ބްރާންޗު ތަކަށް ލިބޭ ފައިސާ ކޮންމެ ދުވަހަކު ބޭންކަށް ޖަމާކުރޭ: މީރާ

މީރާ-- ސަން ފައިލް ފޮޓޯ

ރަށްރަށުގައި ހިންގާ މީރާގެ ބްރާންޗުތަކަށް ދުވަހުން ދުވަހަށް ލިބޭ ފައިސާ އަކީ ކޮންމެ ދުވަހެއްގެވެސް ރޭގަނޑު 12:00 ގެ ކުރިން މީރާގެ ބޭންކު އެކައުންޓަށް ޖަމާކުރާ ފައިސާ ކަމަށް މީރާ އިން ބުނެފި އެވެ.

މީރާ އިން ދ. ކުޑަހުވަދޫ ގައި ހިންގާ ބްރާންޗުގެ ތިޖޫރީ ފަޅާލާ، އޭގައި ހުރި ފައިސާ އާއި ޗެކުތަކެއް ވަނީ ވަގަށް ނަގައިފަ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9:30 ގައި ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ގޮސް މައުލޫމާތު ސާފުކުރި އިރު، އެ އޮފީސް ފަޅާލައިގެން ވަގުން ގެންދިޔަ ތިޖޫރީގައި ނަގުދު ފައިސާއިން ހުރީ 1،000 ރުފިޔާ އާއި 100 ޑޮލަރު ކަމަށާއި އަދ އެ ތިިޖޫރީގައި 62،393 ރުފިޔާގެ ތިން ޗެކް އޮތް ކަމަށެވެ. އާމްދަނީގެ ގޮތުގައި ލިބިފައިވާ ޗެކްތަކުގެ ޖުމްލަ 249،572 ރުފިޔާއަށް އަރަ އެވެ.

މީގެ އިތުރުން، ދެން ތިޖޫރީގައި ހުރީ 4،682 ރުފިޔާގެ ރެވެނިއު ސްޓޭމްޕް އާއި ފީ ސްޓިކާގެ 50 ސްޓިކާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި ތިޖޫރި ވަގަށް ނެގި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ.

އެކަމާ ގުޅޭގޮތުން މީރާ އިން ބުނީ އެ އިދާރާގެ ބްރާންޗުތަކުގެ ތިޖޫރީގައި ހުންނާނީ ޕެޓީކޭޝްގެ ގޮތުގައި ބޭނުންކުރާނެ މަދު ފައިސާ ކަމަށާއި ދެން ހުންނާނީ ސްޓޭމްޕާއި ސްޓިކާ ކަމަށެވެ.

ކުޑަހުވަދޫ ބްރާންޗުން ވަގަށް ނެގި ޗެކުތަކަކީ ޕޯސްޓު ޑޭޓެޑް ޗެކުތަކެއް ކަމަށާއި އެ ޗެކުަށް ފައިސާ ދޫކުރާނީ ހަމައެކަނި މީރާ އަށް ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި މީރާގެ ސޭފްގައި ހުރި ޗެކުތަކެއް ވަގަށް ނެގި މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ.

https://sun.mv/119785

comment ކޮމެންޓް