"ޗެމްޕިއަންސް ލީގުން ޖާގަ ނުލިބުމުން ކުޅުންތެރިން ގެންނަން ދަތިވާނެ"

އާސެނަލްގެ ކޯޗު އުނޭ އެމެރީ ރޭގެ ޔޫރޮޕާ ލީގުގެ ނާކާމީޔާބީއަށް ފަހު --- ފޮޓޯ/ޑެޔަން ކަލިނިޗް

އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުން ޖާގަ ނުލިބުމަކީ ކުރިއަށް އޮތްތާ ކުޅުންތެރިން ކުލަބަށް ގެންނަން ބޮޑެތި ދަތި ތަކާ ކުރިމަތިވާނެ ކަމެއް ކަމަށް އާސެނަލްގެ ކޯޗު އުނޭ އެމެރީ ބުނެފި އެވެ.

ނިމިގެން ދިޔަ އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ފަސް ވަނައިގައި ސީޒަން ނިންމާލުމުން އެކުލަބަށް އަންނަ ސީޒަނުގެ ޔޫރޮޮޕާ ލީގުން ޖާގަ ލިބުނު ނަމަވެސް އެ ޓީމުގެ އަމާޒެއް ކަމަށްވާ ޗެމްޕިއަންސް ލީގު ކުޅުމުގެ ދޮރު ދިޔައީ ބަންދު ވަމުންނެވެ. ނަމަވެސް ޔޫރޮޕާ ލީގު ހޯދައި ޗެމްޕިއަންސް ލީގަށް ކޮލިފައި ވުމުގެ އުންމީދުގައި އެ ޓީމުން ތިއްބައި ޗެލްސީއިން ވަނީ ރޭ ކުޅުނު ފައިނަލުގައި އެ ޓީމު ތަފާތު ބޮޑު ނަތީޖާ އަކުން ބަލިކޮށްފަ އެވެ.

އެ ބައްޔާ އެކު އާސެނަލަށް އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ޖާގަ ނުލިބޭނެ ކަން ވަނީ ޔަގީން ވެފަ އެވެ. އެއާ އެކު އެކުލަބުގެ ކޯޗު އުނޭ އެމެރީ ވަނީ އަންނަ ސީޒަނުގައި ކުޅުންތެރިން ގަތުމަށް ދަތިވާނެ ކަމަށް ބުނެފަ އެވެ.

"އާސެނަލަކީ ދުނިޔޭގެ ފެންވަރުގެ ބޮޑު ކުލަބެއް، މި ޓީމަށް ކުޅެން ބޭނުންވާ އެތައް އެތައް ކުޅުންތެރިންނެެއް ވެސް ތިބޭނެ. އެހެން ނަމަވެސް އަންނަ ޓްރާންސްފާ ސީޒަނުގައި ވާނެ ގޮތެއް ނޭންގެ،" އެމެރީ ބުންޏެވެ.

އޭނާ ބުނީ އާސެނަލުން މިއަހަރުގެ ސީޒަނުގައި ކުޅުން އިހުނަށް ވުރެން ރަނގަޅުކޮށްފައިވާ ކަމަށާއި ކުރިއަށް އޮތްތާގައި އަދިވެސް ރަނގަޅުވާނެ ކަމަށެވެ.

"ސީޒަން ފެށި އިރުވެސް އެންމެ ބޮޑު އަމާޒަކަށް ވީ ތީމު ވަރުގަދަ ކުރުން. އެކަން ހާސިލް ވި. ޒުވާން ގިނަ ކުޅުންތެރިން ހިމަނައިގެން މި ސީޒަނުގައި ވެސް މި ކުޅުނީ. ވަރަށް ރަނގަޅަށް ކުޅެފި."

މީގެ އިތުރުން ކުރިއަށް އޮތް ސީޒަނުގައި ކުރިމަތި ލާނީ އައު ހިތްވަރަކާ އެކު ކަމަށާއި ޓީމަށް ކުޅުންތެރިން ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އާސެނަލްގެ ގޯލް ކީޕަރު ޕީޓާރ ސެޗް ވެސް ވަނީ ރޭގެ މެޗަކީ އޭނަގެ އެންމެ ފަހު މެޗު ކަމަށް ބުނެފަ އެވެ. ސެޗް ފުޓުބޯޅައިން ރިޓަޔާ ކުރުމުން އެ ޓީމަށް އަންނަ ސީޒަނުގައި ފެންވަރު ރަނގަޅު ގޯލް ކީޕަރެއް ގެނައުން ވަރަށް މުހިއްމު ވާނެ އެވެ.

comment ކޮމެންޓް