ފުޓުބޯޅަ ސެކިއުރިޓީއާ ބެހޭ ސެމިނާއެއް އެފްއޭއެމް އިން ބާއްވައިފި

އެފްއޭއެމް އިން ރޭ ބޭއްވި ފުޓުބޯޅަ ސެކިއުރިޓީ ބެލެހެއްޓުމާ ބެހޭ ސެމިނާގެ ތެރެއިން --- ފޮޓޯ/އެފްއޭއެމް

ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން އެފްއޭއެމްއާއި ފުލުހުން ގުޅިގެން ފުޓުބޯޅައިގެ ސެކިއުރިޓީ އޮފިސަރުންނަށް އަމާޒު ކޮށްގެން ހާއްސަ ސެމިނާއެއް ބާއްވައިފި އެވެ.

ރޭ އެފްއޭއެމް ހައުސްގައި ކުރިއަށް ގެންދިޔަ މި ސެމިނާ އަކީ ކުރިއަށް އޮތް ސީޒަނުގައި ވާދަކުރާ ދިވެހި ޕްރިމިއާ ލީގުގައި ބައިވެރިވާ ކްލަބުތަކުންނާއި، އެފްއޭއެމް މުބާރާތްތަކުގެ ޓެކްނިކަލް ޑިޕާޓްމަންޓުގެ އިތުރުން ރެފްރީން ޑިޕާޓްމަންޓުގެ އޮފިޝަލުންގެ ބައިވެރިންނާ އެކު ކުރިއަށް ގެންދިޔަ ސެމިނާ އެކެވެ. މި ސެމިނާގައި ނުވަ ކުލަބަކުން ބައިވެރިވެފައި ވާ އިރު މުޅި ސެމިނާގައި 13 ބައިވެރި އަކު ވަނީ ބައިވެރި ވެފަ އެވެ.

އެފްއޭއެމް އިން ރޭ ބޭއްވި ފުޓުބޯޅަ ސެކިއުރިޓީ ބެލެހެއްޓުމާ ބެހޭ ސެމިނާގެ ތެރެއިން --- ފޮޓޯ/އެފްއޭއެމް

މި ސެމިނާގައި މައުލޫމާތުދެއްވީ އެސިސްޓެންޓް ކޮމިޝަނަރު އޮފް މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސްމާއީލް ނަވީން އެވެ. ނަވީން އަކީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަންގެ ރެސިޑެންޓް ސެކިއުރިޓީ ކޯޑިނޭޓަރެވެ.

ގިނަ ބަދަލު ތަކާ އެކު މިއަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ. ފުޓުބޯޅަ ސީޒަން ހުޅުވަން ކުޅޭ އެ ޗެރިޓީ ޝީލްޑުގައި ވާދަ ކުރާނީ ވޭތުވެ ދިޔަ އަހަރުގެ ދިވެހި ލީގުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް އާއި މިނިވަން ޗެމްޕިއަންޝިޕުގެ ރަނަރަޕް ފޯކައިދޫ އެވެ. މި ދެ ޓީމުގެ މެދުގައި ހޯމް އެންޑް އަވޭގެ އުސޫލުން މެޗު ކުޅޭ އިރު ފުރަތަމަ މެޗު ކުޅޭނީ ފޯކައިދޫގަ އެވެ. އެއަށް ފަހު މާލޭގައި ކުޅޭ މެޗު ކުޅެން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާރު ވެސް ކުލަބުތަކުން ފަރިތަކުރުންތައް ފަށާފައިވާ އިރު މިއަހަރުގެ ސީޒަނުގައި ރާއްޖޭގެ ފުޓުބޯޅަ ދުއް އެންމެ ކާމިޔާބު ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ނުފެންނާނެ އެވެ.

comment ކޮމެންޓް