބުނީ 35 ގޮނޑި އެވެ. ނަމަވެސް ޕާލަމެންޓްގެ ބައެއް ގޮނޑިތައް ކާމިޔާބުކުރި ޔަހޫދީ ހަރުކަށި ފިކުރުގެ "ޔިސްރެއިލް ބެއިޓެއިން" ޕާޓީން ނަތަންޔާހޫގެ ޕާޓީއާ ގުޅި ކޯލިޝަން ހެދުމުން އިސްރާއީލުގައި އަލަށް ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް އެގައުމުގެ ރައީސް ރިއޮވިން ރިވްލިން ހަވާލުކުރެއްވީ ނަތަންޔާހޫ އާއެވެ.

އެކޯލިޝަން ހެދި ނަމަވެސް، ސަރުކާރު އެކުލަވާލުމާ ބެހޭ އެއްބަސްވުމަކަށް ދެ ޕާޓީއަކަށް ނާދެވުނެވެ. އެހެންކަމުން އާ ސަރުކާރެއް އެކުލަވާލުމަށް އެހެން ފަރާތަކާ ހަވާލު ކުރުމުގެ ކުރިން، ނަތަންޔާހޫ ނިންމެވީ އާ އިންތިހާބެއް ބޭއްވުމަށް ތާއިދު ކުރައްވާށެވެ.

މިދިޔަ މަހުގެ އާއްމު އިންތިހާބު ބޭއްވުމުގެ ކުރިން އިސްރާއީލުގެ އެޓާނީ ޖެނެރަލް ވަނީ ނަތަންޔާހޫގެ މައްޗަށްކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން މި އަހަރު ތެރޭ އޭނާގެ މައްޗަށް ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ނަތަންޔާހޫ ބޮޑުވަޒީރުކަމުގައި ހުންނަވަން ބޭނުންފުޅުވަނީ އެދައުވާތަކުން ހިމާޔަތް ހޯއްދެވުމަށެވެ.

ނަތަންޔާހޫގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި މުއްސަނދި ވިޔަފާރިވެރިންގެ އަތުން ރިޝްވަތު ގަބޫލު ކުރެއްވުމާއި އޭނާއަށް ފާޑު ކިޔާ ނޫހެއްގެ ވެރިޔާއަށް ރިޝްވަތު ދެއްވަން މަސައްކަތް ކުރެއްވުން ހިމެނެ އެވެ. ނަމަވެސް ނަތަންޔާހޫ ކޮރަޕްޝަނުގެ ހުރިހާ ތުހުމަތުތަކެއް ދޮގު ކުރައްވަ އެވެ.

comment ކޮމެންޓް